އައިސީސީ އޮތީ އެމެރިކާގެ ނުފޫޒުގެ ދަށުގައި: ރަޝިއާ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު

ވޮޝިންޓަން (18 މާޗް 2023): ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އިން ނެރުމަކީ އެކޯޓަށް އެމެރިކާގެ ބާރާއި ނުފޫޒު ފޯރާފައި އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދިންކަމެއްކަމަށް ރަޝިއާ ބުނެފިއެވެ.

އެމެރިކާގައި ހުންނަ ރަޝިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ހަނދާންކޮށްދީފައިވަނީ އެމެރިކާއިން އެއްވެސް ހައްގަކާނުލައި އިރާގާއި އަފްޣާނިސްތާނަށް އަރައިގަނެ އެމެރިކާ ސިފައިން އެދެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ މީހުން މެރުމުގެ އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކެވެ.

އެޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ވެރިކަމުގައި އޭރު ތިއްބެވި އިސްވެރިން އުފުލަން ޖެހޭނެކަމަށް އެމެރިކާ ގަބޫލުނުކުރާ މައްސަލައެވެ. އެދުވަސްވަރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޖޯޖް ޑަބްލިޔު ބުޝް އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. ނަމަވެސް ބުޝްގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލައެވެ.

އެމެރިކާ ސިފައިން އިރާގުގެ އަބޫޣުރައިބު ޖަލާއި އަފްޣާނިސްތާނުގެ ޖަލުތަކުގައި އެތައް ބަޔަކު ހައްޔަރުކޮށްގެން ހިންގި ލާއިންސާނީ އަނިޔާތައް ހާމަވުމާއެކު ދުނިޔެއަށް ސިހުން ލިބުނުއިރު އެމެރިކާގެ މިޖަރީމާތަކުގެ ޝިކާރައަކަށް އެދެގައުމުގެ އެތައް ހާސް އާންމުން ވެފައިވެއެވެ.

އިރާގާއި އަފްޣާނިސްތާނުގެ ރަށްފުށުގެ ސަރަހައްދުތަކުގެ ގެތަކުގައި މީހުން ދިރިއުޅެނިކޮށް އެމެރިކާ ސިފައިން އެތައް ފަހަރަކު އެގެތަކުގައި އަލިފާންޖަހައި އެގެތަށް އަންދާލުންފަދަ ޖަރީމާތައް ހިންގި އެމެރިކާ ސިފައިން އަދަބެއް ނުލިބި އެމެރިކާގައި ދިރިއުޅެމުން ގެންދާކަން ރަޝިއާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެމެރިކާއިން ބޯލްކަންގެ ގައުމުތަކާއި ވިއެޓްނާމްގައި ހިންގި ލާއިންސާނީ އަމަލުތައްވެސް ހަނދާންނައްތާލި ކަމަށް ބުނެފައިވެއެވެ. އެޖަރީމާތަކުގެ މަތިން އެމެރިކާ ހަނދާން ނައްތާލި ނަމަވެސް އެޖަރީމާތަކުގެ ހަނދާން ނުނެތޭ އެތައް ބަޔަކު ދުނިޔޭގައި ތިބިކަން ރަޝިއާގެ ބަޔާނުގައިވަނީ އެމެރިކާއަށް ހަނދާންކޮށްދީފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ މިހުރިހާ ކަމެއް ހަނދާން ނައްތާލެއްވުމަށްފަހު ޔުކްރެއިން ހަނގުރާމައިގައި ރަޝިއާ ސިފައިން ހިންގާ ލައިންސާނީ އަމަލުތަކާ ގުޅިގެން ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ހައްޔަރުކުރަންޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުތައް ދައްކަވާފައެވެ.

އައިސީސީއިން، ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން ހައްޔަރުކުރަން އަމުރެއް ނެރެފައިމިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މީހުން މެރުމާއި ގެދޮރު ހަލާކުކުރުމުގެ ޓެރަރިޒަމްގެ ޖަރީމާތަކުގެ މައްސަލަ އެކޯޓަށް ހުށަހެޅުމުން އެކަމާދެކޮޅަށް އިސްރާއީލާއި އެގައުމުގެ ވެރިންގެ ދިފާއުގައި އެމެރިކާ ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާ މިދިޔަ އަހަރު ވަނީ އިސްރާއީލުގެ ޖަރީމާތަކުގެ މައްސަލަ ބަލާ އައިސީސީގެ ޕްރޮސެކިއުޓަރު އެމެރިކާއަށް ވަނުން މަނާކޮށް އެމައްސަލަ ބެލުމުގައި ކުރިޔަށްދާނަމަ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ. އެހިސާބުން އެމައްސަލަ ވަނީ ހުއްޓިފައެވެ.

އެމެރިކާއާއި އިސްރާއީލުވަނީ އެދެގައުމުގެ މައްސަލައެއް ބަލާފަނެތީ އައިސީސީގެ މެންބަރަކަށް ވުމަށް އެންމެކުރިންވެސް ދެކޮޅު ހަދާފައެވެ. އައިސީސީން މިހާތަނަށް ބަލާފައިވަނީ އެމެރިކާއާ އިދިކޮޅު ގައުމުތަކުގެ މައްސަލަތައް އެކަންޏެވެ.

އައިސީސީން އެމެރިކާއާއި އިސްރާއީލުގެ މައްސަލައެއް ބަލާނަމަ އެމައްސަލައެއް ބަލާ ފަނޑިޔަރަކާ ދެކޮޅަށް ބިރުދެއްކުމުގެ އިތުރުން އިރާގާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ ލިޔާ ނޫސްވެރިންނަށް އެމެރިކާ އަޑީގައި އޮވެގެން ތިންވަނަ ފަރާތްތައް މެދުވެރިކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ.

އައިސީސީއިން ނެރުނު ބަޔާން ބުނާގޮތުން ޕޫޓިން ހައްޔަރުކުރުމުގެ އަމުރު ނެރުނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތަކުގައި ހިންގާ ޖަރީމަތަކާ ގުޅިގެންނާއި ޔުކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގެ ކުޑަކުދިން ގަވައިދާ ޚިލާފަށް ރަޝިއާއަށް ފޮނުވާ މައްސަލާގައެވެ. ރަޝިއާ ސިފައިން ހިންގާ މިއަމަލުތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ޕޫޓިން ކަމަށް މި ބަޔާން ބުނެއެވެ.

އައިސީސީން މިގޮތަށް އަމުރު ނެރުނުނަމަވެސް މިއީ ތަންފީޒުކުރުމުގެ ފުރުސަތު އޮތް އަމުރެއް ނޫންކަމަށް އައިސީސީގެ ރައީސް ޕިއޮޓް ހޮފްމަންސްކީ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އައިސީސީއަކީ "ދަތްނެތް" ތަނެކެވެ. އައިސީސީގެ އަމުރުތައް ތަންފީޒުކުރާނެ އަސްކަރީ ބާރެއް އަދި ފުލުހުންގެ ބާރެއްވެސް ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަނެއްކޮޅުން ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި އެމެރިކާވެސް އިންތިހާއަށް ބިރު ގަންނަ ގައުމެކެވެ. ރަޝިއާއާ ގާތްވުމަކީ ނުވަތަ ރަޝިއާގެ މަސްއޫލުވެރިއަކަށް ކުޑަވެސް ގޯނާއެއް ކޮށްލުމަކީ އެމެރިކާއަށް އެއްވެސް ވަރަކަށް ކުރަންކެރޭނެ ކަމެއްނޫނެވެ.

comment ކޮމެންޓް