އިންސާނީ ވަގުފާރިކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ކުރީގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި އިންސާނީ ވަގުފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށްވާ ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޮންމެވެސް މިންވަރަކަށް ހެކި ވެސް ހުށަހަޅައިފައި ވުމުންކަމަށް ކޯޓު އަމުުރުގައިވެއެވެ.

އޭނާއަކީ، އޭނާ ރާއްޖެ ގެނައި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށް ރިޕޯޓު ކޮށްފައިވާ މީހެއްކަމަށް ބެލެވޭކަމަށް ކޯޓު އަމުރުގައިވެއެވެ.

ހަމައެއާއެކު މިއީ ގިނަ ބަޔަކު ޝާމިލުވެ އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގަމުން އަންނަ ކުށުގެ އަމަލެއްގެ ގޮތުގައި ފާހަގަވާކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ. މި ކުށުގެ ސަބަބުން ގިނަ ބަޔަކު އޭގެ ޝިކާރައަކަށް ވެފައިވާކަމަށް ބެލެވޭކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް