އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދޭ އދ.ގެ މިޝަން އިތުރު އަހަރަކަށް ކުރިއަށްގެންދަން ނިންމައިފި

އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަން އިތުރު އެއް އަހަރު ބެހެއްޓުމަށް, އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިފި -- ފޮޓޯ/ އަލްޖަޒީރާ

އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދޭ އދ.ގެ މިޝަންގެ ހަރަކާތްތައް އިތުރު އަހަރަކަށް ކުރިއަށްގެންދިޔުމަށް, އދ.ގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

އެ ނިންމުމާއެކު، އދ.ގެ އަފްޣާނިސްތާން މިޝަން ކުރިއަށް އޮތް އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ހަރަކާތްތެރިވާނެއެވެ.

އދ.އިން ބުނީ މި މިޝަންގެ އަމާޒަކަށް ވާނީ އަފްޣާނިސްތާނުގައި ސުލްހައާއި އަމާންކަން ގާއިމުކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

އދ.ގެ 15 މެންބަރު ގައުމު ހިމެނޭ ސަލާމަތީ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު މި ނިންމުން ނިންމާފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ޖަޕާނުން އެކަމާ ގުޅިގެން އެކުލަވާލި ދެ ގަރާރެއް ފާސްކުރުމަށް ފަހުގައެވެ.

އޭގެ ތެރެއިން ފުރަތަމަ ގަރާރުގައި ވަނީ އަފްޣާނިސްތާނުގައި އދ.ގެ މިޝަނެއް ހަރަކާތްތެރިވުމުގެ މުހިންމުކަމާއި އެ މިޝަންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގެ މުހިންމު ކަމަށް އަލި އަޅުވާލާފައެވެ.

ދެވަނަ ގަރާރުގައި ވަނީ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އެސެސްމެންޓެއް ހެއްދެވުމަށް އެދިފައެވެ. އެ ގަރާރުގައި ވަނީ އެ އެސެސްމެންޓް، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމަށް އެދިފައެވެ.

މިރިޕޯޓުގައި އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކާގުޅޭ ކަންކަން، ވަކިން ޚާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކުގެ ހާލަތާއި، ދީނީ އަދި ސަލާމަތީ ހާލަތާއި ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ހާލަތާއި ތަރައްގީއާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅުންހުރި މައުލޫމާތު ހިމެނުމަށް ގަރާރުގައިވެއެވެ.

ދެހާސްއެކާވީސް ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށި ތާލިބާނުން ބުނަމުން އަންނަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ޖަމިއްޔާއިން އަންހެނުންގެ ހައްގުތައް ދެމުން ދާނެކަމަށެވެ.

ނަމަވެސް ތާލިބާނުން ވަނީ އަންހެނުންނާއި އަންހެންކުދިންނަށް ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރުމުގެ މަގު ބަންދުކޮށް، ޕާކުތަކަށް ދިޔުން މަނާކުރުމުގެ އިތުރުން އެހީތެރިވެދޭ އެކި ޖަމާއަތްތަކުގައި މަސައްކަތްކުރުންވެސް މަނާކޮށްފައިކަން ޔޫއޭއީއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލާނާ ޒަކީ ނުސައިބާ ވިދާޅުވިއެވެ.

މީގެ ކުރިން އދ.އިން ވަނީ މިއަހަރު އަފްޣާނިސްތާނަށް އެހީގެގޮތުގައި 4.6 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މެމްބަރު ގައުމުތަކުން އެއަދަދަށް އެގައުމަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

comment ކޮމެންޓް