އެއްވެސް ކުޅިވަރެއް ބާކީނުކޮށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރެވިއްޖެ: މަހުލޫފް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ-- ފޮޓޯ/ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

އެއްވެސް ކުޅިވަރެއް ބާކީނުކޮށް ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރެވިއްޖެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރޭ ސިންތަޓިކް ޓްރެކްގައި ބޭއްވި މޯލްޑްވިސް ސްޕޯޓްސް އެވޯޑްސް 2023ގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ހުރިހާ ކުޅިވަރަކަށް މިހާރު އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ މަންޒަރު ފެނިއްޖެކަމަށެވެ.

ވޭތުވެދިޔަ އަހަރު ހަމަހަމަކަމާއެކު ކުޅިވަރު ކުރިއަރުވަން ކުރެވުނު މަސައްކަތުން ރާއްޖެއަށް ކުޅިވަރުގައި ރީތި ނަން ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ހަމަހަމަކަމާއެކު މަސައްކަތްކުރާކަމުގެ ހެއްކަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ނުވަ މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުންކަމަށެވެ.

މީގެއިތުރުން ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމަށް ވެސް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭރުގެ އެކުވެރި ގައުމުތަކާއެކީ އެމްއޯޔޫތަކުގައި ސޮއިކުރެވި މީގެކުރިން ރާއްޖޭން ބޭރުން ތަމްރީނުވެ ހެދުމަށް ފުރުސަތުތައް އެތުލީޓުންނަށް އަޅުގަނޑުމެންނަށް ހޯދައިދެވުނު،" މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅޭ ބައެއް ކުޅިވަރުތައް ކަމަށްވާ ފުޓްސަލްއާއި ބީޗުވޮލީ ރޭގެ ސްޕޯޓްސް އެވޯޑްސްގައި ނުހިމެނޭތީ ޒުވާނުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ރައްދުދެއްވާ މަހުލޫފް ވިދާޅުވީ އެ ކުޅިވަރުތަކަށް އެވޯޑެއް ނެތީ އެ ކުޅިވަރުތަކުން ގައުމީ ފެންވަރުގެ މުބާރާތެއް ބޭއްވިފައިނުވާތީކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޅިވަރުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ އެވޯޑެކެވެ.

އެ އެވޯޑުގައި އެކި ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވާނެއެވެ. އަދި އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި ހުރިހާ ކުޅިވަރެއް އެއްކޮށް އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ވެސް ހޮވާނެއެވެ.

comment ކޮމެންޓް