ޒުވާން އަންހެން ފުޓްބޯޅަ ކުޅުންތެރިން އެމެރިކާއަށް ގޮސް ތަމްރީނުވާން ފުރުސަތު ހުޅުވާލައިފި

އަންހެން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން--- ފޮޓޯ/ ޑަބްލިއުއެފްސީ

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން، ފުޓްބޯޅައަށް ޝައުގުވެރިކަން ހުރި ދިވެހި ޒުވާން އަންހެންކުދިންނަށް އެމެރިކާއަށް ގޮސްގެން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ކުޅިވަރާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، ޔޫ.އެސް މިޝަން މޯލްޑިވްސް އާއި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާރސް (އީ.ސީ.އޭ) އަދި އެފް.އެޗް.އައި360 އިން ގުޅިގެން އުމުރުން 15–18 އަހަރުގެ އަންހެންކުދިންނަށް، އެމެރިކާއަށް ގެންގޮސްގެން ތަމްރީނު ޕްރޮގްރާމެއް ދިނުމަށް ވަނީ ހުޅުވާލާފައިވާކަމަށެވެ.

މި ޕްރޮގްރާމުން ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ފަސް ކުދިންނަށެވެ. އެގޮތުުން ރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅަ ކުޅުމުގެ ހުނަރު ލިބިފައިހުރި ޒުވާނުންނަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ޤައުމީ ފެންވަރެއްގެ އެއްވެސް ޓީމަކަށް ކުޅެފައިވާ ކުދިންނަށް މި ޕްރޮގްރާމުން ފުރުސަތު ދޭގޮތަށް ހަމަޖެހިފައި ނުވާކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޔޫތް މިނިސްޓްރީން ބުނި ގޮތުގައި މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ ފުޓްބޯޅަ ކުޅުމަށް ފުރުސަތުތައް ތަނަވަސްވެފައިނުވާ، އަންހެންކުދިން ބާރުވެރި ކުރުވުމެވެ. ޔޫތް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެމެރިކާއަށް ދާ ކުދިންނާއިއެކު ރާއްޖޭގެ އަންހެން ކޯޗެއްވެސް ދާނޭކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމާއި ގުޅޭ އިތުރު މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުން މިހާރު ލިބެންހުންނާނެއެވެ. އަދި މި ތަމްރީނު ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ޖޫލީފައުޑީލީޑަރޝިޕް ވެބްސައިޓުން ލިބެންހުންނާނެއެވެ.

ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓުން ދަނީ, ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އެތްލީޓުންނާއި ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން އެ މިނިސްޓްރީން ފަހިކޮށްދިން ބޭރުގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރު ވެސް ރާއްޖޭގެ އެތްލީޓުންނާއި ކުޅިވަރު ކުޅުންތެރިން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތަމްރީން ޕްރޮގްރާމުތައް ހަދަމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް