އިޝާންގެ ފިލްމު ''ޕިޕްޕާ'' ޑިޖިޓަލް ޕްލެޓްފޯމަކަށް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތިއޭޓަރުގައި ރިލީޒްކުރުމަށް ނިންމި އެކްޓަރު އިޝާން ހައްތަރުގެ ފިލްމު "ޕިޕްޕާ" ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.

ފިލްމު ތިއޭޓަރުގައި ރިލީޒްނުކުރަން ނިންމާފައިވަނީ، ތިއޭޓަރުތަކަށް ފިލްމު ކުންފުނިން ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާއާއި ތިއޭޓަރުގެ ވެރިންނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.

އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަން (ސީސީއައި)އަށް ރޮނީ ހުށަހެޅި މައްސަލައިގައިވާގޮތުން ފިލްމުގެ ކޮންމެ ސްކްރީނިންގްއަކަށް ތިއޭޓަރަށް 20،000(ވިހި ހާސް) ރުޕީސް ދައްކަންޖެހެއެވެ. އެހެންވެ މި މައްސަލަ ޙައްލުކުރެވެންދެން ފިލްމު ރިލީޒްނުކޮށް ބޭއްވުމުގެ ބަދަލުގައި ރޮއި ކަޕޫރު ފިލްމްސްއިން ނިންމާފައިވަނީ ފިލްމު ޑިޖިޓަލީ ރިލީޒްކުރުމަށެވެ.

ރޮނީ ސްކްރޫވާލާގެ އިތުރުން ރޮއި ކަޕޫރު ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ، ރާޖާ މެނޮންއެވެ. ރާޖާ މެނޮން އުފައްދާފައިވާ ފިލްމުތަކުގެތެރޭގައި، 2016ވަނަ އަހަރު ރިލީޒްވި ފިލްމު "އެއާ ލިފްޓް" އަދި ޖެހިގެންއައި އަހަރު އެކްޓަރު ސައިފް ޢަލީ ޚާން ލީޑްރޯލް ކުޅުނު ފިލްމު "ޝެފް" ހިމެނެއެވެ.

އަލަށް ނެރޭ މި ފިލްމަކީ، އިންޑިއާއަށް ނިސްބަތްވާ ލިޔުންތެރިޔާ ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާ ނެރުނު ފޮތް "ދަ ބާނިންގް ޗޭފީސް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މިވާހަކަ ބިނާކޮށްފައިވަނީ 1971ވަނަ އަހަރުގެތެރޭ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބަދަލުކުރެވުނު ހަނގުރާމައިގެ ވާހަކަތަކުގެ މައްޗަށެވެ. މިހަނގުރާމައިގައި ޚުދު ބްރިގޭޑިއާ ބަލްރާމް ސިންގްއާއެކު ޢާއިލާގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ. މި ހަނގުރާމައިން ކުރި ހޯދި ގޮތާއެކު ފިލްމުގެ ނަން "ޕިޕްޕާ" ވުޖޫދަށް އައި ގޮތްވެސް ފިލްމުގައި ދައްކުވައިދޭނެއެވެ.

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންއާއެކު ފިލްމުން ފެންނާނެ އިތުރު ތަރިންނަކީ، ބަތަލާ މްރޫނާލް ތާކުރް، ޕްރިޔާންޝޫ އަދި އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދަންއެވެ. ފިލްމު ޑިޖިޓަލް ޕްލެޓްފޯމައަކަށް ދޫކޮށްލަން ނިންމާފައިވީ ނަމަވެސް ރިލީޒްކުރާނެ ވަކި ތާރީޚެއް އިޢުލާނުކުރެއެވެ.

comment ކޮމެންޓް