ފިލްމުތަކުގައި އަމިއްލަ އަޑު ބޭނުންކުރަން ބައެއް ޕްރޮޑިއުސަރުން ޖެހިލުންވި: ބަތަލާ ރާނީ

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާގެ އަޑު ފިލްމުތަކުގައި ބޭނުންކުރަން ބައެއް ޕްރޮޑިއުސަރުން ޖެހިލުންވިކަމަށް ބަތަލާ ރާނީ މުކަރުޖީ ބުނެފިއެވެ.

އިންޑިއާގެ އީ-ޓައިމް ނޫހަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނީ ފިލްމީ ކެރިއަރު ފެށި ދުވަސްކޮޅު ރާނީގެ އަޑުގައި ހުންނަ ކުރަކިކަން ބައެއް ޕްރޮޑިއުސަރުންނަށް މައްސަލައަކަށްވި ކަމަށެވެ. އެގޮތުން ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު އަދި ބެލުންތެރިންގެ މެދުގައި މަޤުބޫލުވި ފިލްމު "ގުލާމް"ގައި ރާނީގެ އަޑު ޑަބްކުރަން ޖެހުނުކަން ބަތަލާ ވަނީ ފާހަގަކޮށްފައެވެ. މިއަދާ ހަމައަށްވެސް އެ ފިލްމުގައި ކޮންމެ ވެސް ބައެއް އުނިވެފައިވާކަމުގެ އިޙުސާސް ކުރެވޭ ކަމަށް ރާނީ ވަނީ ބުނެފައެވެ.

ފިލްމު "ރާޖާކީ އާއޭގީ ބާރާތް"އިން 1997ވަނަ އަހަރު ފިލްމީ ކެރިއަރުފެށި ބަތަލާގެ ކުރަކި އަޑު ބައެއް ޕްރޮޑިއުސަރުންނަށް 'ރިސްކެއް'ގޮތަށް ފެނުނުނަމަވެސް ދުރު ވިސްނޭ ޕްރޮޑިއުސަރުން ސިފަކުރީ އެއީ ބަތަލާގެ 'ޔުނީކް' ނުވަތަ އެހެން ތަރިންނާ ރާނީއާ ތަފާތުވާ ކަމުގެ ސިފައެއްކަމުގައެވެ.

ރާނީ ބުނެފައި ވަނީ ފިލްމު ކުޅެން ފެށިއިރު ފިލްމީދާއިރާއަށް ވަރަށް އާ ކަމަށާއި ބަތަލާއިންނަށް ގޮތް ނިންމުމުގެ މާބޮޑު އިޚްތިޔާރެއް ޕްރޮޑިއުސަރުން ދީފައި ނުވާ ކަމަށެވެ. އެ ނިންމުމަކީ، އޭރު ވިސްނުނުގޮތުގައި އެންމެ ރަނގަޅު ގޮތް ކަމަށާއި، ސަބަބަކީ ބޮޑު ޚަރަދެއްކޮށްފަ ފިލްމެއް އުފައްދާއިރު ފިލްމާގުޅޭގޮތުން ނިންމާ ނިންމުންތަކަކީ ވަރަށް ގިނަގޮތްގޮތުން ވިސްނުމަށްފަހު ނިންމާ ނިންމުންތައްކަމަށް ބަތަލާ ބުނެފައިވެއެވެ.

ފިލްމު "ގުލާމް"ގައި ރާނީގެ ރޯލްގެ ޑައިލޮގްތައް އެހެން ފަންނާނެއްގެ އަޑުން ގެނެސްދޭން ޕްރޮޑިއުސަރު ނިންމުމުން އެކަމާ ވަރަށް ދެރަވިކަމަށް ވެސް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ. ރާނީގެ ބަދަލުގައި ފިލްމުގައި ބޭނުންކުރީ މޯނާ ޝެޓީ ނަމަކަށްކިޔާ ޑަބިންގް އާޓިސްޓެއްގެ އަޑެވެ.

ފިލްމު "ގުލާމް"އަށްފަހު ރާނީގެ ފިލްމު "ކުޗް ކުޗް ހޯތާހޭ" ރިލީޒްވުމާއެކު ގިނަބަޔަކަށް ރާނީގެ އަޑު 'ޔުނީކް'ވެ އެއީ ލޯބި އަޑެއްގެގޮތުގައި ބެލުންތެރިން ބަލައިގަތެވެ. އެ ފިލްމުގައި ރާނީ ކުޅުނު ޓީނާގެ ރޯލް ކުޑަނަމަވެސް ރާނީގެ ފިލްމީކެރިއަރު ކާމިޔާބުވުމުގެ ކުރިފެޅުނީ ކަރަން ޖޯހަރުގެ ބްލޮކްބާސްޓާ ފިލްމުންނެވެ. "ކުޗް ކުޗް ހޯތާހޭ"ގައި ރާނީ ބޭނުންކުރާނީ އަމިއްލަ އަޑުތޯ ނުވަތަ ނޫންތޯ ކަރަން އޭރު އެހިކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.

ރާނީގެ ފުރަތަމަ ފިލްމު "ރާޖާކީ އާއޭގީ ބާރާތް"ގައި ޑަބްކުރީ ރާނީގެ އަމިއްލަ އަޑުންތޯ އޭރު ކަރަން އެހިކަމަށް ވެސް ރާނީ ވަނީ ބުނެފައެވެ. އޭގެފަހުން ރާނީ ކުޅުނު ހުރިހާ ފިލްމެއްވެސް ޑަބްކުރަނީ އަމިއްލަ އަޑުންކަމަށް ނިންމި ކަމަށާއި، އަހަރުތަކެއް ފަހުން "ގުލާމް"ގެ އެކްޓަރު އާމިރް ޚާން ވަނީ އެ ފިލްމުގައި ރާނީގެ އަޑު ޑަބް ނުކުރެވުމުން އެކަމަށް މަޢާފަށް އެދިފައިކަމަށް ވެސް ބަތަލާވަނީ ބުނެފައެވެ. އާމިރުގެ އޭރު ނިންމުމަށް އިޙްތިރާމް ކުރިކަމަށާއި އާމިރުފަދަ ކާމިޔާބު އެކްޓަރެއްގެ ފަރާތުން ލިބުނު ތަޢުރީފަކީ އޭރު ޙާޞިލުކުރެވުނު ކާމިޔާބީއެއްގޮތުގައި ބަތަލާ ވަނީ ފާހަގަކޮށްފައެވެ.

ޔަޝް ރާޖް ކުންފުނީގެ ވެރިޔާ އަދި ހުނަރުވެރި ޑައިރެކްޓަރު އަދިތްޔާ ޗޯޕްރާއާ ކައިވެނިކޮށް އަންހެން ކުއްޖަކު ލިބިފައިވާ ބަތަލާ ތައްޔާރުވަމުން އަންނަނީ މިއަދު ރިލީޒްކުރާ ބަތަލާގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އަށެވެ. ޙަޤީޤީ ޙާދިސާއެއް ކިޔައިދޭ މިވާހަކައަކީ ބަތަލާގެ ފިލްމީ ކެރިއަރުގެ އެންމެ މޮޅު އެކްޓިންގް ހުނަރު ފެނިގެންދާނެ ފިލްމުކަމަށް ގާތް އެކުވެރިޔާ ކަރަން ޖޯހަރު ވަނީ ބުނެފައެވެ.

comment ކޮމެންޓް