"އިބުން ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. އުފާވެރިކަންވަނީ ތިން ކަމަކުންނެވެ. އެއީ ނިއުމަތަށް ޝުކުރުވެރިވުމާއި މުސީބާތްތަކަށް ކެތްތެރިވުމާއި އަދި ފާފަތަކުން ތައުބާވުމެވެ."

***

"އަހަރެން އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނޫން..." ޖަބްރީލްގެ ހަނި ނަޒަރު އޭނަގެ ގާނޫނީ ބައްޕަގެ މޫނަށް ހުއްޓުނެވެ. އަންވަރުގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. ލޮލުގެ ހުދުކުލައިގެ ބަދަލުގައި މަޑު އޮރެންޖުކުލައެއް ފެންނައިރު ހަރުކަށިކަމެއް ފެންނާން ހުރެއެވެ. އެލޮލުން އެ ފެންނަ ކުލަވަރު މާނަކުރަން ޖަބްރީލްއަށްވެސް އުދަގުލެވެ.

"އަހަރެން މިއައީ މި ތަޅުދަނޑި ހިފައިގެން..."

"ތިއީ؟" ޖަބްރީލްއަށް ބަލައިލެވުނީ އޭނަގެ އަތުގައި އޮތް ރިހިކުލައިގެ ބޮޑު ތަޅުދަނޑިއަށެވެ.

އަންވަރުގެ ޖުމްލައިން ޖަބްރީލްގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. "މި ގޭގައި ތަޅުލާފައި އެހުންނަ ސިހުރު ކޮޓަރީގެ ތަޅުދަނޑި...."

"އާނ ހައިރާންވާނެކަމެއްނެތް. އެތަނުގައި ކަލޭގެ ދޮންބައްޕަ ސިހުރުހަދާ އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުކޮށްލި. ކަލޭ ތިިއުޅޭ ނިކަމެތި ހާލު ފެނުނީމަ ހިތަށް އެރީ ސިހުރުދަސްކޮށްގެން އެމީހާވެސް އެއުޅޭފަދައިން މަތީފަންތީގެ ދިރިއުޅުމެއް އުޅެވިދާނެއޭ. އޭނަވެސް އެފަހުން އެތައް ގިނަ ބިންތައް ގަނެ އުސް އިމާރާތްތަކާއި ހޮޓާތަކާއި ރިޒޯޓްތައް ހުޅުވާ ވިޔަފާރި އެންމެ އުހަށް ގެންގޮސްފި. ދަރިން އުޅެނީ ފައިސާއިން ފެންވަރާލައިގެން. ކަލޭވެސް އެތާ ހުރި ފޮތްތައް ބަލާ އެއިން އަމަލުކޮށްފިއްޔާ ހަމަ ތިޔަ ނިކަމެތި ދިރިއުޅުމުން އަރައިގަނެވިދާނެ. ކުޅަދާނަ ސާހިރަކަށްވެ ޖިންނި ކޮންޓްރޯލްކޮށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދޭނެ.. އަހަންނަށް މި ތަޅުދަނޑި ދިނީ ކަލޭގެ މަންމަ، އޭނަ ގާތު މި ވާހަކަ ބުނަން ހަދާނެކަމެއްނެތް.މި ތަޅުދަނޑިއާއި ހަވާލުވޭ......" އަންވަރު ދެވަނަފަހަރަށްވެސް ތަޅުދަނޑި ދިއްކޮށްލިއިރު ނުލަފާ ވިދުވަރެއް އެލޮލުގައިވިއެވެ. އޭނަގެ މަގުސަދެއް ޖަބްރީލްއަކަށް ނުވިސްނުނެވެ.

ޖަބްރީލް އެ ތަޅުދަނޑީގައި ހިފިއިރު އަތުގެ އިނގިލިތަކުގައި ތުރުތުރެއް ހުއްޓެވެ. މިމީހާއަށް އިތުބާރުކޮށް ތަޅުދަނޑީގައި ހިފުމަކީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ.

"ވަންނާކަށް ނުބުނާނަންތަ؟" އަންވަރު އެއް ފިޔަވަޅު ކުރިއަށް އެރިއެވެ.

"މިތަނުން ދެން ދިޔައްޔާ ރަަގަޅީ..." ޖަބްރީލްގެ ބުމަ ކައިރިވިއެވެ.

"އެންމެ ރަގަޅު. އަދި ދިމާވާނެ..."އަންވަރު ހިނިގަނޑެއް ޖަހައިލިއެވެ. ކުއްޖާފުޅުގެ މަންމަގެ ސިފަތައް ފުރިހަމައަށް ލިބިފައިވާއިރު މިޒާޖުގައިވެސް ގޮތްދޫނުކުރުމާއި ބޮޑާކަން އަދި ރުޅިވެރިކަން އެކުލެވެއެވެ. އެހާ ފަސޭހައިން ޖަބްރީލް އޭނައައި ގުޅުން ބަދަހިނުކުރާނެކަން އެނގުމުން ވަގުތުދޭން ނިންމައިގެން އޭނަ ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ކޮރެއް ޖަހަމުންނެވެ. އޭނަގޮސް ލޯމަތިން ގެއްލެންދެން ނުރުހުމާއި ފޫހިކަމުގެ ނަޒަރަކުން ބަލަން ހުރުމަށްފަހު ޖަބްރީލް އެތެރެއަށް ވަންނާން ހިނގައިގަތެވެ.

***

ޖަބްރީލް ކޮރިޑޯގެ އެންމެ އެކޮޅަށްގޮސް ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނެވެ. އެކޮޓަރީގެ ތަޅުދަނޑި ނެތަސް މިހުރިހާ ދުވަހު ހިތުގައި ސުވާލެއް ނުއުފެދެއެވެ. ގޭގައި ދިހަކޮޓަރި ހުރެފައި އެންމެ އިންސާނެއް ދިރިއުޅޭތަނަކަށް ވުމުން ގިނަ ކޮޓަރިތައް ހުންނަނީ އަޅާނުލާ ދޫކޮށްލެވިފައެވެ. އެކޮޓަރި ނުހުޅުވާ ހުރި ސަބަބަކާއިމެދު އޭނަ ޚިޔާލުކޮށްލަން ހިތަށް ނާރައެވެ. އޭނަ ހީކުރީ ތަޅުދަޑިފަތިން ކޮންމެވެސް ސަބަބަކާއިހުރެ އެ ތަޅުދަނޑި ގެއްލިފައި އޮތީކަމުގައެވެ. އާސާރީ ގެއަކަށްވިޔަސް އެފަދަ ސިއްރުތަކެއް އެކުލެވޭތަނެއް ގޭގައި ހުރެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ޚަޒާނާއެއް ނޫނީ ތިޖޫރީއެއް ފޮރުވާފައިވެދާނެއޭ އެއްދުވަހު ހިތަށް އަރާފައި މަޖަލަކަށް ހެވުނެވެ.

"ސިހުރު...ސިހުރަކީ ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް. ދަރިފުޅަށް ކާފަ ދޭނެ ނަސޭހަތަކީ އެފަދަ ކަމަކާއި ކައިރިނުވާށޭ. ދެދުނިޔެ ގެއްލިގެން ހިނގައިދާނެ....." ކާފަގެ އަޑު ކަންފަތުގައި ގުގުމައިލުމުން ތަޅުވަޅަށް ޖަހާފައި ހުރި ތަޅުދަނޑި މަޑުމަޑުން ނެގުނެވެ. ހަރާމްކުރައްވާފައި ކަމެއްކޮށްގެން އާޚިރަތް ގެއްލުވައިލާނީ މޮޔައެއް ނޫންހެއްޔެވެ؟ "އަހަރެން މި އެހާ ނުބައި ނުލަފާ ޝައިތާނެއްނޫން. އެހާ ބޮޑު ފާފައެއް ކޮށްފިއްޔާ ދުވަހެއްގެ ކޮޅުންވެސް ސަލާމަތެއްނުވާނެ...."

ޖަބްރީލް ތަޅުދަނޑި އަލަމާރީގެ ތިރީބައިގާ ހުރި ހެދުންތަކުގެ ތެރޭ ފޮރުވުމަށްފަހު އުނދޯލީގައި އޮށޯތްތަނާހެން އޭނަގެ އެކުވެރިޔާ ހަކާން އެގެއަށް ޖައްސައިލިއެވެ. ހަކާންއަކީ ރެޑްކްލިފް ހޮސްޕިޓަލުގެ ވެރިޔާގެ ދަރިއެއްކަން އޭނައަށް އެނގުނީ ދެމީހުންގެ ދޭތެރޭ އެކުވެރިކަމުގެ ގުޅުން އޮންނަތާ އެތައް ޒަމާނެއްފަހުންނެވެ. ހަކާންގެ އަންހެންކޮއްކޮއަށް ޖަބްރީލް ފެނުމުން މޮޔަވެ އަބަދު ބަލަހައްޓައިގެން އިނީ ހަމަ ދީވާނާއެއްފަދައިިންނެވެ. އެހާ ލަދެއްނެތި އެހެން ފަހަތުން އުޅުމުން ޖަބްރީލް ފޫހިކުރުވިއެވެ. ހަކާން އިސްކޮޅުން އެހާ ދިގުނޫނަސް ގަވައިދުން ޖިމަށް ދާތީ ރީތި އިސްތަށިގަނޑެއް ލިބިފައިވެއެވެ. ފަންކަމުން ލުއި ވައިރޯޅިއަކަށްވެސް ސިއްރުން އެ އިސްތަށިގަނޑާއި ކުޅެލެވޭކަށް ނޯވެއެވެ. އެހާ ފަނެވެ. ބުމައާއެކު ލޯވެސް ކޮންމެވެސް ވަރަކަށް ފޮރުވޭނެހެން އޭނަގެ އިސްތަށިގަނޑު އޮންނަނީ މޫނަށް ފައިބާފައެވެ. ހަތަރެސްކަން މޫނެކެވެ. ނަމަވެސް ހީލައިފިއްޔާ އޭނަގެ ރީތިކަން ފަނޑުވެގެން ދަނީ ދަތްޕިލާގައި ކުޑައައިބެއް ހުރުމުންނެވެ.

ދެމީހުން ކޮފީހަދައިގެން އައިސް ލެޕްޓޮޕް ހުޅުވާލައިގެން ތިބެ ބިރުވެރި އަނދިރި ފިލްމެއް ބަލަންފެށިއެވެ. އަނިޔާވެރި މަންޒަރުތައް ބަލަމުން ދިޔަވަރަކަށް ބައެއްފަހަރު އޭގެ ނުބައި އަސަރުތައް ކޮށް ހިތް ހަރުވުމާއި މިޒާޖުގައި ނުބައި އާދަތައް ހަރުލާ އަނިޔާވެރިޔަކަށް ވުމުގެ ފުރުސަތު އޮވެއެވެ. ޖަބްރީލްގެ ކާފަގެ ތަރުބިއްޔަތުގެ ސަބަބުން އޭނަގެ ހިތް ގުޑުވާނުލެވުނަސް އެ އަނިޔާވެރި މަންޒަރުތަކަށް ހިތް ހޭނެމުން ދިޔައެވެ. އޯގާތެރިކަމާއި ކުލުނަކީ ނެތް އެއްޗެއްކަމުގައި ވާންފެށިއެވެ.

"އެކަނި މި ހޯންޓެޑް ގޭގައި ތިބެ ފިލްމުތައް ބަލަނިކޮށް ޖިންނިއެއް އެޓޭކްކޮށްފިއްޔާ އަހަރެމެން ސަލާމަތްކުރާނީ ކާކުތަ؟"

"މިގެއިން ތިބުނާ ޒާތުގެ ކަމެއްނުފެނޭ. ގެ ނިދާ ވާހަކަ ކާފަ ބުނާނެ. ފުރާޅުންނާއި ދޮރުތަކާއި ފާރުންވެސް އަޑުކިޔައޭ. ކޮންމެ ކަމެއް ސައިންސްއަލީގައި ހޯދީމަ އެހެން ގޮތަކަށް ވިސްނެނީ. އެހެންވެ އެހާ ބިރެއްނުގަނޭ. ހުރިހާ އެއްޗަކީ ބްރެއިން. ބިރުގަނެއްޖެއްޔާ ގޮފިގަނޑެއްވެސް ޝައިތާނެއްގެ ސިފައިގާ ފެނިދާނެ. ހަކާން. މަ ބުނީ މި ސިހުރަކީ ހަގީގީ އެއްޗެއްތަ؟ އެއީ ކީއްކުރަން މީހުން ކޮށް އުޅޭކަމެއްތަ؟" ޖަބްރީލް އެހިއެވެ.

"ދުޝްމިނުން ޖިސްމާނީ އަދި ނަފްސާނީގޮތުންނާއި ވިޔަފާރީގެ ގޮތުން ދަށްކޮށް ހަލާކުކޮށްލުމަށް ރޫހާނީ ބާރުތައް ބޭނުންކޮށްގެން ކުރާ ޝައިތާނީ އަމިއްލަ އެދުންބޮޑު އަމަލެއް..."

"މިހާރުވެސް އެކަހަލަ މީހުން ހަމަ އުޅޭތަ؟ ކިހިނެއް ސިހުރު ހަދަނީ؟"

"ތިއުޅެނީ ސިހުރު ދަސްކުރަންތަ؟"

"މައުލޫމާތު ހޯދާލަނީ..."

"ޖިންނިން މެދުވެރިކޮށް ކުރާ ބޮޑު ފާފައަކަށްވީމަ އެކަމައި ކައިރިނުވާތި ހެހެ. އަހަރެން އެހާ ބޮޑު އަޅުވެރިއަކަށް ނުވިޔަސް އެޓްލީސްޓް ހުކުރަށް ދަން. ދޭތެރެއަކުން ނަމާދުވެސްކޮށްލަން...."

"ސިހުރު ހަދަން ކޯންޗެއް ހޯދަނީ؟" ޖަބްރީލް ގެ ޝައުގު ހުރީ އެހެން ކަމަކަށެވެ.

"އެމީހުން ވިކްޓިމްގެ އިސްތަށްޓާއި ލައި އުޅޭ އަންނައުނު އަދި ފޮޓޯތައްވެސް ބޭނުންކުރޭ. އަދި ސީދާ ލޮލަށް ބަލައިގެން ތިބެވެސް ސިހުރު ހަދާ...ސިހުރު ޖެހުނީމަ އެމީހުންނަށް ނިދުމުގެ އުދަގޫތައް ކުރިމަތިވެ ފާޑުފާޑުގެ ބިރުވެރި ހުވަފެނުން މިސާލަކަށް އުސްތަނަކުން ވެއްޓިގެން އަންނަތަން ފަދަ...އަދި ބޮލުގައި ރިއްސުމާއި ތަބީއަތަށް އާދަޔާ ޚިލާފު ބަދަލުތައް އައުން. އޭ ބުނެބަލަ. ކީއްވެ ސިހުރާއި ބެހޭގޮތުން މާ ގިނަ ސުވާލުކުރަނީ؟ސިހުރުވެރިއަކަށް ވާން ބޭނުމީ؟." ހަކާން ލެޕްޓޮޕް ލައްޕާލާފައި ތެދުވުނެވެ. "ބިރުން ހަލާކު. ހަމަ މިހާރު ގެއަށް ދާން ބޭނުން..........."

"ގެއަށް ލާ ދީފާނަން. ހާސްނުވޭ...."

"ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން..." ހަކާން ހީގަތެވެ."އެހެންނޫނަސް ބިރަކީ އަހަރެންގެ ޑިކްޝްނަރީއިން ކަނޑާލާފައިވާ އެއްޗެއް..ޖިންނިން ޖެހޭނީ މަދެކެ ބިރުން ފިލަން. އަދި އަހަރެން އެހެން ބުނީމަ ގަބޫލުކޮށްފިއެއްނު...."

" އަހަރެން ސިހުރު ހަދަން އުޅެނީއެއްނޫން. މީހަކު ސިހުރާއި ބެހޭގޮތުން ވާހަކަދެއްކީމަ ނެޗުރަލީ ހަމަ އެ ޓޮޕިކާއި ބެހޭގޮތުން ދެނެގަންނަން ބޭނުންވީ..."

"ސިހުރުހަދާ މީހުން ޖިންނިތައް ގެނެސް ސިހުރު ހަވާލުކުރަނީ. އެމީހުން ޖިންނި ކޮންޓްރޯލް ކުރޭ..."

"ސީރިޔަސްލީ؟ އޯސަމް..."ޖަބްރީލް ލޯބޮޑުކޮށްލިއެވެ.

"އޯސަމް އެކަމަކު ކޮންމެ ޝައުގުވެރިވާ އެއްޗަކީ އަދި އަމަލަކީ ހުއްދަކަމެއްނޫން ދޯ..."

"އަހަރެންގެ އަތުގައި އެބައޮތް ސިހުރުކޮޓަރިއެއްގެ ތަޅުދަނޑި..."ޖަބްރީލް ވަށައިގެން ހޯދައިލުމަށްފަހު ބުނި ޖުމްލައިން ހަކާން އިނީ ހުއްޓުން އަރާފައެވެ.

"މިގޭގައި؟"

"އާނ މިގޭގައި. ކެންއަށް ގަބޫލުނުކުރެވެނީތަ؟"

"ޔެސް. ކިހިނެއް ގަބޫލުވެސް ކުރާނީ. މިގޭގައި ސިހުރުހަދާނީ ވަކިން ކާކު؟"

"އަހަރެންގެ ސްޓެޕްޑޭޑް...."

"އަހަރެން މިހާރު ޖިންނިތަކުގެ ދިރާސާއެއް އެބަކުރަން. ކުޑައިރު ގޯސްޓްބަސްޓާސްތައް ބަލަންފެށި ހިސާބުން ރޫހާނީ ކަންތައްތައް ބަލާ ހޯދުމުގެ ޝައުގު އުފެދި އެކަމުގެ އިލްމު އުގެނެންފެށީ. އޭރު އަދި އެންމެ ކިޔާހިތުން ކިޔުނީ ގޫޒްބަމްޕްސް ސީރީޒް. އެނގޭތަ؟ މިރަށުން ޖިންނި އަވަލާފައި ގެއެއް ހުރިއްޔާ މިގެ ވާނެހެން މަށަށް ހީވޭ. އަހަރެމެން އެ ރޫމް ބެލިޔަސް އަދި އަގީދާ ބަލިކަށިވާނީއެއްނޫން ދޯ. މިސާލަކަށް އެތާ ހުންނާނީ ފަންޑިތަ ފޮތްތަކާއި އެކަމަށް އެމީހުން ގެންގުޅުނު ސާމާނާއި އެހެންގޮސް އެއްޗެހި. ބަލައިލެވިދާނެ. މައުލޫމާތު އުގެނުމަކީ އެކަމުގެ ތެރެއަށް ވަދެވޭނެ ދޮރެއްނޫން... ތަޅުދަނޑި ދީފާނަންތަ؟"ހަކާންގެ ވިސްނުން ހުރީ މުޅިން ރަގަޅަކަށް ނޫނެވެ.

"ނޫން. އާއިލާގެ މެމްބަރެއް އަދި އެެކުވެރިއެއްވިޔަސް އެ ރޫމާއި ކައިރިވާން ބޭނުމެއްނޫން..."ޖަބްރީލް ދެކޮޅުހެދިއެވެ.

"ކަމޯން...ތިހެން ނަހަދާ."ހަކާންގެ ލޮލުން އާދޭހުގެ އަސަރު ފެނުނެވެ.

"ވަރެކޭ ދޯ ތިވަނީ. ބިރުވެރި އެއްޗެހި ބަލަމުންގޮސް ދެމީހުންނަށް އަނދިރި ދުނިޔެއަކަށް ވަދެވޭނެ އަދި....."ޖަބްރީލް ތެދުވެ މޯޅިއަކަށް ދެމިލިއެވެ.

ޖަބްރީލް ތަޅުދަނޑި ދެއްކުމުން ހަކާންގެ ލޯ ދިއްލުނެވެ.

"ޑޯންޓް ވޮރީ..އަހަރެން ސިހުރު ނަހަދާނަން. އަހަންނަށް މަދީ ކޯންޗެއް؟ ދުޝްމިނެއް ހުރީއެއްވެސްނޫން. ސިހުރުހަދާނީ ލޫޒާސް. މުދަލާއި ފައިސާއާއިހެދި މޮޔަވެ ނޫނީ މީހުންގެ ދިރިއުޅުން ބަރުބާދުކުރަންވެގެން. އަހަރެމެންނަށް ހުރިހާ ނިއުމަތެއް ދެއްވާފައިވާއިރު އެވަރުގެ ފާފައަކަށް އަރައިގަންނަން ނުވެސް ޖެހޭނެ ދޯ...."ހަކާންގެ ޖުމްލައިން ޖަބްރީލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ."ގޭގައި މާހެފުމެއް އެބައޮތް މާދަން ކޮންމެހެންވެސް އަންނަންވާނެ އިނގޭ...މަގޭ މަންމައަށް ސިހުރު ހަދައިގެން މީނަ އުޅެނީ. މަންމަ އަބަދުވެސް މިކުއްޖާ ވަރެއްނެތިގެން އުޅޭ.........."

"މާހެފުމަކީ ބިދުއައެއް ނޫންތަ؟ އަހަރެން ދަންނަ ގޮތުން އަރަބިންވެސް ކުރާކަމެއް ނޫން. ދީނީ އަޅުކަމުގެ ތެރެއަށް އަލަށް ކަންތައް ވެއްދުމަކީ ގޯސްކަމެއް. މުސްލިމުންވެއްޖެއްޔާ ގުރުއާނުގައި އަންގަވާފައިވާގޮތަށް އުޅެން ޖެހޭ. އަދި ގުރުއާނުގައި އެބައޮތް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވާން..ދީނީ އިލްމުވެރިންގެ ވީޑިއޯތަކާއި ދަރުސްތައް ކިޔާފައި މާހެފުމުގައި ބައިވެރިނުވާން ނިންމައިގެން މިހިރީ..ބައެއްފަހަރު މުޅިން ނޭގޭ ކަންތައްތަކުގައި ގިނައިލްމުވެރިން ބުރަވާ ކޮޅަކަށް ހުރީމަ އެންމެ ރަގަޅުވާނީ..." ޖަބްރީލް ދެ ޚިޔާލެއްގައި ހުއްޓަސް އެގެއަށް ނުދާންވެގެން އެކަން އޮތްގޮތް ކިޔައިދިނެވެ.

"ކޮންއިރަކުން ތިހާ ދީނީ މީހަކަށްވީ؟ ތިއިން އެއްވެސް ކަމެއްވެގެނެއްނޫން. މީހުން ގިނަ ތަންތަނަށް ނުދާން ދައްކާހާ ބަހަނާ. ލަދުރަކިކަމުން އަންހެނެކޭ ތަފާތެއްނެތް. މޫނުބުރުގާ އެއް ގެނެސްދިނިއްޔާ ދާނަންތަ؟" ހަކާން ބުމަ އަރުވައިލުމުން ޖަބްރީލް ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

"ނޮޕް. މިފަހަރު ޑިސައިޑް ކުރީ މާހެފުމަކަށް ނުދާން..."

"އެންމެ ރަގަޅު މަނިކުފާނުގެ ތި ނިންމުމަށް އިހުތިރާމްކުރާނީ. މަންމަ ގާތު ދޮގެއް ހަދައިލަން ދެން ޖެހޭނީ. ނޫނީ މަންމަގެ ކާރުގައި މިގެއަށް ބޫ ބަލާ އަންނާނެ އިނގޭ...."

ޖަބްރީލް މޫނާއިއެކު ރަޖާގަނޑު އަޅައިލަމުން އަނެއް ފަރާތަށް އެނބުރުނެވެ."ފްލޫ ޖެހިގެންނޭ ބުނޭ....."

"ތިއީ މަ ބުނާ ވާހަކަ. ދޮގުހެދުމަކީ ފާފައެއް އެކަމަކު އެނުވޭ މައްސަލައަކަށް. ބިދުއަ މައްސަލައަކަށް ތިހަދަނީ....."

"ގެޓް ލޮސްޓް ހަކާން..."ޖަބްރީލް ހަޅޭއްލަވައިގެންފާ ބާލީހުން ހަކާންގެ ގައިގާ ބޮނޑިއެއް އެޅިއެވެ. ހަކާން ހީގަނެފައި އެގޭގައި ނުހުޅުވާ ހުންނަ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު އޭނަގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް ހިނގައިލިއެވެ.

***

ރޭގަނޑުގެ އަނދިރިކަން ފުންވަމުން ދިޔައިރު ޖަބްރީލް އިނީ ފެންޑާގައި ގޮނޑިއެއް އަޅައިގެން އެކަނިމާއެކަނިއެވެ. ކަޅުއެއްޗެހީގައި އިންއިރު އޭނަގެ ހިޔަނިވެސް އަނދިރިކަމާއި އެކުވެފައިވާފަދައެވެ. ފޯނުވެސް ނިވާލައިގެން ޚިޔާލެއްގައި އިންދާ ކައިރީގައި ހުރި ގަސްބޮނޑިކައިރިން އެއްޗެއް ފިރުކިގަތްފަދަ އަޑެއް އިވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު