ޔޯޔޯ ހަނީ ސިންހުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސްއަށް

ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ރެޕް މިއުޒިކް ތައްޔާރުކޮށްދީފައިވާ ރެޕާ ޔޯޔޯ ހަނީ ސިންހުގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ޑޮކިއުމެންޓްރީ ޑްރާމާއެއް ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފިއެވެ.

މި ޑޮކިއުމެންޓްރީ ގެނެސްދޭނީ މިއަހަރުގެ އޮސްކާ އެވޯޑްސްގައި ޑޮކިއުމަންޓްރީ ކެޓަގަރީއިން އެވޯޑް ހާސިލުކުރި ގުނީތު މޮންގާގެ ފިލްމު ކުންފުނި ސިކްޔާ އެންޓަޓެއިންމެންޓްއިންނެވެ. ގުނީތު މޮންގާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ޑޮކިއުމަންޓްރީ ޑައިރެކްޓްކުރާނީ މޮޒެޒް ސިންގްއެވެ.

ޔޯޔޯ ހަނީ ސިންހުއަކީ ކެރިއަރުގެ ކުރީކޮޅުގައި ވަރަށް ފޯރިގަދަ ރެޕް މިއުޒިކް ތައާރަފުކުރި ލަވަކިޔުންތެރިއެކެވެ. އޭނާ ރެޕްކޮށްފައިވާ ހިޕް ހޮޕް މިއުޒިކާއި ލަވަތައް ބޮލީވުޑްގެ ބައެއް ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެންދިޔައިރު މިމިއުޒިކާއި ލަވަތައް ކުޑަ ދުވަސްކޮޅެއްގެތެރޭގައި ގިނަ ބައެއްގެ ހިތުން ޖާގަ ހޯދިއެވެ.

ހަނީ ސިންހުއަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިއަކަށްވިޔަސް އޭނާ އިޚްތިޔާރުކުރީ ރެޕް މިއުޒިކާއެކު ހިންދީ ބަހުން ލަވަ ކިޔުމަށެވެ. ހަނީ ސިންގް ކިޔާފައިވާ ގިނަ ލަވަތަކަކީ ލަވަކިޔުންތެރިޔާ އަމިއްލައަށް މިއުޒިކް ތައްޔާރުކޮށް ލިޔެފައިވާ ލަވަތަކެކެވެ.

ހަނީ ސިންހު މިއުޒިކްގެ ދާއިރާއިން ކުއްލިއަކަށް ގެއްލުމާއެކު އޭނާގެ އަޑު ކެނޑިގެންދިޔަ ސަބަބަތުކާއި އޭގެ ފަހަތުގައި ފޮރުވިފައިވާ ގިނަ ވާހަކަތަކެއް މިޑޮކިއުމެންޓްރީ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކުރާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ޑައިރެކްޓަރު މޮޒެޒް ސިންގް ބުނެފައިވަނީ މީގެކުރިން ހަނީ ސިންގްއާ ބެހޭގޮތުން އެކި ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކުގެ ހަގީގަތާއެކު ހަނީ ސިންހުގެ ހަޔާތުގެ އަނދިރި ސަފުހާތައް މިޑޮކިއުންޓްރީ މެދުވެރިކޮށް ފޭނުންނަށް ގެނެސްދޭނެ ކަމަށެވެ.

ހަނީ ސިންހުގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކާއެކު މިހާތަނަށް އާއިލާއާއި އެކުވެރިންގެ ފަރާތުން އާންމުންނަށް އެނގިފައިނުވާ ގިނަ ވާހަކަތަކެއް މިޑޮކިއުމެންޓްރީ މެދުވެރިކޮށް ފެންނާނެ ކަމަށް ސިކްޔާ އެންޓަޓެއިންމެންޓްއިން ބުނެފައިވެއެވެ. ދިރިއުޅުމުގައި މިހާތަނަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވުނުނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މިޑޮކިއުމެންޓްރީގެ ކުޑަ ޓީޒާއެއް ބެލުންތެރިންނާ ޙިއްސާކޮށްފައިވާއިރު ޑޮކިއުމެންޓްރީ ޕްރިމިއާކުރަން ނިންމާފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް