ތިނަދޫގައި ރޯދަ މަހު ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުގެ ހަރަކާތްތައް މަނާކޮށްފި

ގދ. ތިނަދޫ --

މި އަހަރުގެ ރޯދަ މަހު ގދ. ތިނަދޫގައި ކުޅިވަރުކުޅުމާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދުވާލުގެ ވަގުތުތަކުގައްޔާއި އަދި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް އަންގާ ކަމަށެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވަނީ މި އަހަރުގެ ރަމަޟާން މަހަކީ ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަ އާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިކުރުން ކަމުގައި ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އެ މަގުން ކަންކަން ކުރިޔަށް ގެންދިއުމަށް ޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި މިފަދަ އުސޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށެވެ.

އޭގެ އިތުރުން އެކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި އެ ކައުންސިލުން އެފަދަ ފިޔަވަޅު ވެސް އަޅަމުން ގެންދާނެ ކަމަށެވެ.

މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާ ކުރި ނަމަވެސް ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށް ޓަކައި ރަށުގައި ހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާއްމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އޭގެ ތެރެއިން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭނެ ތަންތަނުގެ މައުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރެވެމުންދާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

comment ކޮމެންޓް