ސްޕޯޓްސް އެވޯޑްސް: އިނގިރޭސި ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް ރާއްޖެއަށް

ޖޭމްސް ރާއްޖެ އައުމުން މަރުހަބާ ކިޔަނީ--- ފޮޓޯ/ ޔޫތު މިނިސްޓްރީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ބައިވެރިވުމަށް އިނގިރޭސި ގައުމީ ޓީމުގެ އަދި ލިވަޕޫލުގެ ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް ރާއްޖެ އަތުވެއްޖެއެވެ.

އެ އެވޯޑް ހަފްލާގެ ގާލާ ނައިޓުގައި ބައިވެރިވުމަށް މިއަދު ހެނދުނު ޖޭމްސް ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަލަ އެއާޕޯޓުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު މިހާރު ޖޭމްސްއަކީ ސްކައިސްޕޯޓްސްގެ މަޝްހޫރު އެނަލިސްޓެކެވެ.

ޖޭމްސް ރާއްޖެ އައުމުން މަރުހަބާ ކިޔަނީ--- ފޮޓޯ/ ޔޫތު މިނިސްޓްރީ

ޖޭމްސް އޭނާގެ ފުޓުބޯޅަ ކެރިއަރު 1988 ވަނަ އަހަރު ފެށީ އިނގިރޭސި ކުލަބު ވަޓްފޯޑުންނެވެ. އަދި 1992 ވަނަ އަހަރު އޭނާ އެ ޓީމު ދޫކޮށްލުމަށްފަހު އިނގިރޭސި މަޝްހޫރު ކުލަބު ލިވަޕޫލްއަށް ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން 1999 ވަނަ އަހަރު ލިވަޕޫލު ދޫކޮށްލުމަށް ފަހު ޖޭމްސް ވަނީ އެސްޓަން ވިލާއާ ގުޅިފައެވެ. އެ ޓީމުގައި ދެ އަހަރު މަޑުކުރުމަށްފަހު ޖޭމްސް ދެން ބަދަލުވީ މެންޗެސްޓާ ސިޓީއަށެވެ.

އެ ޓީމުގައި 2006 ވަނަ އަހަރާހަމައަށް ހުރުމަށްފަހު ދެން ޖޭމްސް ބަދަލުވެފައިވަނީ ޕޯޓްސް މައުތުއަށެވެ. އަދި 2010 ވަނަ އަހަރު އޭނާ ވަނީ ބްރިސްޓަލް ސިޓީއަށް ވެސް ކުޅެފައެވެ. 2012 ވަނަ އަހަރު އޭނާ ބޯންމައުތަށް ކުޅުމަށްފަހު އޭނާ ވަނީ އައިސްލޭންޑުގެ ކުލަބެއްކަމަށްވާ އައިބީވީއަށް 2013 ވަނަ އަހަރު ބަދަލުވެފައެވެ. އަދި ޖެހިގެން އައި 2014 ވަނަ އަހަރު އިންޑިއާގެ ކެރެލާ ބްލާސްޓާސްއަށް ވެސް ވަނީ ކުޅެފައެވެ.

އޭނާ އިނގިރޭސި ގައުމީ ޓީމަށް ވަނީ 53 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ފީފާ ވޯލްޑްކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިދީފައެވެ.

ޖޭމްސް ރާއްޖެ އައުމުން މަރުހަބާ ކިޔަނީ--- ފޮޓޯ/ ޔޫތު މިނިސްޓްރީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަށް ޖޭމްސްއާއެކު ޕެރަލިމްޕިކް ރަން މެޑަލް އެތުލީޓު މާލޯ ވެން ރީންއާއި ކުރީގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ބްރިއަން ލާރާއާއި ފުޓުބޯޅައިގެ ތާރީހުގައި ބެލެންޑޯ ހޯދި ހަމައެކަނި ޑިފެންޑަރު ފަބިއޯ ކަންނަވާރޯ ވެސް ބައިވެރިވާނެއެވެ.

comment ކޮމެންޓް