ރޯދައަށް ގޭގައި ކުލަ ލީތަ؟

ބަލަބަލައި ތިއްބައި މިއަހަރުގެ ރޯދަ މަސް މިއޮތީ ބޯމަތިވެފައެވެ. ފިހާރަތަކުން ކޮންމެ އަހަރެކޭ އެއްގޮތަށް ރޯދަމަހަށް ތައްޔާރުވާން އެކި ނަން ނަމުގައި ޕްރޮމޯޝަންތައް ވަނީ ފަށާފައެވެ. ރޯދައިގެ ފޯރީގައި ކޮންމެ އަހަރެއްގައި އާންމުންގެ ގޭގޭގައި ވެސް ވަރަށް ކަންތައް ކުރާނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރާ އެއް ކަމަކީ ގޭގެ ފާރުތަކުގައި ކުލަ ލުމެވެ.

ރޯދައަށް ގޭތެރެ އާބާތުރަ ފިލުވައި ތަފާތުކޮށްލުމަކީ ވަރަށް ގިނަ ބަޔަކު އާންމު ގޮތެއްގައި ކޮށް އުޅޭ ކަމެކެވެ. އެގޮތުން ގެއަށް އާ ފަރުނީޗަރު ގަތުމާއި ހިފައި ގެންގުޅޭ ތަކެތި ބަދަލު ކުރުން ހިމެނެއެވެ. ނަމަވެސް އެންމެ ގިނަ ބައެއް އާންމުކޮށް ކުރާ ކަމަކީ ރޯދައަށް ކުލަ ލުމެވެ.

"މިފަހަރު ވެސް މި ވިސްނަނީ ގޭގެ ކުލަ ބަދަލު ކޮށްލަން. އެހެން ނޫނީ ރޯދަ މަސް ހެނެއް ހިޔެއް ނުވޭ،" އުތުރުގެ ރަށެއްގައި ދިރިއުޅޭ އިޔާޒު އަލީ ބުންޏެވެ.

އިޔާޒު ބުނާގޮތުގައި ކޮންމެ އަހަރެއްގައި ރޯދަ މަހަށް ގޭގައި ކުލަ ލުމަކީ މިހާރު އާދަ ވެފައި އޮންނަ ކަމަކަށް ވާތީ އެކަން ނުކޮށް ހިތްހަމަ ވެސް ނުޖެހެއެވެ.

އިޔާޒުގެ އިތުރުން އެހެން ގިނަ ބަޔަކު ވެސް އެމީހުންގެ ރަށުގައި ކޮންމެ އަހަރަކު ރޯދަ މަހަށް ގޭގައި ކުލަލައި އާ ކޮށްލާ ކަމަށް އޭނާ ބުނެއެވެ.

ބައެއް މީހުން ބުނާގޮތުގައި ގޭގެ ފާރުތަކުގެ ކުލަތައް އާ ކުރާއިރު ބޭނުން ކުރަނީ ކުރިން ވެސް ބޭނުންކޮށްފައި ހުންނަ ކުލަތަކެވެ. ނަމަވެސް އަނެއް ބަޔަކު ކޮންމެ އަހަރަކާ ދިމާކޮށް އާ ކުލަތަކެއް ލައި މުޅި ގޭގެ އެތެރެއާއި ބޭރުވެސް ބަދަލުކޮށްލައެވެ.

މިފަހަރުވެސް ގިނަ ބަޔަކު ތައްޔާރުވަމުން ދަނީ ގޭގެ ކުލަ ބަދަލުކޮށްލުމަށެވެ. ނަމަވެސް ޚަރަދު ކުޑަކޮށް، މިފަހަރު މުޅިން ތަފާތު ގޮތަކަށް ފާރުތައް ބަދަލުކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟ ހަމައެކަނި ޕްލެއިން ކުލައެއް ޖެއްސުމުގެ ބަދަލުގައި ޚަރަދު ކުޑަގޮތަކަށް ކުލަތައް ބޭނުންކޮށްގެން ތަފާތު ޑިޒައިންތަކެއް ހަދާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ޚަރަދު ކުޑަކޮށް ގޭގެ ފާރުތައް ބަދަލު ކޮށްލެވޭނެ އެއް ގޮތަކީ ދޮރުފޮތިގަނޑެއް ބޭނުންކުރުމެވެ. ކުޑަދޮރުގެ އިތުރުން އެހެން ތަންތަނުގައި ވެސް މިފަދަ ފޮތިގަނޑުތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން ގޭގެ ސިޓިން ރޫމުގެ ކޮންމެވެސް އެއް ފާރުގައި އެއްކޮށް އެއް ކުލައެއްގެ ދޮރުފޮތިގަނޑެއް ދަމާށެވެ. މިއީ މުޅި ތަނުގެ ޑިޒައިނަށް ބަދަލު ގެނެވޭނެ ގޮތެކެވެ.

އާޓިސްޓިކް ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ނަމަ ގޭގެ އެއް ފާރުގައި ކަރުދާސް ބޭނުންކޮށްލާށެވެ. ކުރީގެ ބެނުން ނުކުރާ ފޮތްތަކެއް ހުރި ނަމަ އޭގެ ގަނޑުތައް ވަކިވަކިން ފާރުގައި ހިއްޕާލާށެވެ. ގިނަ ދުވަހު ބަހައްޓަން ބޭނުންވާ ނަމަ ސީލެންޓެއް ބޭނުން ކުރުން ރަނގަޅު ވާނެއެވެ. ކުއްޔަށް އުޅޭ މީހުން ފާރުގައި ބްލޫޓެކް ފަދަ އެއްޗެއް ބޭނުންކޮށްގެން ގަނޑުތައް ތަތްކޮށްލުން ރަނގަޅުވާނެއެވެ.

މިގޮތަށް ޑިޒައިން ބަދަލު ކުރާއިރު ގޭގައި ޓީވީ ބަހައްޓާފައި ހުންނަ ފަޅީގެ ފާރަށް މިފަދަ ބަދަލުތައް ގެނައުމަށް ވިސްނުން ބުއްދިވެރިވާނެއެވެ. އެހެން ފާރުތަކުގައި ހުދު ކުލަ ކަހަލަ އަލި އަދި ޑިޒައިން ކްލޭޝް ނުވާނެ ކުލައެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު