ސިއްހީ ހާލަތު ދެނެގަންނަން ދަތްޕިލައިގައި ހަރުކުރާ ސެންސަރެއް އުފައްދަނީ

ލޫރާ ހެލްތުގެ ސެންސަރުން ސިއްހީ މައުލޫމާތު ފޯނުގެ އެޕްލިކޭޝަނަކަށް ފޮނުވައިދޭނެ ---

ސިއްހީ ހާލަތު މޮނިޓާކޮށް ބަލަހައްޓާ ސެންސާއެއް، ވަރަށް ކުޑަކުޑަ ޗިޕެއް ބޭނުންކޮށްގެން އުފެއްދުމުގެ މަސައްކަތް ސައިންސުވެރިން ފަށައިފިއެވެ.

ދަ ވާޖްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީހެއްގެ ކުޅުން އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ބޭނުން ކުރެވޭނެ ވަސީލަތެއް އުފެއްދުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ ލޫރާ ހެލްތު ކިޔާ ކުންފުންޏަކުންނެވެ. އެ ޑިވައިސްގައި އެ ކުންފުނިން ބޭނުންކުރަނީ އެގައުމުގެ ސިލިކަން ލެބްސް ކުންފުނީގެ ޗިޕްސެޓެކެވެ.

އެއީ xG27 ގެ ނަން ދީފައިވާ ޗިޕްސެޓެކެވެ. އޭގެ ތެރޭގައި ބީޖީ27 އާއި އެމްޖީ27 ޗިޕް ހިމެނޭއިރު، ބީޖީ27ގައި ބްލޫޓޫތު ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ. އަދި އެމްޖީ27 އިން ޒިގްބީ އާއި އެހެނިހެން ޕްރޮޓޮކޯލްތަކަށް ސަޕޯޓް ކުރެއެވެ.

އެ ޗިޕްތަކުގެ ބޮޑުމިން އުޅެނީ ދެ ސްކޮޔާ މިލިމީޓަރާއި ފަސް ސްކޮޔާ މިލިމީޓަރާ ދެމެދުގައެވެ.

ލޫރާ ހެލްތުގެ ސެންސަރުތައް ހަރުކުރެވޭ ގޮތްތައް --

ލޫރާ ހެލްތުގެ ސެންސަރު މެދުވެރިކޮށް ސިއްހަތާ ގުޅުން ހުރި 1،000އަށް ވުރެ ގިނަ ކަންތައްތައް ދެނެގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ސެންސަރު ދަތެއްގައި ހަރުކޮށްގެން ނުވަތަ ރީޓެއިނާއެއްގައި ހަރުކޮށްގެން ވެސް ބޭނުންކުރެވޭނެ ކަމަަށް އެ ކުންފުނިން ބުނެއެވެ.

ލޫރާ ހެލްތުއިން ވަނީ އެ ސެންސަރާ ގުޅުން ހުރި އެޕްލިކޭޝަނެއް ވެސް އުފައްދާފައެވެ. އެ ސެންސަރުން އަބަދުވެސް ދާނީ މީހާގެ ކުޅު އެނެލައިޒްކޮށް، ބްލޫޓޫތު މެދުވެރިކޮށް އެމީހެއްގެ ފޯން އެޕްލިކޭޝަނަށް ސިއްހީ މައުލޫމާތު ފޮނުވަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއީ ޑެންޓިސްޓުންނާއި އެހެން ޑޮކްޓަރުންނަށް ވެސް ބަލިތައް ދެނެގަންނަން ޓެސްޓްތައް ހަދަން ފަސޭހަކޮށްދޭނެ ސެންސަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ސެންސަރު ބާޒާރަށް ނެރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މަރުހަލާތައް ހުއްޓުމެއްނެތި ކުރިއަށްދާނަމަ އެ ސެންސަރު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ލޫރާ ހެލްތުއިން ލަފާކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު