"ހަޔާތަކީ ދިގު އެއްޗެއް ކަމަށް ހީކުރެވުނަސް އެސްފިޔަޖަހައިލާ ހިނދުކޮޅެއްގެ ތެރޭގައިވެސް ދިރިހުރުމުގެ ބައްތި ނިވިދާނެއެވެ. ހުސް އަތާ ދިޔުމުގެ ބަދަލުގައި ހެޔޮ އަމަލުތަކާއިގެން ﷲގެ ހަޟުރަތަށް ދަތުރުކުރުމަށް މަސައްކަތްކުރާށެވެ."

***

ޖަބްރީލް އޭނަގެ ކާފައަށް ނަރުސްކުއްޖާ ގެނައި ބޭސްތައް އަތުތެރެއަށް ލާފައި ޖީބަށް އަތްޖެހިއެވެ. އިރުކޮޅަކުން އަނެއް ޖީބަށް އަތް ޖަހާލާފައި ބޭސްތަކެއް ނެގުމަށްފަހު ކާފައަށް އެބޭސްތައް ދިނެވެ. ކާފަ އައި ޖަބްރީލްއާއި ބައްދަލުކުރެވުނު ނަޒަރުން އޭނަ ކުރި ކަންތައްތަކުގެ ސިއްރު ކާފައަށް ބޭޒާރުވީކަން އެނގުނެވެ. އުމުރުން ދުވަސްވެ ހުދުވެފައިވާ އެ ލޮލުން މާނަވީ ވިދުވަރެއް ފެނުނެވެ. ކާފަ ގެ ހާލަތު އެހާ ގޯސްކަމުގައި ވަންޏާ އޭނަ އެކުރި ކަންތައްތައް ދެނެގަނެވެނީ ކިހިނެއްހެއްޔެވެ؟ ހަގީގަތުގައި ކާފަގެ މައްސަލައެއް ނެތްކަމާއި އެތަނުގައި އިންނަން ބޭނުންވެގެން އިންނަނީކަމާއިމެދު ޖަބްރީލްއަށް ޝައްކުވަނީއެވެ. އެހެންވެ ޑޮކްޓަރުން ދޭ ބޭހުގެ ބަދަލުގައި އާދައިގެ ވިޓަމިންތަކެއް ކާންދެނީއެވެ.

***

ޖަބްރީލް އޭނަގެ ދިގު އެސްފިޔަތައް ކަތުރުން ކޮށައިލިޔަސް އެލޮލުގައި ހުންނަ އަސަރެއް ނުކެނޑެއެވެ. އޭނަގެ ކަތި ނަޒަރަކީވެސް އަންހެންކުދިންނަށް ސިހުރެކެވެ. އަންހެނުން އެހާވަރުން އޭނައަށް ބަލަނީ އެސްފިޔަތަކާއިހެދިކަމުގެ ކުށްހީ ޖަބްރީލްއަށް ކުރެވިފައިވިިއެވެ. އޭނައާއި ދިމާލަށް މީހުންގެ ނަޒަރު ހުއްޓުމުން އޭނަ ގަންނަ ބިރެއްގެ ސަބަބުން ވަގުތުން ދާހިއްލާ ހިތް ތުރުތުރުލައިގަނެވެ. ގޫގުލް ކުރުމުން އެ މައްސަލައަކީ "ސްކޮޕްފޯބިއާ"ކަން އެނގުނެވެ. އަންހެނުންދެކެ އާދަޔާޚިލާފަށް ނަފްރަތުކުރާ މައްސަަލަވެސް މީގެ ތެރޭ ހިމެނެއެވެ. ނަފްސާނީ މައްސަލަތައް ގިނަނުވާންވީ ސަބަބެއްވެސް ނެތެވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަވެސް އޭނައަކީ ޔަތީމެކެވެ. އަޅާލާނެ މީހެއް މިއޮތް ބޮޑު ދުނިޔޭގައި ނެތްއިރު ލޯތްބާއި ހަމްދަރުދީއާއި އޭނަ ބީރައްޓެއްސެވެ.

"އޭރުން މި އަންހެނުން މަށަށް ނުބަލާނެކަން ޔަގީން. ހާދަ ބޮލަށް އުދަގޫވާ ބަޔެކޭ..ފެނުނަސް ރުޅި އާދޭ...އައި ހޭޓް ދެމް.." ޖަބްރީލް މޫނުދޮވެލުމަށްފަހު ކަޅު ޓީޝާޓަކައި ޖިންސެއްލައިގެން ބޭރަށް ނުކުތެވެ. ފޯނު ރިންގުވާން ފެށުމުން ނުނަގަން އިނދެފައިވެސް އޭނަ ފޯނު ކަންފަތުގައި ޖެހިއެވެ.

"ހެލޯ.....ކޮންތާކު؟ މިއުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން...." މިކާއިލްގެ އަޑުގައި ހާސްކަންވިއެވެ.

"ދެރަ، ކިހިނެއްވީ އަނެއްކާ؟"

"ފެމިލީ އެންމެން އެކީ ކާރުގައި ދަނިކޮށް އެކްސިޑެންޓްވީ.....ބްރިޖުން ކައްސާލައިގެން މޫދަށް ވެއްޓުނުގޮތަށް އެންމެން ހޮސްޕިޓަލަށް ގެންގޮސްފި. ކާރު ދުއްވަން އިނީ ބައްޕަ. ބައްޕަ ނަސީބަކުން ކާރުން ފުންމައިލުމުން ބޮޑުވަރުނުވެ ސަލާމަތްވި. އެހެން ކުދިންގެ ހާލު އަދި ސީރިޔަސް......" މީކާއިލް އެކްސިޑެންޓްގެ ތަފްސީލު ދިނެވެ.

"އޯ...އައިމް ރިއަލީ ސޮރީ....."ޖަބްރީލް ހިތާމައިގާ ބައިވެރިވިއެވެ.

"ހޮސްޕިޓަލަށް ޖައްސައިލެވިދާނެތަ؟"

"އެއީ ކީއްކުރަން؟ އައި މީން އެ ފެމިލީއަކީ އަނެއްހެން އަހަންނާއި ބެހޭ ބަޔެއްވެސް ނޫންވީމަ. ތިއީ އުދަގޫކަމެއް. ސޮރީ ބްރޯ..........."ޖަބްރީލް ދެކޮޅުހެދިއެވެ.

"އަދި އެހެން ވާހަކައެއް. މިހާރު ހޮސްޕިޓަލުގެ ސީއީއޯ އަކީ އަހަރެން."

"އޯ...އައި ތޯޓް ބިޒިނަސްގެ ރޮގުންކަމަށް ކުރިޔަށް ދަނީ..."

"އަސްލު އަހަރެންގެވެސް ކާފަދޯ ދުރުން އުޅުނަސް. ނާސިން ހޯމްއެއްގެ ބޭނުން ޖެހުނީމަ ހިތަށް އެރީ ވިޔަފާރީގެތެރޭ ހޮސްޕިޓަލެއްވެސް ހިމަނާނީއޭ. ބައްޕަގެ ވިޔަފާރީގެ ބޮޑު ޝެއާއެއް މި ހޮސްޕިޓަލުގައިވެސް އެބައޮތް. ދެން އަނެއްކާ ސިއްރެއް ބުނެފާނަން. ކާފަ ހުރި ނާސިންހޯމްގައި ކޮރަޕްޝަނާއި އެބިއުޒްތައް ގިނަވެގެން ދިޔަކަން ފަޅާއެރުމުން އެތަން ބަންދުކުރުވާ އެތާތިބި ދުވަސްވީ މީހުން މި ހޮސްޕިޓަލުގެ ވިންގަކަށް ގެންނަންވެސް ޕްލޭންކޮށްފިން. ސޯ އޭގެ މާނައަކީ ދެން ޖަބްރީލްވެސް ވޯކްކުރާނީ މިތާގައޭ.............."މީކާއިލް މަޑުމަޑުންގޮސް ހަގީގީ މައުޟޫއަށް ވާހަކަ ގެންދިޔައެވެ. ޖަބްރީލް ދެކޮޅުހަދާނެކަން އެނގުނަސް މީކާއީލް ބޭނުންވާގޮތްް އެންގީއެވެ.

"ނޫން. ތިކަމެއް ނުވާނެ..."

"ސަބަބަކީ ކޮބާ؟ މަގުބޫލު ރީޒަނެއް ނުދައްކައިފިއްޔާ ކޯޓަށްވެސް ގެންދާނަން....."

"އެއީ ދެން އެއްވެސް މީހެއްގެ އިހުސާންތެރިކަން ގަބޫލުކުރަން ހިތް ނޭދޭތީ....." ޖަބްރީލް އިނީ ކޯކަށިގަނޑަށް ވާން ކޮށްލައިގެންނެވެ.މީކާއިލްގެ ބައްޕަ ހަމްދާންގެ އެއްވެސް ވިޔަފާރިއަކާއި ކައިރިނުވާން އޭނަ ހުވާކޮށްގެން ހުންނައިރު ޖަބްރީލްގެ ނަފްރަތުގެ ސިއްރު މީކާއިލްއަކަށްވެސް ނޭގޭނެއެވެ.ޖަބްރީލް ދުނިޔެއަށް އުފަންވުމުގެ ހަގީގަތް އޭނައަށް ވެފައިވަނީ ހިތި އެއްޗަކަށެވެ. ހަގީގަތަކީ ކޮބައިކަން ގަބޫލުކުރަން އަދިވެސް އޭނަގެ ހިތް ދެކޮޅެވެ. ކާފައަށް އެ ޚަބަރު އިވިއްޖެއްޔާ ކާފަގެ ހިތް ހަލާކުވާނެއެވެ.

"ޖަބްރީލް...."މީކާއިލް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

"ތިއީ އަދި ދޮންބެގެ އަމިއްލަ މުދަލެއް ނޫނެއްނު. ބައްޕަގެ ވިޔަފާރިވީމަ އޭނަގެ މުއްސަދިކަމުން ފައިދާ ނަގާހިތްނުވީ........"ޖަބްރީލް އަތް މުށްކަވައިލިއެވެ. އޭނަ ކުޑަދޮރު ކައިރީ ހުރެ ބޭރަށް ބަލަންފެށިއެވެ.

***

ޖަބްރީލް އޭނަގެ ކާފަ ފުރޮޅުލީ ގޮނޑިއަށް ލައިގެން ގެނެސް ޓެކްސީއަށް އެރުވިއެވެ."ކާފަ ދެރަވާނެކަމެއްނެތް. އެހެން ތަނަކަށް މި ބަދަލުކުރަނީ. ސަބަބަކީ ކާފަ އެއްގޮތަކަށްވެސް ގެއަށް ވަންނަން ބޭނުންނުވާކަން އަންޑަސްޓޭންޑްވާތީ. ކީއްވެކަމެއް ނޭގުނަސް ބައްޕަ އެގެދެކެ ފޫހިވާވަރު އަޅުގަނޑަށްވެސް އެނގޭ..."

ކާފަގެ ލޮލުން ޝުކުރުވެރިވުމުގެ ހިނިތުންވުމެއް ފެނުނެވެ.

އެމްސީ ހޮސްޕިޓަލްގެ ނާސިން ހޯމްއަށް ހަމަޖެހިފައިވާ ބަޔަށް ޖަބްރީލް ވަނުމުން ފައިސްޓްރާ ތަނަކަށް ވަދެވުނުފަދަ އިހުސާސެއް ކުރެވުނެވެ. ކާފައަށް ހަމަޖެހުނު ޕްރައިވެޓް ރޫމްގެ ހުރިހާ އެއްޗެއް ހުދުކުލައިންވާއިރު އެހާ އޮފްގަދައެވެ. ސާފުތާހިރުކަމާއި ތަރުތީބުކަމުގެ ދެވަނައެއް ނެތެވެ. އެނދުގެ އިތުރުން ސޯފާސެޓަކާއިއެކު ފްރިޖާއި ފެން ހޫނުކުރެވޭނެ އިންތިޒާމް އަދި ފަތިޓީވީ ބަހައްޓާފައިވިއެވެ. ޖަބްރީލް ކާފަ އެނދުގައި ބައިންދާފައި ކޮންމެވެސް ވަރަކަށް އެތަނަށް ބަދަލުކުރަން ޖެހުނު ސަބަބު ކިޔަައިދިނެވެ. ކާފަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

ޖަބްރީލް އެކަނިމާ އެކަނި ހިނގާފައި ދަނިކޮށް މީކާއިލް ކާރުގެ ބަރުގޮނު އަޅާލައިފިއެވެ. އަދި ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ.

"ނާރާނަންތަ؟ ވިއްސާރަ ވެހެން އެއުޅެނީ...."

"ވާރޭގައި ތެމުމަކީ މަޖާކަމެއް....."

"ކަމޯން ލިޓްލް ބްރަދާ. އަހަރެންގެ އަމިއްލަ ކާރެއް މިއީ. އެރިޔަސް ގެއްލުމެއްނުވާނެ. ތި އިގޯއަށް ހާޓްވަންޏާ ހެޔޮ ޕޭ ކުރިޔަސް. އަރާބަލަ. ދޮންބެ ވާހަކައެއް ބުނަންވެގެން.." މީކާއިލް އެއްމިޔަކަނުން ހީލަމުން އަވިއައިނު ތިރިކޮށްލިއެވެ. އެއާއެކު ރަގަޅަށް ޖަބްރީލްގެ މޫނަށް ކަޅި ހުއްޓުމާއެކު ސިހިފައި ކަހަލަގޮތަކަށް ލޯބޮޑުކޮށްލިއެވެ."އެސްފިޔައަށް ކިހިނެއް ހަދައިލީ؟"

ޖަބްރީލް ކާރުގެ ދޮރުފަތް ހުޅުވާފައި ކުރީ ސީޓުގައި އިށީނެވެ. ކާރުތެރެ ފިނިވެފައި މީރުވަހެއް ހިފާލާފައިވިއެވެ.

"އަންހެނެއްހެން އެސްފިޔަ ދިގުވީމަ ކަމަކުނުދޭ އެހެންވެ ކޮށައިލީ. ......"ޖަބްރީލް ލޯކުޑަކޮށްލިއެވެ.

ޖަބްރީލް އެހެން ބުންޏަސް ހަގީގަތަކީ އޭގެ ދިމާއިދިކޮޅުކަން އޭނައަށް އެނގެއެވެ. އަންހެންކުދިންގެ ސަމާލުކަން ލިބުމަށް ޖަބްރީލް ނޭދެނީއެވެ. އަމިއްލަ ރީތިކަން ނައްތައިލަން މަސައްކަތްކުރަންޖެހޭ ވަރުގެ މަގުބޫލު އެހެން އުޒުރެއް އޮވެދާނެކަމަކަށް އޭނަ ނުދެކެއެވެ. އަނެއްކާ ޖަބްރީލްއަކީ މުޖުރިމެއްނޫނެވެ.

"ސިފައާއި ކުޅޭކަށް ނުވާނެ...."

"ބުނެބަލަ. ކޮން ޚަބަރެއް ބުނަން ދޮންބެ އުޅުނީ؟"

"އަހަރެން ބޭނުމީ އެއްޗެއް ދައްކައިލަން..ބަލަން ފަސޭހަ މަންޒަރެއްވެސް ނޫން އެކަމަކު ހިތަށް އެރީ އެނގެން ޖެހޭނެއޭ......." މީކާއިލްގެ ޖުމްލައިން ޖަބްރީލްގެ ޝައުގާއި އެއްވަރަށް ނުތަނަވަސްކަންވެސް އިތުރުވިއެވެ.

"އެހާ އުދަގޫ ކަމެއްގެ ވާހަކަ ނުބުނިނަމަ..."

މީކާއިލް ފުން ނޭވާއެއް ދޫކޮށްލިއެވެ."އެހެން ހިތަށް އެރި އެކަމަކު ދުވަހެއްގެ ކޮޅުންވެސް އެނގިއްޖެއްޔާ އަހަންނަށް މާފު ނުކުރާނެއޭ ހިތަށް އެރީ. އެވާހަކަ ފޮރުވީމަ ހިތްހަމަނުޖެހޭނެއޭ. އައި ފެލްޓް ދެޓްސް ސަމްތިން ޔޫ ޝުޑް ނޯ އޭ. އަސްލު އެކަން ބޭޒާރުވީ ފްރެންޑަކަށް ޝައްކުވެގެން އޭނަގެ ސަބަބުން...."

މީކާއިލް އާއި ޖަބްރީލް ގޭގެ ސިޓިންރޫމްގެ ގޮނޑީގައި ހަމަޖެހިލުމަށްފަހު މީކާއިލް ލެޕުން ހުޅުވި ވީޑިއޯއަކުން ޖަބްރީލްގެ ލޭ ކެކޭގޮތްވިއެވެ. އެއިން ފެނުނީ އެތާ މަސައްކަތްކުރާ މުވައްޒަފަކު ކާފައަށް އަނިޔާކުރާ މަންޒަރެވެ. ދެތިންބޮނޑި އަޅާފައި ކޮށްޕާލާފައި އަނގައިގެ ތެރެއަށް އިސްޓާކީނުވެސް ގުޅައަކަށް ޖަހާފައި ލެއްވިއެވެ. އެއް ދުވަހުން އެވަރުކޮށްލިއިރު ކުރީގައި އެދިން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްވަނީ ފޮރުވިފައެވެ.

"ފްރެންޑެއްގެ ބައްޕައަކު ރޯތީއާއި ގެއަށް ގެންދަން ކިޔާވަރުން އޭނަ ސިއްރުން ކެމެރާ ހަރުކުރީ. ކެމެރާއިން އެ މަންޒަރުތައް ފެނުމުން އޭނަ ހުވާކޮށްފައި ބުނި އެ މީހާ ތިމަންނަގެ އަތުން މަރާލާނަމޯ. ރުޅިވެސް އަންނާނެ ދޯ. އެކި ކަހަލަ ކުށްވެރިން ގިނަކަމުން މުޖުތަމައުގައި ހަމަޖެހުމެއްނެތް. ކީއްކުރާނީ. އެހެންވެ އެހެން ކޮޓަރިތަކުގައިވެސް ސިއްރު ކެމެރާތައް ބެހެއްޓީ. ލާއިންސާނީ އަމަލުތަކެއް އެތާތެރޭ ހިންގާފައިވަނީ...ހަމައެގޮތަށް ޗައިލްޑް ކެއާ ސެންޓަރުތަކުގައިވެސް އެބަޖެހޭ ކެމެރާތައް ބަހައްޓަން. އަހަރެމެންގެ ލޯބިވާ ފަރާތްތަކުގެ ބަލިކަށިކަމުގެ ފައިދާ ހޯދައިގަނެ އެބިއުޒްކުުރުމުގެ ފުރުސަތު ދެވިގެންނުވާނެ......" މީކާއިލް ދާންވެގެން ތެދުވުނެވެ." މަންމައާއި ކޮއްކޮގެ ހާލު ވަރަށް ކްރިޓިކަލް. އެހެންވީމަ އެތަނަށް ދާން އެބަޖެހޭ..."

ޖަބްރީލް ގޮނޑީގެ ލެނގޭބައިގާ ބޯ އަޅާލުމަށްފަހު ލޯ މަރައިލިއެވެ.

***

މީކާއިލްގެ ދޮންމަންމައާއި ކޮއްކޮ ނިޔާވުމުން މީކާއިލްއަށްވެސް ޝޮކެއް ލިބުނެވެ. ޑޮކްޓަރުން އުއްމީދު ކަނޑައިލިއިރުވެސް އޭނަ ގަބޫލުކުރީ ކަރާމާތަކުން ނަމަވެސް ސަލާމަތްވެދާނެ ކަމުގައެވެ. އެފަދަ ހާދިސާތައް ދުނިޔޭގައި ހިނގަނީ މަދެއްކޮށް ނޫނެވެ. ނަމަވެސް އުފަން މަންމައަކުވެސް ނުދޭނެހާ ލޯބި ދިން ދޮންމަންމައާއި ކޮއްކޮ ވަކިވެގެން އެދިޔައީ ހިތުން ބަޔެއް ހިފައިގެންނެވެ. އަބަދާ އަބަދު އުފާވެރިކަމާއިއެކު ހިނިތުންވޭވޭ ހުންނަ މީކާއިލް ނެގިމަޑުވެފައި އިންތަން ފެނުމަކީ ނާދިރުކަމެކެވެ. ނަމަވެސް އޭނަގެ ތަބީއަތަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރުވައިފިއެވެ. ޑުއިޓީއަށް ސަލާމް ބުނުމަށްފަހު އޭނަ ހަތަރުދަން ހޭދަކުރީ ކޮޓަރީގެ ހަތަރުފާރުން އެތެރޭގައެވެ. މިކާއިލް އޭނަގެ އެނދުގައި އޮތީ ބޮޑު ސިންގާ ޓެޑީބެއާއަކާއި ބައްދާލައިގެންނެވެ.

"ކީއްވެ ލޯބިވާ އެންމެން ވަކިވެގެން ދަނީ؟ ވަރަށް ފޫހިވޭ.."މީކާއިލް މަޑުމަޑުން ކިޔަމުން ދިޔައެވެ. ކޮޓަރިއަށް ވަން ހަމްދާން އިރުކޮޅެއްވާންދެން މީކައިލްއަށް ބަލަން ހުރިއިރު އެލޮލުން ފެނުނީ ހިތާމައާއި ހުސްކަމެވެ. ދަރިފުޅުފަދައިން ހަމްދާންއަށްވެސް ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއް ލިބިފައިވިއެވެ. ވިޔަފާރިވެރިއަކަށްވުމުގެ ކުރިން އަސްކަރީ ތަމްރީނުތައް ފުރިހަމަކޮށް އެކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން އުމުރުން ވަކި ހިސާބަކުން ސިޔާސީ މައިދާނަށް ޝައުގުވެރިވެ މިހާރު އޭނައަކީ ޑިފެންސް މިނިސްޓަރުވެސް މެއެވެ. ކަޅުކުލަގަދަ އިސްތަށިގަނޑުން ކޮންމެވެސް ވަރަކަށް ނުރަ ފެންނާން ހުރުމުން ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ.

"ދަރިފުޅު. މިއީ ތަގުދީރު. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ. މަރަކީ އިންސާނާ ދުނިޔެއަށް އައުމަށްފަހު އެންމެ ގާތުގައި ހިޔަނިފަދައިން ވާ އެއްޗަކީ. ޣާފިލުވެ ތިއްބަސް މަރުގެ ވަގުތު ޖެހުމާއެކު އެމީހަކު ދުނިޔެއާއި ވަކިވެގެންދާނެ...."ހަމްދާނު މީކާއިލްގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

މީކާއިލް މަގަތަށް އެނބުރުނެވެ.

"މަންމަ ދުނިޔޭގައި ހުއްޓާ އަޅުގަނޑުގެ ވެޑިން ދުށުމަކީ މަންމަގެ ޑްރީމެއް. އެކަންވެސް ފުރިހަމަކޮށެއް ނުދެވުނު...."

"ދުނިޔެއަކީ އެކަހަލަ ތަނެއް މިކާ.. ބައްޕަ އެހާވަރަށް ބުނާއިރުވެސް ދަރިފުޅު އަދިވެސް ތިއުޅެނީ ކުޑަކުއްޖެއްހެން. އުމުރުން ހަތާވީސް އަހަރު ފުރިއްޖެ...އެކަމަކު ހެދުނު ބުއްތަށި ބޮއި ޓެޑީބެއާއާއިގެން އަޅާ ކޮންމެ ފިޔަވަޅެއް އަޅާ އަބަދު އެނދަށް ވެއްޓިގެން ގޭމްކުޅެން އޮތީމަ ޒިންމާދާރު ފިރިހެނަކަށްވެ އަނބިމީހާ ބެލެހެއްޓޭނެތަ؟ އަދިވެސް ބައްޕައަށް މިކާ ފެންނަނީ ކުޑަކުއްޖެއްގެ ގޮތުގައޭ....." ހަމްދާން މީކާއިލްގެ ފަން އިސްތަށިގަނޑު ހާވާލިއެވެ.

"މިހާރު ޖޮބަށް ދާން ފެށީ. ބައްޕައަށް ދެން ފެންނާނީ މި ކުޑަ މީކާއީލްއެއް ނޫން.."

"ގުޑް ބޯއި...."

"މަންމަ މަތިން ވަރަށް މިސްވާނެ. ފަތިސް ނަމާދަށް ދާން ގޮވާނެ މީހެއްވެސް ދެން ނުހުންނާނެ..އެގަޑީގައި މިލްކްތަށި ގެނެސްދޭނެ...އެކި ފްލޭވާސްގެ.."މިކާއިލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"ބީ ސްޓްރޯންގް މައި ޗައިލްޑް.." ހަމްދާން ދަރިފުޅުގެ ނިތަށް ބޮސްދިނެވެ.

"ޑެޑީ..."މިކާއިލް އިތުރަށް ޅަ ވަމުން ބައްޕަގެ ކަނދުރާގައި އަތް އަޅުވާލައިފިއެވެ.

***

ޖަބްރީލް ޗީޒްސެންޑްވިޗަކާއި ބިސްގަނޑެއް ތައްޔާރުކޮށްލުމަށްފަހު ކޮފީއެއްވެސް ހަދައިލިއެވެ. ނާސްތާ ތަބަކެއްގައި އަތުރާލުމަށްފަހު ސިޓިން ރޫމްގައި އިންއިރު އަތުގައިވާ ފޯނާއިކުޅެމުން ދިޔައެވެ. ބުމަކައިރިކޮށްލައިގެން އިންއިރު އެ ނަޒަރުގައިވަނީ ސީރިޔަސްކަމާއި ރުޅިވެރިކަމެވެ. އޭނަ ޔޫޓިއުބުން ބަލަމުން ދިޔައީ ނާސިންހޯމްތަކުގައި ތިބޭ ދުވަސްވީ މީހުންނަށް އެހީތެރިންގެ ފަރާތުން ލިބެމުންދާ އަނިޔާތައް ދައްކުވައިދޭ ވީޑިއޯތަކެވެ. އެމަސައްކަތުގައި އިނދެ ސައިބޮއި ނިމިގެން ތުން ދޮވެލިތަނާހެން މީހަކު ދޮރުގައި ޓަކިދޭން ފެށުމުން ކުޝަންއިން އަނގަމަތި ފޮހެލިއެވެ.

"ބޭޑް ހެބިޓެއް. އެކަމަކު ހުއްޓައިނުލެވޭ.."ޖަބްރީލް އަމިއްލަ ނަފުސަށް ކިޔައިލިއެވެ.

ދޮރުމަތީގައި ހުރި މީހާ ފެނުމުން މޫނުމައްޗަށް ދޮރުޖަހަން ޖަބްރީލް ބޭނުންވިއެވެ. ރުޅިވެރިކަމުގެ އަލިފާންގަނޑު ހިތުތެރޭގަައި ހުޅުހިފިގޮތަށް އެ ހޫނުކަމުގެ އަސަރު މޫނުމަތިވެސް ދައްކައިލިއެވެ. އެމޫނަށް ރަތްކުލަ ވެރިވިއެވެ. މި އަންވަރުއަކީ އޭނަ ކުޑައިރު އެއްލާލާފައި ދިޔަ އޭނަގެ ބައްޕައެވެ. އޭނަ ދޭތެރެއަކުން ޖަބްރީލްގެ ދިރިއުޅުމަށް ވަދެލަނީ ހުއްދައަކާއި ނުލައެވެ. މަންމައާއި މި މީހާއާއި ދޭތެރޭ އޮންނަ ގުޅުންވެސް ދެނެގަންނާން އޭނައަށްވަނީ ނުކުޅެދިފައެވެ. ދޭތެރެއަކުން ޒުވާބުކޮށް އަރައިރުންވެ ދެމީހުން ވަކިވެފައި އަލުން ގުޅޭއިރު ހީވަނީ އެހެން ކަމެއްހެންނެވެ.

"ޖަބްރީލް. އަހަރެން މިއައީ ވަރަށް ޝައުގުވެރި އެއްޗެއް ހިފައިގެން. ދިރިއުޅުން ބަދަލުކުރުވާނެ....."

"ޢަހަރެން އިތުރު އެއްވެސް އެއްޗެއް ބޭނުމެއްނޫން.." ޖަބްރީލްގެ ހަނި ނަޒަރު އޭނަގެ ގާނޫނީ ބައްޕަގެ މޫނަށް ހުއްޓުނެވެ. އަންވަރުގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. ލޮލުގެ ހުދުކުލައިގެ ބަދަލުގައި މަޑު އޮރެންޖުކުލައެއް ފެންނައިރު ހަރުކަށިކަމެއް ފެންނާން ހުރެއެވެ. އެލޮލުން އެ ފެންނަ ކުލަވަރު މާނަކުރަން ޖަބްރީލްއަށްވެސް އުދަގުލެވެ.

"އަހަރެން މިއައީ މި ތަޅުދަނޑި ހިފައިގެން..."

"ތިއީ؟" ޖަބްރީލްއަށް ބަލައިލެވުނީ އޭނަގެ އަތުގައި އޮތް ރިހިކުލައިގެ ބޮޑު ތަޅުދަނޑިއަށެވެ.

އަންވަރުގެ ޖުމްލައިން ޖަބްރީލްގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު