ސޯނޫ ސޫދުގެ ފިލްމު ''ފަތޭ'' ޚާއްޞަ ކުރަނީ ސައިބާ ކްރައިމްތަކަށް

އެކްޓަރު ސޯނޫ ސޫދުއާއި ބަތަލާ ޖެކްލީން ފެނާންޑެޒް --

އެކްޓަރު ސޯނޫ ސޫދުއާއި ބަތަލާ ޖެކްލީން ފެނާންޑެޒް މުހިންމު ރޯލްތަކުން ފެންނަ ފިލްމު "ފަތޭ"ގެ ޝޫޓިން އިންޑިއާގެ ޕަންޖާބުގައި ކުރިއަށްދާކަމަށް ސޯނޫ ބުނެފިއެވެ.

ޕަންޖާބުގެ އަމްރިސްތަރުގައި ބޮޑު ބައެއް ޝޫޓްކުރާ މިފިލްމަކީ، އެކްޝަން ތްރިލާއެކެވެ. އަދި ފިލްމު ޚާއްޞަކޮށްފައި ވަނީ ސައިބާ ކްރައިމްތަކަށްކަމަށް ސޯނޫ ވަނީ ބުނެފައެވެ.

ވައިބާވް މިޝްރާ ޑައިރެކްޓްކުރާ މިފިލްމަށް ބޭނުންވާ ޚާއްޞަ ތަމްރީނުތަކެއް ފުރިހަމަކުރުމަށް ދެ ތަރިން މިހާރު ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މިތަމްރީނުތަކަކީ، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ތަފާތު އެކި ވެބްސައިޓްތަކާއި އާންމުންގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުންނަ ގެޒެޓުތައް ހެކްކުރުމުގެ އުކުޅު ދަސްކޮށްދޭ ޚާއްޞަ ވޯކްޝޮޕްތަކެއް ކަމަށް ވައިބާވް ބުނެފައެވެ.

އެ ފިލްމާ ގުޅޭގޮތުން ސޯނޫ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެކައުންޓްތަކާއި ވެބް ސައިޓްތައް ހެކްކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކަމެއް ކަމަށާއި މިފިލްމުގައި ދައްކުވައިދޭނީ މިފަދަ ހަގީގީ ހާދިސާތައް ކަމަށެވެ. ޚާއްޞަކޮށް ކޮވިޑް-19އިގެ ލޮކްޑައުން ތެރޭގައި މިފަދަ ތަޖުރިބާތައްކުރި މީހުންނާ ސޯނޫ ސޫދަށް ވެސް ބައްދަލުވެފައިވާތީ އެތަޖުރިބާތައް ވެސް ފިލްމުން ފެންނާނެ އެކްޓަރުވަނީ ބުނެފައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމަށް އުފެދުނު ޝައުގުވެރިކަމާއެކު މިފިލްމު ކުޅެން ބޭނުންވިކަމަށް ސޯނޫ ވަނީ ބުނެފައެވެ. މިފިލްމަކީ 2021ވަނަ އަހަރުތެރޭ އިއުލާނުކުރި ފިލްމެކެވެ.

ކޮވިޑް-19އިގެ ދުވަސްތައް ތަހައްމަލުކުރި ދުވަސްތަކާއެކު މިފިލްމުވެސް އޭރުވަނީ ފެށޭގޮތް ނުވެފައެވެ. ފިލްމުގެ ޝޫޓިން މިހާރު ފެށިފައިވާއިރު ބެލުންތެރިންނަށް މިފިލްމު ގެނެސްދޭން ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުތެރޭގައެވެ. އެހެންނަމަވެސް ވަކި ތާރީޚެއް އަދި އިޢުލާނުކުރެއެވެ.

އާންމުކޮށް ނެގެޓިވް ރޯލްތަކުން ފެންނަ ސޯނޫގެ މިފިލްމަކީ، ބަތަލާ ޖެކްލީންއާއެކު ފެންނަ ފުރަތަމަ ފިލްމުވެސްމެއެވެ. ސޯނޫ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު އަކްޝޭ ކުމާރުއާއެކު ކުޅުނު ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް"އިންނެވެ.

comment ކޮމެންޓް