ބޫޓު ގަތް ގޮތަށް ހުރީ، އަދިވެސް ކަސްރަތު ކުރަން ނުދެވޭ!

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަށް ގިނަ ބަޔަކު ބޭނުންވާނެއެވެ. އަދި އެކަމަށް މަސައްކަތް ކުރާ މީހުން މަދެއް ނުވާނެއެވެ. އެކަމު އެންމެ ގިނަ މީހުންނަށް ދިމާވާ އެންމެ އުނދަގޫ ކަމަކީ ކަސްރަތު ކުރަން ފަށައިގަތުމެވެ. ކަސްރަތު ކުރަން ފަށައިގަންނަން އެއްޗެހި ގަންނާނެއެވެ. އެއަށް ފަހު ވާ ގޮތެއް ހަނދާން ވޭ ހެއްޔެވެ؟

ކަސްރަތު ކުރަން ބޭނުންވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ގިނަ ބަޔަކު އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ ދުވަން ދިޔުމެވެ. މިކަމަށް ތައްޔާރުވުމަށްޓަކައި ޖޮގިން ބޫޓުތަކާއި ޓެނިސް ގަންނާނެއެވެ. އަދި އެއަށްފަހު ވޯކް އައުޓް ކުރަން ބޭނުންވާ އައުޓްފިޓްތައް ވެސް ގަންނާނެއެވެ.

ނަމަވެސް އެ ގަތުމަށް ފަހު ބޭނުން ނުކުރެވި ހުރީ ކިހާ ދުވަހެއް ވަންދެއް ހެއްޔެވެ؟ އަދި އެ ގަތުމަށްފަހު ދެ ފަހަރަކު ބޭނުންކޮށް އިތުރަށް އެ ބޭނުން ނުކުރެވި ހުރީ ކިތައް މީހުން ހެއްޔެވެ؟ މިއީ ވަރަށް އާންމު ކަމެކެވެ.

"އާއިލާ ބަޔަކު އެކީގައި ރޭގަނޑު ދުވަން ދާން ވެގެން ވަރަށް ވަރު ބަހައްޓާލާފައި ގަނެފިން ޓެނިސްތަކެއް. މިހާރު އެ އަލަމާރި މަތީގައި ހުންނަތާ ހަމަ ގައިމު ވެސް ދެ މަސް ވަނީ،" އަލަށް ދުވަން ފަށަން ވިސްނައިގެން އުޅުނު ޒުވާނެއް ކަމަށްވާ ޝާމިލާ ހުސައިން ބުންޏެވެ.

ޝާމިލާ ބުނިގޮތުގައި ގަވާއިދުން ކަސްރަތު ކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވެއެވެ. ނަމަވެސް ފަށައިގަންނަން އުނދަގޫ ވާތީ އަބަދުވެސް ކަސްރަތު ކުރުން "މާދަމާއަށް ފަސްކޮށްލަނީ" ކަމަށް އޭނާ ބުނެއެވެ. ދެން ބަލަން ހުއްޓައި މި "މާދަމާ" އޮންނަނީ މަހަކަށް ވެފައެވެ.

ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތުކޮށް ރޫޓީން އެއް ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަދި މިއީ ގިނަ ބަޔަކަށް ފަށައިގަންނަން ވެސް އުނދަގޫ ވާ ކަމެކެވެ. އެހެންވީމާ ބޫޓު ގަނެ، ހިރަފުސް އަރުވަން ބެހެއްޓުމުގެ އާދަ ދޫކޮށްލަން ބޭނުންވާ މީހުން މޯޓިވޭޓް ވާން އެބަ ޖެހެއެވެ. ނަސީބަކުން ކަސްރަތު ކުރުމަށް މޯޓިވޭޓް ކުރެވިދާނެ ގޮތްތަކެއް ވެސް އެބަ ވެއެވެ.

ފިޓްނެސް ޓްރެކަރެއް ހޯދުން

ކޮންމެ ދުވަހަކު މީހާގެ އާދަތަކާއި ހަކަތަ ބޭނުން ކުރާ މިންވަރު ދެނެގަނެ އަބަދު ހަނދާން ކޮށްދޭނެ ހާއްސަ ސިސްޓަމެއް އޮންނަ ނަމަ ކަސްރަތު ކުރަން އިތުރަށް އަމިއްލަ ނަފުސަށް ބާރު އަޅާނެއެވެ. ހަށިގަނޑަށް އަންނަ ބަދަލުތައް އާންމުކޮށް ފެންނަން ފެށުމަކީ ކަސްރަތު ކުރަން ލިބޭ އިތުރު ހިތްވަރެކެވެ. މިކަން ކުރަން ކޮންމެހެން އަގުބޮޑު ސްމާޓްވޮޗުތައް ގަންނާކަށް ނުޖެހޭނެއެވެ. އަގުހެޔޮ ފިޓްނެސް ޓްރެކްް ކުރާ ގަޑިއަކުން ވެސް ފުއްދާލެވޭނެއެވެ.

ތަފާތު ހަރަކާތްތައް ރާވާލުން

ދުޅަހެޔޮ ސިއްހަތަކަށް ކޮންމެ ދުވަހަކު ސީދާ އެއް ކަންތައްތަކެއް ކުރަން ވިސްނައިގެން ހުރުމަކީ އެކަމެއް ފެށުމުގެ ކުރިން ވެސް ފޫހި ވެދާނެ ކަމެކެވެ. އޭގެ ބަދަލުގައި ހަރަކާތްތައް ބަދަލުކޮށްލެވޭ ގޮތަށް ރާވާލާފައި ބެހެއްޓުން ރަނގަޅެވެ. މިސާލަކަށް ހަމަ އެކަނި ދުވުމުގެ ބަދަލުގައި ގޭތެރޭގައި އާދައިގެ ވޯކްއައުޓް ރޫޓީން ޖެއްސި ދާނެއެވެ. އަދި ހަމަ އެއާއެކު ޔޯގާ ޖެއްސުމާއި ޒުމްބާ ޖެއްސުމުގެ އިތުރުން މޫދަށް ދިޔުމަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭނެ ކަންތައްތަކެވެ.

އެކަނި ކަސްރަތު ކުރަން ނުވިސްނުން

އަލަށް ކަސްރަތު ކުރަން ފަށާއިރު އަބަދުވެސް އެކަމަށް މޯޓިވޭޓް ކޮށްދޭނެ މީހަކު ހުރުމަކީ އަބަދުވެސް ކަސްރަތު ކުރުމަށް ލިބޭ ހިތްވަރެކެވެ. ކަސްރަތު ކުރަން އުޅޭއިރު އެކަނި އެ ހުރިހާ ކަމެއް ތަޖުރިބާ ކުރުމުގެ ބަދަލުގައި އެ ތަޖުރިބާ ހިއްސާ ކުރާނެ މީހެއް ހުރުމަކީ އެކަމަށް ހިތްވަރު ލިބި އާންމުކޮށް ކުރުމަށް ލިބޭ އިތުރު މޯޓިވޭޝަނެކެވެ.

މި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ސައިންސެއް ނޫނެވެ. މިއިން ކަންތައްތަކަކީ ކަސްރަތު ކުރާ މީހުންގެ ތެރެއިން ބައެއް މީހުން ފާހަގަކުރާ ކަންތަކެވެ. މިއިން އެއްބައި ކަންތައްތަކީ ބައެއް މީހުންނަށް މަސައްކަތް ނުކުރުން އެކަށީގެންވާ ކަންތައްތަކަށް ވެސް ވެދާނެއެވެ. ނަމަވެސް މޯޓިވޭޓްވާން ތަފާތު ކަންތައް ކުރުމަކީ ކަސްރަތު ކުރުމަށް ލިބޭނެ އިތުރު ހިތްވަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު