ރޯދަމަހު މުދާ އުފުލާ ގަޑިތައް ކަނޑައަޅައި، އުސޫލާ ޚިލާފުވާނަމަ ޖޫރިމަނާ ކުރަނީ

ބިދޭސީއެއް މުދާ ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފެށޭ ރޯދަ މަހު މުދާ އުފުލާ ގަޑިތައް ކަނޑައަޅައި، އުސޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރޯދަމަހު މުދާ އުފުލޭނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00އިން ހެނދުނު 06:00 އަށް ކަމަށެވެ.

މި ވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދަލެއް ވެސް އުފުލޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ހަވީރު 16:30 އިން ރޭގަނޑު 20:00އާ ދެމެދު އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް، އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުން އެ މިނިސްޓްރީން ވަނީ މަނާކޮށްފައެވެ. އެ ގަވައިދާ ޚިލާފްވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

މުދާ އުފުލާ އުޅަނދުތައް ބްރިޖަށް އެރޭނެ ވަގުތުތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 01:00 އިން ފެށިގެން ހެނދުނު 06:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ވެސް ތަކެތި ގެންދެވޭނެއެވެ.

އެނޫން ވަގުތުތަކުގައި ބްރިޖުން މުދާ އުފުލުމަކީ މަނާ ކަމަކަށްވާއިރު، ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 09:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 06:00އަށެވެ. އެނޫން ވަގުތުތަކުގައި އެތަކެތި ވެސް ބްރިޖުގައި އުފުލުމަކީ މަނާކަމެކެވެ.

ރޯދަ މަހު މުދާ އުފުލުމަށް ވަކި ވަގުތުތަކެއް ކަނޑައެޅުމަކީ ކޮންމެ ރޯދަމަހަކުވެސް ކުރާ ކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ވަގުތުތައް ކަނޑައަޅަނީ މާލެ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލްކޮށް، އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

comment ކޮމެންޓް