އަނެއްކާވެސް ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 120 ގްރާމް ހުރި-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަނެއްކާވެސް ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް އެކްސްރޭ ކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ޕެކޭޖާމެދު ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމަށް ނިންމި ޕެކޭޖެއްގެ ތެރެއިން ހިކިފަތްތަކެއް ފެނިގެން އެތަކެތި ތަހުލީލު ކުރި ކަމަށް އެ ޚިދުމަތުން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ޕެކޭޖަކީ އެމެރިކާއިން ރާއްޖެ ގެނަސްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިއިރު، އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 120 ގްރާމް ހުރިކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ އެތަކެތީގެ މަގުމަތީގެ އަގު، 96،000 ރުފިޔާއަށް އަރާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެ ޕެކޭޖް މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މިތަކެތީގެ އިތުރުން، ހަމަ އެދުވަހު، ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވެސް ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ. އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 520 ގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު، ނުވަ ލައްކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބާރު ގަދަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޕާޓީ ޑުރަގްސް، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ޕޯސްޓް މެދުވެރިކޮށެވެ.

comment ކޮމެންޓް