މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ގޮވާލައިފި

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

މާލޭގެ އެއްވެސް ރައްޔިތަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށް ބުނެ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަކިޔުން ވަނީ އިއްވާފައެވެ. ގަރާރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދައުރު ހަމަވާން ދާދި މަދު ދުވަސްކޮޅަަށްވެފައިވީ އިރުވެސް، މާލޭގެ އެއްވެސް ރައްޔިތަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެެވެ.

ރައީސް ޞާލިޙު، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާންތަކުގައި، މާލޭގެެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށް ގަރާރުގައި ވެއެވެ. ނަމަވެސް މިހާތަނަށް އެ ވައުދު ފުއްދިފައިވާ ނުވާ ކަމަށް ގަރާރުގައިވެއެވެ.

ގަރާރުގައި ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ނުކުތްއިރު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އަދި ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން، 2018 ވަނަ އަހަރު އެކިފަހަރުމަތިން އެކި ހަފުލާތަކުގައި "ބޯހިޔާވަހިކަން ހައްގުވާ" ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރެވިފައިނުވާ ކަމަށް ގަރާރުގައި ތަކުރާރުކޮށް ބުންޏެވެ.

އެކަން ކުރެވިފައި ނުވި ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް މަޖިލީހުގެ ބައެއް މެމްބަރުންނާ ސަރުކާރުގެ ބައެއް ވަޒީރުން މާލޭގެ އެކިއެކި ގޭގެއަށް ވަޑައިގެން ވަކި އުސޫލެއް، ހަމައެއްނެތި ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ވިދާޅުވެ، ވޯޓު ހޯދުމުގެ ނިޔަތުގައި އޮޅުވާލަމުން ގެންދާ ކަމަށް ވެސް ގަރާރުގައި ތުހުމަތު ކޮށްފައިވެއެވެ.

"ސަރުކާރުގެ "ގެދޮރުވެރިން ޕްރޮގްރާމް"ގެ ދަށުން ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮމެޓީން ކުރަމުންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވުމީ އިންތިހާއަށް ބޭނުންތެރި ކަމެއް،" ގަރާރުގައި ވެއެވެ.

ގަރާރުގައި ބުނީ 19 ވަނަ މަޖިލީހަށް ވެސް އެކަމާ ގުޅޭ އެތައް ގަރާރަކާއި މައްސަލަތަކެއް ހުށަހަޅައި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާކޮށް، ރައްޔިތުންގެ މަންދޫބުން އެދެމުން ދާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ އެހާމެ ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މެމްބަރު އާޒިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މިހާތަނަށް ވެސް މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.

ގަރާރުގައި ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތް އިތުރަށް ދިގުނުދަންމައި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.

comment ކޮމެންޓް