ދަރިވަރުންނަށް އިންތިހާއަށް ބުރަ، މިއީ ހަމަ ރަނގަޅު ގޮތްތަ؟

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ-- ސަން ފައިލް ފޮޓޯ

އާދައިގެ މަތިން ހަފުތާގެ ރަސްމީ ފަސް ދުވަސް އެ ކުދިން ހޭދަކުރަނީ މުޅިވެސް ކިޔެވުމުގައެވެ. ސްކޫލަށް ގޮސް، ފިލާވަޅުތައް ހަދައި ދަސްކުރުމަށް ފަހު ގެއަށް އައުމަށް ފަހު ވެސް އޮންނަނީ ހަމަ އެ މަސައްކަތެވެ. ޓިއުޝަންތައް ނެގުމާއި ހޯމްވޯކްތައް ހެދުމެވެ.

ރަސްމީ ބަންދު ދެ ދުވަސް އައުމުންވެސް ހަފުތާގެ ފަސް ދުވަހު އުޅެން ޖެހުނު ބުރަ ތާވަލަކަށް ބަދަލެއް ނާދެއެވެ. ހަމައެކަނި ތަފާތަކީ ސްކޫލަށް ދާން ނުޖެހުމެވެ. ހަފުތާ ބަންދު ދުވަސްތަކުގައި ވެސް ޖެހެނީ ސްކޫލުން ދޭ ފިލާވަޅުތައް ހަދާށެވެ. ކޮންމެ މާއްދާއަކުން ވޯކްޝީޓެއް ހަދަން ނުޖެހެނީ މަދު ހަފުތާއެއްގައެވެ.

އެކަމަކު، ކޮންމެ ހަފުތާ ބަންދެއްގައި ވެސް ކޮންމެސް ގޮތަކަށް އެކި މާއްދާތަކުން ފިލާވަޅުތައް ނިންމަންދެއެވެ. ނޫނީ ކޮންމެވެސް ހަރަކާތަކަށް ސުކޫލަށް ދާން ޖެހެއެވެ. ނޫނީ ޓިއުޝަނެއް ނަމަވެސް އޮންނާނެއެވެ. ބަންދު ދެ ދުވަހު ކުރަން ބޭނުން ކަންކަން ކުރުމަށާއި އާއިލާއާއެކު ހޭދަކުރުމަށް ލިބޭ ވަގުތުކޮޅު ވަރަށް ވެސް ކުޑައެވެ. މިއީ ކުދިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ސްކޫލް ދަރިވަރުންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ޕްރައިމެރީ ގްރޭޑެއްގައި ތައުލީމް ހާސިލުކުރަމުންދާ ދަރިވަރެއްގެ ހަފުތާގެ ތާވަލު ކިޔާދެމުން އޭނާގެ މަންމަ އާއިޝަތު އާޝިޔާ ބުނި ވާހަކަތަކެކެވެ.

އާޝިޔާގެ ދަރިފުޅު ނޫނަސް ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާއަކަށް ވެފައިވަނީ ޕްރައިމެރީ ގްރޭޑުތަކުގައި ކިޔަވާ ދަރިވަރުންނަށް މާ ބުރަ ބޮޑުވާ ގޮތަށް ސްކޫލުތަކުން ކަންތައް ކުރުމެވެ. ހަފުތާގެ ފަސް ދުވަހު އަބަދުމެ ކިޔެވުމުގައި ހޭދަކުރުމަށް ފަހު ހަފުތާ ބަންދަށް ވެސް ނިންމަން ބައިވަރު ވޯކްޝީޓުތައް ދޭ ވާހަކައެވެ.

އޭގެ ސަބަބުން ކުދިންގެ އަމިއްލަ ކަންކަމަށް ދެވޭ ވަގުތު މަދުވެ، ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ސަބަބުން ބުރޫ އަރާ ވާހަކައެވެ. އަދި އައީލީ ވަގުތުތައް މަދުވެ، އާއިލާއާ އެއްކޮށް ހޭދަކުރަން ޖެހޭ ވަގުތު ނުލިބޭ ވާހަކައެވެ. އެކަމުގައި ބެލެނިވެރިންގެ ޝަކުވާތައް ގުޅެނީ އެމީހުންގެ މި ކަންބޮޑުވުންތަކާއެވެ. އެމީހުންގެ ދަރީންގެ ނަފުސަށް ބޭނުންވާ ވަގުތުގެ މުހިއްމުކަން އެ ބެލެނިވެރިންނަށް އިހުސާސްކުރެވޭތީއެވެ.

"ސްކޫލްތަކުން ކޮށްދޭ މަސައްކަތް ބެލެނިވެރިން އެޕްރިޝިއޭޓް ކުރޭ. ސްކޫލު ތެރެއިން ދޭ ތައުލީމަކީ އެއް ނޫން ހަމައެކަނި ކުދިންނަށް މުހިއްމު އެއްޗަކީ. ދިރިއުޅުމަށް ބޭނުންވާ މުހިއްމު އެހެންކަންކަން ވެސް ހުރޭ. އޭގެން އެއްވެސް ކަމަކަށް ޓައިމް ދެވޭ ވަރު މަދުވެ، ގިނަ ފަހަރަށް އެއްކޮށް ވަގުތު ގެއްލޭ. ސްކޫލުތަކުން ދޭ އިތުރު ވޯކްތަކާ ހެދި. އެއަށްވުރެ ރަނގަޅު ގޮތެއް އޮންނަން ވާނެ،" ޕްރައިމެރީ ގްރޭޑެއްގައި ތައުލީމް ހާސިލުކުރަމުންދާ ކުއްޖެއްގެ ބެލެނިވެރިޔާ ނާޒިރާ އަލީ ބުންޏެވެ.

މިގޮތަށް ކަން ހިނގާ ކަމަށް ގަބޫލުކޮށް އެކަމުގެ ކަންބޮޑުވުން ބައެއް މުދައްރިސުން ވެސް ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތަށް ވެސް ފާޅުކުރެއެވެ. އެމީހުން ބުނާ ގޮތުގައި ކޮންމެ ކުއްޖަކުވެސް އަމިއްލައަށް ދަސްކުރަން ޖެހޭ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ތައުލީމަކީ ހަމައެކަނި ފޮތުން އުނގެނޭ އެއްޗަކަށް ނުވާއިރު، އެކަންކަން ދަސްވާނީ ގޭތެރެއިންނާއި އާއިލާގެ ފަރާތުން ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ޕްރައިމެރީ ގްރޭޑްތަކުގައި އުޅޭ ކުދިންނަށް އެވަގުތަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކޮށް ބައެއް ޓީޗަރުން ވަނީ ހަފުތާ ބަންދުގައި ލިބޭ ދެ ދުވަހަކީ ސްކޫލުގެ ފިލާވަޅުތަކަށް އެކުދިން މަސްއޫލުވެ އުޅެން ޖެހޭ ވަގުތަށް ނުހެދުމަށް އެދިފައެވެ.

"ކުދިންގެ މައިންބަފައިން ކައިރިންނާއި ރަހުމަތްތެރިން ކައިރިން ކަންކަން ދަސްކުރުމަކީ ވެސް މުހިއްމުކަމެއް. ކޮލެޓީ ޓައިމް އެއް އިންނަންވާނެ އެކުދިންގެ މައިންޑް ފްރެޝް ކޮށްލަން. އެކަމު އަދިވެސް ބައެއް ސްކޫލުތަކުުގައި ހަފުތާ ބަންދުގަ ވެސް ކުދިން އެބަ ވަރަށް ބުރަ ކޮށްލާ،" މުދައްރިސަކު ބުންޏެވެ.

ސްކޫލް ދަރިވަރުންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސްކޫލުތަކާ ހަވާލުވެ ތިބި ޕްރިންސިޕަލުން އެކަމާ ދެކޮޅުހަދައެވެ. އަދި ވީހާވެސް ބޮޑަށް ކުދިންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ބަލައި ކަންކަން ރޭވުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެ ޕްރިންސިޕަލުން ބުނެއެވެ.

"ބައެއް ކަރިކިއުލާ އެކްޓިވިޓީސްގެ ގޮތުން ހަފުތާ ބަންދަށް އެކަންކަން ރާވަން ޖެހޭ. އެކަމު އެއީ އަބަދަކު ނޫން. އަޅުގަނޑުމެން އަބަދުވެސް ބަލަނީ ކުދިންނަށް ބުރަ ބޮޑު ނުކޮށް ހަފުތާ ބަންދު އެގޮތުގަ އެކުދިންނަށް ދޭން. އެއީ އަސްލު ކުދިންނަށް ލިބޭ ދެ ދުވަހަކީ އެ ކުދިންނަށް ވަރަށް މުހިއްމު ދެ ދުވަސް. އެކުދިންނަށް ވެސް އަދި ކިޔެވުމަށް ފޯކަސް ބަހައްޓަން ވެސް،" މާލޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި އުޅޭ ގިނަ ފަރާތްތަކަކުން އިއްތިފާގު ވަނީ ކުދިންގެ ނަފްސަށް ވަގުތު ލިބެން ޖެހޭނެ ކަމަށެވެ. ހަމައެކަނި އެކުދިން ކުރަން ޖެހޭ ކަމަކީ ސްކޫލުން ދޭ މަސައްކަތްތައް ހެދުން ކަމަށް ނުހަދައި، އާއިލާ އާއި އަމިއްލަ އެހެނިހެން ކަންކަމަށް ވެސް ވަގުތު ހުސްކުރުން ޖެހޭނެތީއެވެ. އަދި އެކަމަށް ސްކޫލުތަކުން ވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެކަން ކުރެވޭނީ ކުދިންނަށް ހަފުތާ ބަންދު ހުސްކޮށްދީގެން ކަން އެމީހުން ގަބޫލުކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ހިތްވަރު ދެނީ ދަރިވަރުންނަށް އެންމެ ރަނގަޅު އަދި ބޭނުންތެރި ގޮތަށް ތައުލީމް ދޭން ކަމުގައި އެ މިނިސްޓްރީން އަބަދުވެސް ބުނެއެވެ. މިކަމުގައި ވެސް ކަން އޮތީ ދާދި އެއްގޮތަކަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ކުދިންނަށް ބުރަ ބޮޑު ކޮށްގެން ނުވާނެ ކަމަށް. އަބަދުވެސް އިރުޝާދު ދެނީ ސިލަބަސް ކަވާ ކުރަން އެންމެ ރަނގަޅު ގޮތުގައި. ސްކޫލު ވަގުތުގައި ކިޔަވައިދޭން ޖެހޭ އެއްޗެއް ކިޔަވައިދީގެން. އެއްގޮތަކަށް ވެސް ބާރެއް ނާޅަން ސްކޫލުގެ ފަހުން ނުވަތަ ހަފުތާ ބަންދުގައި ކުދިންނަށް ކިޔެވުމުގެ އިތުރު ފިލާވަޅުތަކެއް ދޭކަށް. އެއީ ހާއްސަކޮށް އެ އުމުރުގައި އަމިއްލަ ނަފުސަށް ދޭ ވަގުތާއި، އާއިލާ އާއި ރައްޓެހިންނަށް ދޭ ވަގުތަކީ ވަރަށް މުހިއްމު އެއްޗެއް،" އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންގެ ދިރިއުޅުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ތަނަކީ ސްކޫލު ކަމަށްވާއިރު، މިފަދަ ކަންކަމަށް ރިޔާއަތް ކޮށް، ސްކޫލުތަކުން ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެންމެ ވެސް ދެކެއެވެ.

ސްކޫލުތަކުން ކުދިންގެ މިފަދަ ކަންކަމަށް އެއްބާރުލުންދޭ ވަރަކަށް ކިޔެވުމަށް ވެސް އެ ކުދިން ކުރާ ލޯބި އިތުރުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސްކޫލުގެ ތެރެއިންނާއި ފޮތުން ކިޔަވާ އެއްޗަކުން ނުފުދޭއިރު، ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށާއި ކުރިއެރުމަށް ސްކޫލުތަކުން އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެކެވެ. މިހާރު ކުދިންނަށް މާ ބުރައެވެ. އެކަން ރަނގަޅު ކުރަން އެބަޖެހެއެވެ.

comment ކޮމެންޓް