''ޖަބްވީ މެޓް'' ކާމިޔާބުވާނެ ކަމަށް އުއްމީދެއް ނުކުރަން: ކަރީނާ ކަޕޫރު

ކަރީނާ ކަޕީރު ---

ބަތަލާ ކަރީނާ ކަޕޫރާއި އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު "ޖަބްވީ މެޓް"އާމެދު މާ ފޮނި އުއްމީދުތަކެއް އޭރު ނުކުރާކަމަށް ކަރީނާ ކަޕޫރު ބުނެފިއެވެ.

ކްރިޓިކުންވެސް ވަރަށް ބޮޑަށް ތަޢުރީފުކުރި މިފިލްމަކީ 2007ވަނަ އަހަރު އެންމެ ގިނަ ބަޔަކު ބެލި އެއް ފިލްމެވެ. ކަރީނާގެ ކެރިއަރުގެ އެންމެ މޮޅު އެކްޓިން ދައްކާލެވުނު ފިލްމު "ޖަބްވީ މެޓް"އަށްވުރެ، ޖެހިގެންއައި އަހަރު ރިލީޒްކުރި ފިލްމު "ތަޝަން"އާމެދު ކުރެވުނު އުއްމީދު މާބޮޑުކަމަށް ބަތަލާވަނީ ބުނެފައެވެ.

ދާދިފަހުން ޝޫޓްކޮށްފައިވާ، ރޭޑިއޯ މިރްޗީއިން ގެނެސްދޭ ކަރީނާގެ ޝޯގައި އޭނާ ބުނެފައިވަނީ، އެދުވަސްވަރު ދެ ފިލްމަށްވެސް ދިޔައީ ޝޫޓްކުރަމުންކަމަށެވެ. ސައިޒް ޒީރޯއަށް ދިޔުމަށް ކުރަމުންދިޔަ މަސައްކަތާއެކު ބޮޑު ތިން އެކްޓަރުންނާއެކު ފިލްމެއްކުޅެން ފުރުޞަތު ލިބުމުން ތަޝަން ފިލްމާމެދު ކުރެވުނު އުއްމީދުވެސް ބޮޑުވި ކަމަށް އޭނާ ބުންޏެވެ.

ޔަޝް ރާޖް ކުންފުނީގެ ފިލްމު "ތަޝަން"ގައި ކަރީނާއާއެކު ފެނިގެންދިޔައީ އެކްޓަރު އަކްޝޭ ކުމާރު، އަނިލް ކަޕޫރު އަދި ބަތަލާގެ މިހާރުގެ ފިރިމީހާ ސައިފް ޢަލީ ޚާންއެވެ. ފިލްމު "ތަޝަން"އަށް ވަރަށް ޚާއްޞަ ތަމްރީނުތަކެއްވެސް އޭރު ހެދިކަމަށް ބުނަމުން ކަރީނާ ބުނެފައިވަނީ "ޖަބްވީ މެޓް"ގެ ޝޫޓިންގްތަކުގައިވެސް އަވަހަށް މަސައްކަތްކުރަނީ "ތަޝަން"ގެ ސެޓަށް ދިއުމަށްކަމަށެވެ.

އެފިލްމަށް މަސައްކަތްކުރެވުނު މިންވަރާ އަޅާ ބަލާފަ "ތަޝަން" ހިޓަކަށްވާނެކަމަށް ގިނަބަޔަކާ ބެޓުކުރިކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް ދެ ފިލްމު ރިލީޒްވުމާއެކު ނަތީޖާ ފެނުނީ ހީކުރިގޮތާ މުޅިން އިދިކޮޅަށްކަމަށް ކަރީނާ ބުންޏެވެ.

ކާމިޔާބު ޑައިރެކްޓަރު އިމްތިޔާޒް ޢަލީގެ ފިލްމު "ޖަބް ވީ މެޓް"ގެ ގީތްއަކީ މިހާތަނަށްވެސް ގިނަ ބަޔަކު މިސާލެއްގެ ގޮތުގައި ބަލާ ކެރެކްޓާއެކެވެ. ފިލްމުގައި ކަރީނާގެ ބައެއް ސީންތަކުގެ ޑައިލޮގްތަކަކީވެސް ޢާއްމުންގެ މެދުގައި މިއަދާ ހަމައަށްވެސް މަޤުބޫލު ޑައިލޮގްތަކެކެވެ. ޔާޝް ރާޖް ފިލްމްސްއިން ގެނެސްދިން "ތަޝަން"އަކީ ވިޖޭ ކްރިޝްނާ އާޗަރްޔާ ޑައިރެކްޓްކުރި ރޮމޭންޓިކް ކްރައިމް ޑްރާމާ ފިލްމެކެވެ. ކަރީނާ ކަޕޫރު އެންމެ ފަހުން ފެނުނީ ފިލްމު "ލާލް ސިންގް ޗައްދާ"އިންނެވެ. އޭނާ މިއަހަރު މަސައްކަތްކުރަމުން އަންނަ ދެ ފިލްމަކީ، "ދަ ބަކިންގްހަމް މާޑާސް" އާއި " ދަ ޑިވޯޝަން އޮފް ސަސްޕެކްޓް"އެވެ.

comment ކޮމެންޓް