ފިލްމުތަކުން ލިބޭ ކާމިޔާބީއަށްވުރެ މީހުންނަށް އެހީވެވުމުން ލިބޭ ހިތްހަމަޖެހުން މާބޮޑު: ސޯނޫ ސޫދު

ބޮލީވުޑްގެ އެކްޓަރު އަދި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ހުންނަ ސޯނޫ ސޫދު ދާދިފަހުން ބުނެފައިވަނީ، 1000 ކްރޯޑް ރުޕީސްގެ ފިލްމެއްގެ ރޯލަކަށްވުރެ އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުން އެލިބޭ ހިތްހަމަޖެހުން މާބޮޑުކަމުގައެވެ.

ޙާލުގައިޖެހިފައިވާ މީހަކަށް ސޯނޫގެ ފަރާތުން އެކީތެރިކަން ލިބި އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަކީ، ފިލްމެއް ކާމިޔާބުވުމަށްވުރެ މާބޮޑު ހިތްހަމަޖެހުމެއްލިބޭ ކަމެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ކޮވިޑް-19އިގެ އެންމެ ނާޒުކު ދަނޑިވަޅުގައިވެސް ސޯނޫވަނީ ޙާލުގައި ޖެހިފައިތިބި ގިނަ ބަޔަކަށް އެހީވެ އެމީހުންގެ ދިރިއުޅުން ކޮޅަށްޖަހައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ޚާއްޞަކޮށް ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު މީހުންގެ ދިރިއުޅުމަށް ގެނުވި ބަދަލުތައްފެނި ސޯނޫ ދިރިއުޅުމާމެދު ދެކޭގޮތް ވަރަށްބޮޑަށްވެސް ބަދަލުވެފައިވާކަމަށް އެކްޓަރުވަނީ ބުނެފައެވެ.

މިހާތަނަށް ހިންދީ،ތަމަޅަ،ތެލުގޫ،ކަންނާޑާ،މަރާޓީ،ޗައިނީޒް އަދި އިނގިރޭސި ބަހުން އުފައްދާފައިވާ 100އަށްވުރެ ގިނަ ފިލްމުތަކުގައި އެކްޓަރުވަނީ މަސައްކަތްކޮށްފައެވެ.

ބައެއް ފިލްމުތައް ހިޓްވެ އެކްޓަރަށް ކާމިޔާބު ޙާޞިލުކުރެވުނުނަމަވެސް ކޮވިޑް-19އާއެކު ޢާއްމުންގެ ގިނަ ބަޔަކާ މާބޮޑަށް ގުޅުން އުފައްދަން ފުރުޞަތުލިބުނުކަމަށް ސޯނޫވަނީ ބުނެފައެވެ.

އޭގެތެރެއިން ބައެއް މީހުންނަކީ ސޯނޫއާ ކުރިން އެއްވެސް ވަރަކަށް ބައްދަލުނުވެ ސޯނޫ ނުވެސް ދަންނަ މީހުންކަމަށާއި ކުރިމަގުގައި ދިމާވުމުގެ ފުރުޞަތުވެސް ކުޑަ މީހުންކަމަށް 49އަހަރުގެ އެކްޓަރުވަނީ ބުނެފައެވެ. އޭގެތެރެއިން ދިމާވި ކޮންމެ މީހަކާވެސް ވަކިވީ އެމީހުންގެ ހެޔޮ ދުޢާއާއެކުކަމަށް އެކްޓަރުވަނީ ބުނެފައެވެ. އަދި އެފަދަ ކޮންމެ ވަގުތަކުވެސް ޙަޤީޤީ ކާމިޔާބީގެ އަސްލު ވަޒަންކޮށްލެވުނުކަމަށް ކާމިޔާބު އެކްޓަރުވަނީ ބުނެފައެވެ.

ސޯނޫ ސޫދަކީ ކޮވިޑްގެ ބަލިމަޑުކަމާއެކު އިންޑިއާއިން އިޢުލާނުކުރި ލޮކްޑައުން ދުވަސްވަރު ގިނަބަޔަކަށް އެހީތެރިވި ފިލްމީ ތަރިންގެތެރެއިން އެކަކެވެ. ސޯނޫވަނީ ލޮކްޑައުންއާއި ދިމާކޮށް އަމިއްލަ އަވަށްތަކާ އެތައް މޭލު ދުރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެނބުރި ވަޒަނަށް ގެނައުމަށް ޗާޓަރު ފްލައިޓްތައް ހަމަޖައްސާ ބައެއް ސަރަޙައްދުތަކަށް ބަހުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ހަމައެއާއެކު އަމިއްލަ ޤައުމަށް ނާދެވި ކީރްގިސްތާނުގައި ތާށިވެފައިތިބި ދަރިވަރުންތަކެއް އަމިއްލަ ޚަރަދުގައި އެކްޓަރުވަނީ ގެނެސްދީފައެވެ. ސޯނޫއާ މިދަނޑިވަޅު ދިމާވި ގިނަ ބައެއްގެތެރެއިން އެއްބަޔަކު ސޯނޫގެ ގާތް ރަޙްމަތްތެރިންނަށްވެފައިވާއިރު ސޯނޫވަނީ އޭގެތެރެއިން އެއްބަޔަކަށް ވަޒީފާ ދީގެން އަމިއްލަ އެކި ވިޔަފާރިތަކުގައި މަސައްކަތުގައި ބަހައްޓާފައެވެ. ސޯނޫ އެންމެ ފަހުން ފެނިގެންދިޔަ ހިންދީ ފިލްމަކީ، ޔަޝް ރާޖް ކުންފުނީގެ ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް"އިންނެވެ.

comment ކޮމެންޓް