ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 20ވަަނަ ދުވަހަށް ތާވަލުކޮށްފި

ދިރާގުގެ 33ވަނަ އަހަރީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ދިރާގު

ދިރާގުގެ 34ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 20ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ދިރާގުން ބުނީ މި އަހަރުގެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އޮންލައިން އަދި ޖަލްސާ މާލަމަށް ހާޒިރުވެގެން ވެސް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

އެހެންކަމުން އޮންލައިން ޕްލެޓްފޯމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް އަދި، ޖަލްސާ އޮންނަ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ ބައިވެރިވެވޭނެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ޕީއާރް އެގްޒެކްޓިވް އިޔަތު އާދަމް ޝަރީފް ވިދާޅުވީ ތަނަަށް ހާޒިރުވެގެން ބައިވެރިވެވޭނީ 150 މީހުންނަށް އެކަނި ކަމަށެވެ. އެހެންކަމުން ޖަލްސާ މާލަމަަށް ހާޒިރުވެ ބައިވެރިވެވޭ ފަރާތްތަކާއި އޮންލައިންކޮށް ބައިވެރިވެވޭ މެމްބަރުންނަށް އެ ކަން އަންގާނެއެވެ.

ދިރާގުން މިހާރުވަނީ ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަންނަށް ހުޅުވައިލައިފައެވެ. ރަޖިސްޓަރު ކުރުމުގެ މުއްދަތު ހަމަވާނީ މި މަހު 19ވަނަ ދުވަހުގެ މެންދުރު 13:00އަަށެވެ.

މީގެ އިތުރުން ޕްރޮކްސީންގެ ރަޖިސްޓްރޭޝަން ވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ. މި ކަމަށް ރަޖިސްޓަރު ކުރުމުގެ މުއްދަތު ހަމަވާނީ މި މަހު 18ވަނަ ދުވަހުގެ މެންދުރު 13:00އަށެވެ.

ޖަލްސާގައި ބައިވެރިވެވޭނީ މި މަހު 14ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.

comment ކޮމެންޓް