''ޕްރޮޖެކްޓް ކޭ''ގެ ޝޫޓިން ތެރޭގައި އަމީތާބް ބައްޗަންއަށް އަނިޔާވެއްޖެ

ފިލްމު ސެޓެއްގައި އަމިތާބު ބައްޗަންއަށް ވަނީ އަނިޔާވެފަ --

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ޝަޚްސިއްޔަތު އަމީތާބް ބައްޗަންއަށް ފިލްމު ސެޓެއްގައި މަސައްކަތްކުރުމުގެ ތެރޭގައި އަނިޔާ ލިބިއްޖެކަމަށް އޭނާ ބުނެފިއެވެ.

އަމީތާބްއަށް އަނިޔާވެފައިވަނީ އޭނާ ސޮއިކޮށްފައިވާ ފިލްމު "ޕްރޮޖެކްޓް ކޭ"ގެ ހައިދަރްއާބާދީ ޝެޑިއުލްގެ ސެޓްގެތެރެއިންނެވެ.

އަމިއްލަ ބްލޮގްގައި މިހާދިސާގެ ވާހަކަ ޙިއްސާކުރަމުން 80 އަހަރުގެ އަމީތާބު ބުނެފައިވަނީ، ޝޫޓިން ތެރޭގައި ހިނގި ހާދިސާއެއްގައި މޭ ކަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށެވެ. މިއަނިޔާއާއެކު އެކްޓަރުގެ މޭ ކަށިގަނޑުން ބައެއް، މަސްގަނޑު ފަޅާލާފައި ނިކުމެފައިވާކަމަށް އަމީތާބް ވަނީ ބުނެފައެވެ. މި ހާދިސާ ހިނގުމާއެކު ވަގުތުން ހައިދްރައާބާދުގެ މެޑިކަލް ޓީމުންވަނީ އަމީތާބަށް ފަރުވާދީފައެވެ.

ފަރުވާއަށްފަހު އަމީތާބްއަށް މެޑިކަލް ޓީމުން ލަފާ ދީފައިވަނީ މިވަގުތު ގޭގައި އަރާމުކުރުމަށެވެ. ފަރުވާއަށްފަހުވެސް ކުޑަކޮށް ހަރަކާތްކޮށްލުމުން ނޭވާލާން އުނދަގޫވާކަމަށް އެކްޓަރުވަނީ އަމިއްލަ ބްލޮގްގައި ލިޔެފައެވެ.

އެކްޝަން ސީންއެއްގެ ތެރެއިން މިލިބުނު އަނިޔާއާއެކު މިވަގުތު ފިލްމީ ހުރިހާ މަސައްކަތްތަކާއެކު އިތުރު އެހެނިހެން މަސައްކަތްތަކުން އަމީތާބު ވަނީ އެކަހެރިވެފައެވެ. އަމީތާބް އެއްކޮށް ރަނގަޅުވުމަށް އަދި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި އެހެންކަމުން އަމީތާބްގެ ގެ ހުންނަ ސަރަޙައްދަށް އަންނަ އާދީއްތަ ދުވަހު އޭނާގެ ސަޕޯޓަރުން އެއްނުވުމަށް އޭނާ ވަނީ އެދިފައެވެ. ކޮންމެ އާދީއްތަ ދުވަހަކު އެކްޓަރު ދެކިލުމަށް ގިނަ ބަޔަކު އެއްވާ އެއްވުމަކީ މީގެ އެތައް އަހަރުތަކެއް ވަންދެން އަމީތާބަށް ސަޕޯޓުކުރާ ހެޔޮއެދޭ މީހުން ކުރަމުން އަންނަކަމެކެވެ.

އަމީތާބަށް މިފަދަ ބޮޑު އަނިޔާއެއް މީގެކުރިން ލިބިފައިވަނީ، 1983ވަނަ އަހަރު ކުޅުނު ފިލްމު "ކޫލީ"ގެ ޝޫޓިން ތެރޭގައެވެ. ޝޫޓިން ތެރޭގައި ދަގަނޑު މޭޒެއްގެ ކަން ބަނޑަށްވަދެ އެކްޓަރަށް ލިބުނު އަނިޔާއިން ފުރާނަ ސަލާމަތްވީ ހަމަކިރިޔާއެވެ.

ދުއިސައްތައަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށް ބެލުންތެރިންނަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ އަމީތާބުއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޤުބޫލު އެކްޓަރެކެވެ. ހަމައެއާއެކު އާންމުންގެ ފަރާތުން ލޯތްބާއި އިހުތިރާމް މެދުކެނޑުމެއްނެތި ލިބެމުން ދިއުމަކީ އަމީތާބް މިއަދާ ހަމައަށްވެސް ފިލްމީ ދާއިރާގައި މެދުނުކެނޑި މަސައްކަތްކުރުމުގެ އެންމެ ބޮޑު އެއް ސަބަބެވެ.

މިއަހަރު އެކަނިވެސް އޭނާ ވަނީ ފަސް ފިލްމެއްގައި މަސައްކަތްކުރުމަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި އަނިޔާ ލިބުނު ފިލްމު ނާގް އަޝްވިންގެ ސައިންސް ފިކްޝަން ފިލްމު ވެސް ހިމެނެއެވެ. އަމީތާބް އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކުރި ސޫރަޖް ބަރްޖަތްޔާގެ ފިލްމު "އޫންޗާއި" އިންނެވެ.

comment ކޮމެންޓް