ވެންޓިލޭޓަރު މައްސަލަ: ފިނޭންސަށް އެންގީ ޕްރޮކިއުމަންޓް ނިޒާމް ވަރުގަދަ ކުރަން އެކަނި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު / ފޮޓޯ: މަޖިލިސް

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލުކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވުމުގެ މެންޑޭޓު ހަވާލުކޮށްފައިވާ ފަރާތުން ޕްރޮކިއުމެންޓު ހިނގާފައިވާ ގޮތް ތަހުގީގުކޮށް އާންމުކޮށްފައިވާ ރިޕޯޓުތަކުން ފިނޭންސް މިނިސްޓްރީން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ބުނެފައިނުވާ ކަމަށެވެ.

އަދި ކޮވިޑް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓްރީ އޮފް ހެލްތުގެ އޮޑިޓް ރިވިއު ކުރިއިރު ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ސާފުކުރުމަށް އެދުމުން 27 އޮގަސްޓް 2020 ވަނަ ދުވަހު އެކޮމިޓީއަށް އަޅުގަނޑު ހާޒިރުވެ އެމައްސަލައިގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާއި ޖުމްލަ ގޮތެއްގައި ކަން ހިނގާފައި ވާނެ ގޮތް ވަރަށް ތަފްސީލްކޮށް ހިނގާފައިވާނެ ކަން ފާހަގަކުރަން. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މިނިސްޓަރު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ތަހުގީގީ އިދާރާތަކުން ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އަންގާފައިނުވާ ކަމަށާއި، ނަމަވެސް ޕްރޮކިއުމަންޓް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެންކަމުން އެލަފަޔަށް ބިނާކޮށް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެމައްސަލަ މިހާރު ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެވެ.

ކަން ހިނގާދިޔަ ގޮތް

ސަރުކާރުން އެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި، ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.5 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް 75 ވެންޓިލޭޓަރު ގަތުމަށް އެއްބަސްވެފައި ވީނަމަވެސް މިހާތަނަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައެވެ.

އެއްބަސްވުމުގައި ހެލްތް މިނިސްޓްރީން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް މިދިޔަ އަހަރުގެ މެއި މަހު ނޯޓިސް ފޮނުވާފައި ވީނަމަވެސް މިހާތަނަށް އެކުންފުނިން ބަދަލު ދީފައެއް ނުވެއެވެ.

ސަރުކާރުން ވަނީ އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދަންވެސް އެދިފައެވެ.

comment ކޮމެންޓް