ހުޅުމާލޭ ޖޫސްޓައިމްއަށް މިދިޔަ މަހުގެ 17ވަނަ ދުވަހުރޭ އިރުއޮއްސުނު ވަގުތު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެތަނަށް އޭނާ އަކީ ޖޫސްޓައިމް އަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް'އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ.
އެމީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެވަގުތު އެތަނުގައި އިން ސޭޓު މީހާ ވަނީ ވަގުތުން އެތަނުން ނުކުމެފައެވެ. ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ.
މިދިޔަ މަހުގެ 24ވަނަ ދުވަހު ފުލުހުން ވަނީ، 'ޖޫސް ޓައިމް'އަށް ގެއްލުންދިން، މޫނު ނިވާ ކޮށްގެން ތިބި މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.