ޓީ ޖެޓީ ސަރަޙައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިފި

ޓީ-ޖެޓީ ސަރަހައްދުގައި އަޅާފައިވާ ދޯނިތަކެއް -- (ފޮޓޯ/ފްލިކާ)

މާލެ ޓީ ޖެޓީ ސަރަޙައްދުގައި ގްރޫޕް ހަދައިގެން ބިދޭސީންގެ މެދުގައި މާރާމާރީ އެއް ހިންގައިފިއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީ ޖެޓީ ސަރަޙައްދުގައި މިއަދު ހަވީރު މާރާމާރީ ހިންގާފައިވަނީ 16:52 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މިކަމުގެ އިތުރު ތަފްސީލް ލިބެމުންދާވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގީ ދެ ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއްގެ މެދުގައެވެ. މި މައްސަލައިގައި 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އަނިޔާވި ފަސް މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މި ފަހުން މާލޭގައި ސިލްސިލާ މާރާމާރީތައް އިތުރުވެފައިވާއިރު، ދަތް އަޅައިގެން މީހެއްގެ އިނގިލި ބުރިކޮށްލި ބަންގްލަދޭޝް މީހަކު ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކުރި 28 އަހަރުގެ ފިރިހެން މީހާ ވަނީ އިތުރު ދެ މީހަކަށް ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ވެސް ދީފައެވެ.

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މީހާ ބަންދުކުރަން އަމުރުކޮށްފައެވެ.

comment ކޮމެންޓް