އެމްޑަބްލިޔުއެސްސީއިން ''އެމްވީ ރަން'' ސްޕޮންސާ ކުރުމަށް ޓީއެފްޖީއާއެކު އެއްބަސްވުމަކަށް

އެމްޑަބްލިޔުއެސްސީ، ޓީއެފްޖީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން "އެމްވީ ރަން" ސްޕޮންސާ
ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާންއެވެ.

މި އެއްބަސްވުމުގެ ދަށުން މި ރަންގެ ބްރޭންޑިން، އެމްޑަބްލިޔުއެސްސީން އަލަށް ތައާރަފު ކުރި އާރޯ ޕްރިމިއަމް ފެނާ ގުޅުވައި، "އާރޯ އެމްވީ ރަން"ގެ ނަމުގައި ޓައިޓެލް ސްޕޮންސަޝިޕް ވަނީ ދީފައެވެ. މިއާއެކު، ޓީއެފްޖީން އިންތިޒާމްކުރާ "ބޮޑު ފަސް ރަން" އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯސޮޕޮންސާ އެމްޑަބްލިޔުއެސްސީއިން ވަނީ ނަގާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީ، ޓީއެފްޖީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

މި ރަންއަކީ ޓީއެފްޖީގެ ފަރާތުން މިދިޔަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަން ނިންމާފައިވާ، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ ދުވުމުގެ ހަރަކާތެކެވެ. މި އަހަރު "އާރޯ އެމްވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން ހުޅުމާލެގައެވެ.

ޖުމްލަ ފަސް ކިލޯ މީޓަރަށް ދުވަން ކަނޑައަޅާފައިވާ މި ރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީއެފްޖީގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެއް ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު ދެ ވަނައަށް ދާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި ތިން ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އެހެނިހެން އިނާމުތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި ރަން ސްޕޮންސާ ކުރުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށެވެ.

comment ކޮމެންޓް