ހިޔާ ފްލެޓުގައި އުޅޭ އާންމުންގެ ޚިޔާލު ހޯދަން ސާވޭއެއް ކުރަނީ

ހިޔާ ފްލެޓް -- ސަން ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ފްލެޓުތަކުގައި އުޅޭ އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސާވޭއެއް ކުރަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ސާވޭ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ.

މި ސާވޭއާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެޗްޑީސީގެ ރިސާޗް ޓީމްގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ވެސް ދެވަނަ ފިޔަވަހިން އާންމު ޚިދުމަތްތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ސްކޫލެއްގެ ޚިދުމަތާއި ފިހާރަތަކާއި އެ ނޫން ވެސް ބައެއް ވަސީލަތްތައް ހިޔާ ފްލެޓު ސަރަހައްދުން ލިބޭކަމަށް އޮފިޝަލް ވިދާޅުވިއެވެެ.

އެއާއެކު ދެނެގަންނަން ބޭނުންވަނީ އެ ކަންކަމުގެ ބޭރުން އާންމުން އިތުރަށް ބޭނުންވަނީ ކޮންކޮން ޚިދުމަތްތަކެއްތޯކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން އަޅުގަނޑުމެންނަށް މިހާރު ކޮމްޕްލެއިންސްއާ އެއްޗެހި ލިބިފައިހުރީ އެ ތަނުން ދިމާވާ މައިގަނޑު މައްސަލަތަކާ ގުޅޭ ގޮތުން. ދެން އެކަމު ރިސާޗެއްގެ އެންމެ ބޮޑު ބޭނުމަކީ ވެރިފައިކުރަން މިސާލަކަށް އެއް ބޭފުޅަކަށް ދިމާވާ މައްސަލައެއްތޯ، ނޫނިއްޔާ މި މައްސަލައަކީ ހިޔާގެ އެހެން ބޭފުޅުންނަށް ވެސް ދިމާވާ މައްސަލަތަކެއްތޯ،" އޭނާ ވިދާޅުވިއެވެ.

އޭގެފަހުން އެޗްޑީސީގެ ކަމާބެހޭ ޑިޕާޓްމަންޓުތަކަށް ސާވޭގެ ނަތީޖާއިން ފާހަގަވީ ކަންކަން އަންގައި، އެޗްޑީސީގެ ތެރެއިން އެ ކަންކަން ހައްލުކުރަން ކުރެވެން ހުރި މަސައްކަތްތައް ކުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ސާވޭއަށް މައުލޫމާތު އެއްކުރަން ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮފިޝަލުން ފްލެޓުތަކަށް ގޮސް އޮންލައިންކޮށް ފުރިހަމަކުރާ ފޯމަކުންނެވެ. އެޗްޑީސީންވަނީ މި ސާވޭގައި އަހައިފާނެ ބައެއް ސުވާލުތަކާމެދު ސަމާލުވުމަށް އެދިފައެވެ. އެގޮތުން އާމްދަނީ ލިބޭ މިންވަރާއި، ޚަރަދުވާ މިންވަރާއި، ބޭންކު އެކައުންޓާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނާހާނެކަމަށް އެޗްޑީސީން ބުންޏެވެ.

ހަމައެއާއެކު ސާވޭއަށް އިތުރު މައުލޫމާތެއް ސާފުކުރަން ޖެހިއްޖެނަމަ ގުޅާނީ އެ ކޯޕަރޭޝަންގެ ރަސްމީ ނަންބަރުންކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު އެ ސާވޭ ކުރުމުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެންކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް