ޑްރަގް އެތެރެކުރި ފަރާތްތައް ދޫކޮށްލުން ބަލައި ނުގަނެވޭ: ޑރ. ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަ ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، އޭނާ ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލައި އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އޭނާ ހައްޔަރުނުކޮށް ދޫކޮށްލުމުން ގިނަ ސިޔާސީ ފަރާތްތަކާއި އާންމުންގެ ފާޑުކިޔުން ވަނީ ކަމާބެހޭ އިދާރާތަކަށް އަމާޒުވެފައެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ޑްރަގް އެތެރެކުރާ މީހުން ދޫކޮށްލުމަކީ އެފަދަ އަމަލު ހިންގާ އެހެން މީހުންނަށް ދެވޭނެ ހިތްވަރަކަށް ވާނެ ފަދަ އަމަލެއް ކަމަށެވެ. އެހެންކަމުން ގާނޫނު ހުއްދަކުރިޔަސް އެފަދަ އަމަލުތައް ހިންގަމުންދާއިރު، ދެވަނަ ވިސްނުމަކަށް ދާންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ދައުލަތުގެ ހައިބަތު ނަގަހައްޓައި ގާނޫނު ހިންގަން ޖެހޭ ކަމަށެވެ.

މި މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ކަސްޓަމްސް އިން ބުނީ އޭނާ ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވަނީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތީން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއިއެކުގައި ކަމަށެވެ.

މީގެއިތުރުން ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބެލުމުގެ ދަށުގައި ވަނިކޮށް "ގެއްލުނު" މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް މީޑިއާތަކަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް ކަސްޓަމްސް އިން ވަނީ އެކަން ދޮގުކޮށް މިހާތަނަށް އަތުލައިގެންފައިވާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް