ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ތިލަފުށީ ބަނދަރު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ސިނާއީ މަސައްކަތް ކުރާ ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއަށް މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ތިލަފުއްޓަކީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން އުފައްދާ ތަރައްގީކުރަމުން އަންނަ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަ ކުރެވިފައިވާ ރަށަކަށް ވީ ހިނދު މާލެ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށެވެ.

އެކަން އެހެން އޮއްވައި ބީލަމުގެ އުސޫލުން، ނުއަގުގައި 99 އަހަރަށް ބިދޭސީންނަށް ތިލަފުށިން ބިން ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާއި އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި، ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބިދޭސީންނާ ވާދަކުރަން ޖެހޭ ފަދަ އުސޫލެއް އެކުލަވާލައި ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ބިން ގަނެވޭނެ ގޮތެއް ހެދުމަކީ ދިވެހީންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ކުރިމަގުގައި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު މީހުންގެ އަތްމައްޗަށް ދިއުމުގެ ދޮރު ހުޅުވިގެންދާނެ ކަމެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މިއީ ސަރުކާރުން ވަގުތީ މަންފާއެއް ހޯދައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް މެމްބަރު ވަނީ ތުހުމަތުކުރައްވާފައެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 49 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓުގައި ބައިވެރިވެފައިވާއިރު މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓުދެއްވާފައިވަނީ އެންމެ ނުވަ މެމްބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 36 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލު އެޗްޑީސީން އާންމުކުރީ މިދިޔަ ހަފުތާގައެވެ. އެ އުސޫލުގައި ވާގޮތުން ބޭރު މީހުންނަށް ބިން ކުއްޔަށް ދޫކުރަނީ 99 އަހަރަށެވެ. އަދި ބީލަން ކާމިޔާބު ކުރަނީ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވޭނެއެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.

comment ކޮމެންޓް