ނަޝީދަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި، މުއިއްޒު ވެސް ރައީސްގެ ފަޅިއަށް

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު -- ފޮޓޯ/ މިހާރު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވަމުން ގެންދެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި, ރައީސް ޞާލިޙާއެކު އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަން ނިންމަވާފައިވާ ކަމަށެވެ.

މުއިއްޒުގެ އިތުރުން ނަޝީދާ އެކު ތިއްބެވި އެހެން ގިނަ މެމްބަރުންތަކެއް ވެސް ވަނީ ރައީސަށް ތާއީދުކުރައްވައި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވައިފައެވެ.

އޭގެތެރޭގައި، ނަޝީދުގެ އަރިސް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރެއްވި ރައީސް ނަޝީދު ވަނީ ޕްރައިމަރީގެ ނަތީޖާ ގަބޫލުފުޅު ކުރައްވައިފައެވެ. އެހެންނަމަވެސް ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވަން ގޮތެއް ނިންމަވާނީ އެ މަނިކުފާނު ހައްދަވަން މަސައްކަތްޕުޅުކުރައްވާ ގޮފި އުފެއްދުމަށްފަހު އޭގެ މެމްބަރުންގެ ޚިޔާލާއެކު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރި ދާއިމީ ނަތީޖާގައިވާ ގޮތުން އެމްޑީޕީގެ އިންތިޚާބުގައި އެ ޕާޓީގެ 71 ޕަސެންޓު މެމްބަރުން ވޯޓުލިއެވެ.

އޭގެ ތެރެއިން 61 ޕަސެންޓު މެމްބަރުން ވޯޓުލީ ރައީސް ޞާލިޙަށެވެ. އެއީ 24،566 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 38 ޕަސެންޓެވެ. އެއީ 15،641 ވޯޓެވެ. ޖުމްލަ ވޯޓުލީ 40،887 މެމްބަރުންނެވެ.

comment ކޮމެންޓް