ފުލުހުން ނަގާފައި ހުރި އުޅަނދުތަކަކާ ހަވާލު ނުވެއްޖެ ނަމަ ނައްތާލަނީ

ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކަކާ ވެރިފަރާތުން ހަވާލުނުވެއްޖެ ނަމަ އެތަކެތި ނައްތާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިއުލާނުގައި ފުލުހުން ބުނެފައިވަނީ އެ މުވައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 10 ސައިކަލަކާއި ދެ ކާރު، އޭގެ ވެރިފަރާތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނުގެންގޮސްފި ނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ލިސްޓެއް އިއުލާނުގައި ހިމަނާފައިވެއެވެ. އެ ލިސްޓްގައި އެ އުޅަނދުތަކުގެ ރަޖީސްޓްރީ ނަންބަރާއި އިތުރު މައުލޫމާތުތައްވެސް ހިމަނާފައިވެއެވެ.

ފުލުހުން ބުނީ އެއީ މާލޭގެ އެކި ސަރަހައްދުތަކުން ޓޯކޮށްފައިވާ އުޅަނދުތައް ކަމަށެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ދޭތެރެދޭތެރެއިން ފުލުހުން އަންނަނީ ނަގަމުންނެވެ.

ހިނގާ އުޅެން ދަތިވާގޮތަށް ޕާކު ކުރާ މައްސަލަ ބޮޑުވެފައިވާއިރު ކަފިހުރަހާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ހަދާފައި ހުންނަ ރޭމްޕްތަކުގެ އިތުރުން އޮފީސްތަކާއި ގޭގެއަށް ނުވަދެވޭ ގޮތަށް ޕާކްކުރާ މައްސަލަ ބޮޑުވުމުން ގިނަ ބަޔަކު ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް