މިފަހަރު 600އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ، ރީ ރަޖިސްޓްރޭޝަނަށް ޖުލައިގައި ހުޅުވާލަނީ

އޭޕްރީލް 10، 2021: ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަން ނިންމައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަޝްވަރާތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، މި އިންތިޚާބުގައި 21،000 އަށްވުރެ ގިނަ މީހުން އަލަށް ވޯޓުލާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 280،000އިން މަތިވާނެކަމަށް ބެލެވޭކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

އެހެންކަމުން ބޭނުމަކީ ވީހާ ވެސް ފަސޭހަ، އަވަސް އިންތިޒާމެއްގެ ތެރެއިން އެ އެންމެންނަށް ވޯޓުލުމުގެ ކަންކަން ފަހިކޮށްދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ވޯޓުލާން އަންނަ މީހާއަށް ފަސޭހައިން ވޯޓު ލައިފައި އަވަހަށް ދެވޭނެ ކަހަލަ ގޮތަކަށް ވިސްނައިގެން ވޯޓުލުން މި ކުރިއަށް ގެންދަނީ. އެވްރެޖުކޮށް 600 މީހުން ފޮއްޓަކަށް ވޯޓުލާނެކަމަށް މި ބެލެވެނީ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބަަށް ވޯޓުލާން ރީރަޖިސްޓްރީވުމަށް ހުޅުވައިލާނީ ޖުލައި މަހުގެ ތެރޭކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި 35 ވޯޓު ފޮށިވަނީ ރިސޯޓުތަކުގައި ބަހައްޓައިފައެވެ. ނަމަވެސް މި އަހަރު އެ އަދަދު 50 އަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެންވެ، ރިސޯޓުތަކުގައި ވޯޓު ފޮއްޓެއް ބަހައްޓަން ރަޖިސްޓްރީވާންޖެހޭ މީހުންގެ އަދަދު މަދުކުރަން ނިންމައިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

ކުރިން އޮންނަނީ 50 މީހުން ރީ ރަޖިސްޓްރީވުމުން ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ. ނަމަވެސް މިފަހަރު، 30 މީހުން ރީ ރަޖިސްޓަރުވުމުން ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ބޭރު ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރީ ރަޖިސްޓްރީވުމުންނެވެ.

"މީގެ ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހައިން ވޯޓު ލެވޭނެ ގޮތެއް ހަމަޖައްސައިދިނުން،" ހަބީބް ވިދާޅުވިއެވެ.

comment ކޮމެންޓް