Last Updated: 1 year 2 month ago

ރައީސް ރިޔާސީ ބަޔާން އިއްވަވަނީ

ބުލޮގު ޚުލާސާ

އާ ދައުރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގެ ލައިވް ކަވަރޭޖް

10:35

ރައީސް ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ރައީސް ޞާލިޙް

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް ދިމާވި އެންމެ ބޮޑު ދެރައަކީ ރަނގަޅަށް ހިނގަމުންއައި  ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުން އަތްދޫކޮށްލުން. ކޮމިއުނިޓީ ހެލްތް ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތްކެއަރގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން އަނެއްކާވެސް ފަށައިފިން
ރައީސް ޞާލިޙް

ސެންޓަރ ފޯ މެންޓަލް ހެލްތް މި ސަރުކާރުން ގާއިމް ކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުން. މިހާތަނަށް 60،000 ވުރެ ގިނަ ކޮންސަލްޓޭޝަން އެސެންޓަރުން ހަދައިފި. 3000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު އެވަނީ 411 އަށް ދަށްކުރެވިފަ. މި ސެންޓަރުގެ އިންޕޭޝަންޓް ކެއާ ޔުނިޓް ގެ ވާހަކަ މިދިޔަ އަހަރު ދެންނެވިން. އެޔުނިޓް ނިންމާ މިހާރު ޚިދުމަތްދޭން ފަށައިފިން. ރާއްޖޭގެ ފަސް ސަރަހައްދެއްގައި މެންޓަލް ހެލްތް ހިދުމަތް ގާއިމުކޮށްފިން. މާލެއާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކޮށް، ޚިދުމަތްދޭން ފަށައިފިން
ރައީސް ޞާލިޙް

ޢިއްޒަތްތެރި ރައީސް. މިއީ އަދި ނިމުމެއް ނޫން. ޚިދުމަތް ފުޅާވެ، ކުރިއަރާ ދިޔަ ވަރަކަށް މިކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުއްޓާ އައްޑޫއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން. ގދ. ތިނަދޫ، ލ. ގަމާއި ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށް ވެސް ހަގީގީ މާނައިގެ ޓާރޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން. މީގެއިތުރަށް، 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި، އަދި 50 އެނދުގެ ހޮސްޕިޓާ ހަ ރަށެއްގާ އިމާރާތް ކުރާނަން. ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ މިދެންނެވި ހުރިހާ ހޮސްޕިޓާތަކާއެކު
ރައީސް ޞާލިޙް

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރު ކުރެވިއްޖެ. ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާ، ނަރުހުންނާއި ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގާ 144 މުވައްޒަފުން އެ ހޮސްޕިޓަލަށް އިތުރު ކޮށްފިން. އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުން ދާނީ އިތުރުވަމުން. މީގެކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރކުރި ބަލިމީހުންގެ 24 އިންސައްތަ މިހާރުވެސް ދަށްކުރެވިއްޖެ. މި ބަދަލު ހަމަ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށްވެސް އަންނާނެ
ރައީސް ޞާލިޙް

ރާއްޖޭގެ ޞިއްޙީ ޚިދުމަތް މަރުކަޒު ވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ. އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫޢަކީ ސަރަޙައްދީ ޓާރޝަރީ ހޮސްޕިޓާތައް. ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، ޢަމަލީ މަސައްކަތުގާ މިމަޝްރޫޢު އެދަނީ ހިނގަމުން. ހަމައެކަނި ކުޅުދުއްދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްގީގެ ލިސްޓް ދިގު. އެހޮސްޕިޓަލުގާ މުޅިން އަލަށް ދޭންފެށިފައިވަނީ ޒަމާނީ ޞިއްޙީ ޚިދުމަތް. އެމްއާރުއައި - ކަކުލު ހުޅު ބަދަލު ކުރާ އޮޕަރޭޝަން - ލެޕްރޮސްކޯޕިކް ސާޖަރީ - މެމޯގްރާމް–އަދި މިނޫންވެސް އެކި ޚިދުމަތްތައް ފެށިއްޖެ
ރައީސް ޞާލިޙް

އަތޮޅުތެރޭގާ ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ. އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގާ އެ ދަނީ ހިނގަމުން
ރައީސް ޞާލިޙް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިންލޯނު. ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު. އޭގެ 55 އިންސައްތަ ލޯނު މިހާރުވަނީ އެޕްރޫވް ކުރެވިފަ. އަދި 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ
ރައީސް ޞާލިޙް

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި. ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި. މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން. މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު ، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ
ރައީސް ޞާލިޙް

މިދިޔަ އަހަރު މި މަޖިލީހުގާ އަޅުގަނޑު ދެންނެވި ފަދައިން، 1 މާޗު 2022 އިން ފެށިގެން މަސްގަންނަ އަގު ބޮޑު ކުރިން. މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު. އެގައުމުތަކަށް ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް. މިއާއެކު މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް
ރައީސް ޞާލިޙް

ބަލިމަޑު ކަމާ ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިޞޯދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު ވަރަށް ބޮޑު ސަބަބެއްވޭ. ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު، ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރަކީ އޭގެ ހަގީގީ ސިއްރު. ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑު. ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު. އަދި މަސްވެރިކަމުގެ ތާރީހުގައި، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު. އެއީ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ
ރައީސް ޞާލިޙް

މިދައުރުގެ ތެރޭގާ ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރެވިއްޖެ. ރާއްޖޭގެ އުތުރާ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫޢު ފެށެނީ އައްޑޫއާ ހަނިމާދޫގެ އިންޓަރނޭޝަނަލް އެއާޕޯޓުން. އެ އާޕޯޓްތައް ނިމެމުންދާއިރު، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް ފަށައިފިން. އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢާއި އައްޑޫގާ ތަރައްޤީކުރެވޭ ފަސް ރިޒޯޓަކީ މިދެންނެވި މަސައްކަތް. ހަމައެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯރޓާ ގުޅިފައިވާ ރިޒޯޓްތައް. ކުރިއަށް އޮތްތަނުގާ އެސްއެމްއީ ބޭންކް ތައްޔާރު ވަމުންދާނީ މިދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށްޖެހުމަށް. ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަކުން އެސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާ ފަހި ފުރުޞަތު ލިއްބައި ދިނުމަށް
ރައީސް ޞާލިޙް

ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރެއް. ހުސްވި 2022 ވަނައަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް. އަހަރު ނިމިގެން ދިޔައީ އެޓާގެޓަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން. 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު. ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް
ރައީސް ޞާލިޙް

އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަޤްވާމީ ވާން ފަށައިފި. ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު ލިބޭނެ. ކުރިއަށްއޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭނެ. މިފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމް. އޭގެ ޒަރީއާއިން 2000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގާ ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެ. މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން މިވިޔަފާރީގާ ޙަރަކާތްތެރިވާއިރު އޭގެ 57 އިންސައްތައަކީ އަންހެނުން
ރައީސް ޞާލިޙް

ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިޤްތިސާދުގެ ދިރުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސްއެމްއީ ބޭންކަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅު. އެބޭންކް ގެ ހިސާބު ތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް. ޒުވާނުންނާއި، އަންހެނުންނާއި އުފެއްދުންތެރިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެބޭންކުން ދެމުން އެބަދޭ. މިގޮތުން ޖުމްލަ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފި
ރައީސް ޞާލިޙް

ހުސްވި ޖަނަވަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ 3.5 ބިލިއަން ރުފިޔާ. ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ. މިދިޔައަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 827 މިލިއަން އެމެރިކާ ޑޮލަރުހުރި
ރައީސް ޞާލިޙް

ކޮވިޑް 19 އާއި، ހަނގުރާމައިގެ ޙާލަތުން ދުނިޔޭގެ އިގްތިޞާދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި. މިކަމަށްޓަކައި ސަމާލުވެ ހޭލާތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް ސަރުކާރުން އެޅިން. ރާއްޖޭގެ އިގްތިޞާދުގެ ހަމަ ހިފެހެއްޓުމަށްޓަކައި މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފަ. މިފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގާ ކުރިމަތިވެދާނެ އިގްތިޞޯދީ އަޑިގުޑަން ކުޑަކުރެވިއްޖެ
ރައީސް ޞާލިޙް

މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިން ސައްތައިން. އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކުރި. މިހިނގާ އަހަރަށް ރާއްޖޭގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން
ރައީސް ޞާލިޙް

މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއާޕޯރޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫޢު ދަނީ ކުރިއަށް. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށިއްޖެ. އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއާޓަރުގާ ނިންމުން. އަދި އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ މިފެބްރުވަރީ މަހު ޙަވާލު ކުރެވޭނެ. މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއާޕޯޓް
ރައީސް ޞާލިޙް

ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓެއް ގާއިމް ކުރުމުގެ މަޝްރޫޢު އެދަނީ ކުރިއަށް. ހޯރަފުށީ އެއާޕޯޓު ހުޅުވިއްޖެ. މި އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭނެ. މާފަރު ބައިނަލްއަޤްވާމީ އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ. ފ. މަގޫދޫ އަދި މ. މުލީ އެއާޕޯޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް އިރާދަ ކުރެއްވިއްޔާ ނިމޭނެ. އަލިފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފެށިގެންދާނެ. އަދި މީގެއިތުރަށް ރ. އަތޮޅު ދެކުނު ބިތުގަ ތަރައްޤީކުރެވޭ އެއާޕޯޓާއި، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ
ރައީސް ޞާލިޙް

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު – އާދެ! ހަމަ ކޮންމެ ދުވަހަކު ، އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން. އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާ ފުވައްމުލަކު، އަދި އައްޑޫ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލާނެ. މިގޮތަށް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލުން ގުޅާލާނަން. އާރުޓީއެލްގެ މިނީބަހުގެ ޚިދުމަތް މާލެ ސަރަހައްދާއި ބޮޑެތި ރަށްތަކުގާ ފެށިއްޖެ.
ރައީސް ޞާލިޙް

ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮވޭ. އެއީ އެރަށްތަކުގެ ގޮނޑުދޮށާ ހަމައިގާ ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން. އެކަން ކުރެވޭނީ އިތުބާރާ ޔަޤީންކަން އޮތް ބަދަހި ދަތުރު ފަތުރުގެ ނިޒާމަކުން. އެއްރަށް އަނެއްރަށާއި އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގާ އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ މިދެންނެވި ދަތުރު ފަތުރުގެ ނިޒާމް. އެއްގަމާ، ކަނޑާ ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން
ރައީސް ޞާލިޙް

ކަރަންޓާއި ބަނދަރާއި މަގާއި ފެނާއި ނަރުދަމާއާއި އާރުޓީއެލް އަކީ މުޅިރާއްޖޭގެ އިގްތިޞާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ. ބަނދަރާއި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ. ފުޅަދޫގަ 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7000 ރުފިޔާ. ބަނދަރު ނިމި، ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު، މިއަދު ހަމަ އެބިމުގެ އަގަކީ 15000 ރުފިޔާ. މިހާރު އެކި ރަށްރަށުގާ ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގުއަރާ. އެރަށުގާ އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށާ ، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ
ރައީސް ޞާލިޙް

ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަ ކުރުވަނިވި ހަކަތަ. އެކަމަށްޓަކައި ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ. މިދެންނެވި މަޝްރޫޢު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ. ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ
ރައީސް ޞާލިޙް

އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެ. 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރު ސެޓް އަލަށް ބެހެއްޓިއްޖެ. މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއް
ރައީސް ޞާލިޙް

މިދެންނެވި ބަދަލު ގެނައުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުރިހަމަވާންޖެހޭ. މިދާގޮތަށްގޮސް މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ މުޅިން ނިމޭނެ. މިއާ އެކުއެކީ ލަފާފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު އެދަނީ ހިނގަމުން، މަސައްކަތްތައް ނިމެމުން. ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް އެދަނީ ތަރައްގީކުރެވެމުން
ރައީސް ޞާލިޙް

ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ގުޅުންބޮޑު، ދިރުންހުރި، އެތެރޭގެ އިގްތިޞާދެއް އުފެއްދުމަށް. އިޖްތިމާޢީ – އިގްތިޞޯދީ އަދި ޢުމްރާނީ ބޮޑު ބަދަލަކަށްޓަކާ އިހަށް ކުރާންޖެހޭ ކަންކަން މިދަނީ މިދައުރުތެރޭ ހިންގައި، ނިންމަމުން
ރައީސް ޞާލިޙް

މަސައްކަތާ ދިރިއުޅުމުގެ މާހައުލުގާ ގާނޫނުގެ ރައްކާތެރިކަމާ ޙިމާޔަތް އޮންނަން ޖެހޭ. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލް، ސަރުކާރުން މިހާރުވާނީ މިޢިއްޒަތްތެރި މަޖިލިހަށް ފޮނުވާފަ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ. މިފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިބިލްތަކުގެ މަސައްކަތް ތިޔަ ޢިއްޒަތްތެރި މެމްބަރުން ކުރިއަށް ގެންގޮސް ނިންމަވައިދެއްވުމަށް އަޅުގަނޑު އެދެން
ރައީސް ޞާލިޙް

މިދިޔަ އަހަރު މިމަގާމްގާ ހުރެ އަޅުގަނޑު ދެންނެވި ގޮތަށް ތަޢުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރިން. ދެންނެވި ތާރީޚުގައި އެމުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. މިއަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާ. އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 އިން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ. އަދި އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށްވެސް އެ ހެޔޮ ބަދަލު އަންނާނެ. ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ
ރައީސް ޞާލިޙް

1 ޖަނަވަރީ 2022 ގައި ތަންފީޒުކުރަންފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ. މިއީ ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް. ސީދާ ގޮތުގާ މިދެންނެވި ހެޔޮ ބަދަލު އައީ 33500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް. 22 ސެޕްޓެމްބަރު 2022 ގައި ގެޒެޓް ކުރެވުނު ގާނޫނީ އަނެއް ހެޔޮ ބަދަލަކީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސާރވިސް ޗާޖާގުޅޭ ބަދަލު. އެއީ މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގާ ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލު. މުވައްޒަފުންގެ އާމްދަނީ އަށް އައި ބަދަލުން އެޢާއިލާ ތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ
ރައީސް ޞާލިޙް

ރައްޔިތުންގެ އުފާފާގަތި ދިރިއުޅުން ކަށަވަރު ކުރެވޭނީ ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތު ތަކަކުން. ހިންގޭ ހުރިހާ މަޝްރޫޢަކާއި ނިންމޭ ކޮންމެ ނިންމުމެއްގެ އާޚިރުލާބަ ރައްޔިތުންނާ ހަމައަށް ވާޞިލުވާން ޖެހޭ
ރައީސް ޞާލިޙް

6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫޢު އެދަނީ ހިނގަމުން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގާ ޖޫނިއާ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން ދަނީ ކުރިއަށް. ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫ ގެ ޖޫނިއާ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން. ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި، ނ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި. ދެންއޮތީ ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއާ ކޮލެޖްގެ މަސައްކަތް. އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވިފަދައިން، ޤައުމަށްޓަކާ ބިނާކުރެވޭ އެންމެ އުސްބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ
ރައީސް ޞާލިޙް

މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި. ކުރިއަށް އޮތްތަނުގާ އަޅުގަނޑު މަސައްކަތްކުރާނީ އުފެއްދުންތެރި ހަރުދަނާ ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް
ރައީސް ޞާލިޙް

މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުޞަތު ދީފިން. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗަރ ކޮށްފިން. ކުރިން ފަސް ޕަސެންޓް ގައިހުރި އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފިން. ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގާ ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފަ. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ
ރައީސް ޞާލިޙް

ފަންނާއި ހުނަރާ ތަޢުލީމުގާ ދިވެހި ޒުވާނުންނަކީ ހަމައެކަނި ރާއްޖޭގެ އަސްދަނޑީގެ އެތެރެއިން ނިންމާލަން އެދި ތިބޭ ބައެއްނޫން. މިކަން ހާމަވަނީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ލޯން ފުރުޞަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަކަމުން. އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އަޅުގަނޑުމެން އިތުރުކޮށްފިން
ރައީސް ޞާލިޙް

ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތަޢުލީމާ ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ. ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް. މި ޕްރޮގްރާމަކީ ކޮންމެ މަޔަކާ ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް މިސަރުކާރުން ދިން ތަސައްލީ. އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތް. މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ
ރައީސް ޞާލިޙް

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގާ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތެއް ނެތް. އެހެންނަމަވެސް މިއަދުގެ އުފަލަކީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައި އޮތްކަން
ރައީސް ޞާލިޙް

ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން. އެ މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްދެވިއްޖެ. އަދިވެސް ކުރިއަށްއޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރި
ރައީސް ޞާލިޙް

މިހާތަނަށް ސްކޫލްތަކުގާ ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމާއި، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން. މީގެ އިތުރަށް ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު އެދަނީ ހިނގަމުން ނިމެމުން.
ރައީސް ޞާލިޙް

ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެން. އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ޚާއްސަ މަސައްކަތްތަކެއް އެބަހުރި. ތަޢުލީމީ ނިޒާމް މުޅިރާއްޖޭގައި އެއްހަމަކުރުމަށްޓަކައި ފުރަތަމަ ބޭނުންވީ އެކަމަށްބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރަން. ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު. ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާ ވާރޭގައި ގަހެއްގެ ދަށުގައި އިންނަ ގޮނޑިއެއްގާ އެކުއްޖާ ބައިންދާކަށް ނޫން. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމުން ކުރިމަތިވާ ދަތިތައް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުވެސް އޮތް
ރައީސް ޞާލިޙް

އެނގިވަޑައިގަންނަވާނެ! އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ވަޢުދުވީ ބޮޑު ބަދަލެއް. އެއީ ވަކިތަރުތީބަކުން ގެނެވި، އިންތިޒާމް ކޮށްގެންނޫނީ ޒަމާންތަކަށް ދެމިނޯންނާނެ ފަދަ ބަދަލެއް. އެބަދަލުގެ ފަހަތުގައިވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާ ބާއްޖަވެރިކަން. ތަނަވަސްކަމާ ފުދުންތެރިކަމާ ތިޔާގިކަން. އެކަމަށްޓަކައި ސަރުކާރުން ހިންގާ ސިޔާސަތުތަކުގާ ތަފާތެއް އޮވެގެން ނުވާނެ. އަމާޒެއް އޮންނަން ވާނެ
ރައީސް ޞާލިޙް

ޝައްކެއްނެތް! ދުނިޔެއާ އާޚިރަތުގެ ކާމިޔާބާ ފަލާހް އޮތީ މާތްވެގެންވާ އިސްލާމްދީނުގަ. އިސްލާމްދީނުގެ ސައްހަ އަގީދާއާއި ރިވެތި އަޚްލާގާ ނުލައި ފުރިހަމަ ދިވެހި ޖީލެއް ބިނައެއް ނުކުރެވޭނެ. މިގޮތުން މިދިޔަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު. ހައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނަ އެޅޭ އެއްޗެއް. ދީނުގެ ނަމުގަ އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނަން
ރައީސް ޞާލިޙް

ހުރިހާ ތަފާތެއްގެ މަތީގައި އެކަތިގަނޑެއްގެ ގޮތުގައި ގާއިމްވެ އޮންނަ މާމުގައްދަސް އެހެން އެއްޗެއް އެބަވޭ. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިގައުމިއްޔަތާއި އަދި މިގައުމު. ދިވެހިދިދަ ދޭ ހިޔަލުގާ ނެތް ތަފާތެއް – ސަރުކާރަކަށް ނުގެންގުޅެވޭނެ. ތަފާތު ކުރުން ދޫކޮށްލުމުން، ކުރިންނެތް އެތަށް ހަމަޖެހުމަކާއި ކިތަންމެ މަޞްލަޙަތެއް އިޢާދަ ކުރެވި، ހިފެހެއްޓި - ދެމެހެއްޓިއްޖެ. ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ޚިދުމަތްކުރުމުގާ ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފި
ރައީސް ޞާލިޙް

ދޭދޭ ކޮންމެ ދެމީހަކާއި، ދެގެއާއި، ދެއަވަށާއި، ދެރަށާއި ދެއަތޮޅު ވިޔަސް، ފަރަގު ހުރޭ. އަމުދުން ސިޔާސީ ޕާޓީތަކުގާ އެކަން ބޮޑު. އެހެންނަމަވެސް، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުން. އަދާކުރަން ޖެހޭ ޙައްގުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ޚިދުމަތުގައި، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގާ ގަދަރުވެރި ދިވެހިރައްޔިތެއް.
09:40

09:34

ފުލުހުން އަންނަނީ އިހުތިޖާޖުގެ ބައިވެރިން ހައްޔަރު ކުރަމުން. އިހުތިޖާޖު ހުއްޓުވުމަށް ޕެޕާސްޕްރޭ ވެސް ޖަހައިފި.

09:28

ސޯސަންމަގުގައި އިދިކޮޅުން މިހާރު ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުނޭ.

އިދިކޮޅު ކޯލިޝަނުން ކުރާ މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް
09:16

އިހްތިޖާޖު ކުރަމުންދާ ޕީޕީއެމް ސަޕޯޓަރުންގެ ތެރެއަށް ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހާފައި

ރައީސް ޞާލިޙް

ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މިއަދު ޙަވާލުވެވެނީ ތަޞައްވުރެއް އޮވެ، ވަޢުދުވެ، ވީވަޢުދު ފުއްދުމުގެ މައްޗަށް. އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް، އެންމެ ބޮޑު އިސްކަން ސަރުކާރުން ދީގެން. ގައުމުގެ ހަމަޖެހުމާއި، އާންމު މަސްލަހަތާ އަމާންކަން ގެއްލިފައިވާނަމަ، އެންމެ ފުރަތަމަ ސަރުކާރުން އިޢާދަ ކުރަންޖެހޭނީ އެކަންކަން. އެކަންކުރެވޭނީ، އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގައި ސަރުކާރު ސާބިތުވެ ދެމިއޮވެގެން. ފާއިތުވި ހަތަރު އަހަރަކީ އޭގެ ކުރިން ހިނގައިދިޔަ އަހަރުތަކަށްވުރެ މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތްތަނުގާވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް.
09:15

މަޖިލީހުގެ ޖަލްސާ ވަނީ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައި

09:15

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްގެ ނަން ވެސް ވަނީ އިއްވާފައި

09:07

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ނަން އިއްވައިފި

09:06

މަޖިލީހުގެ ތަޅުމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނެރެދެއްވުމަށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ އަރިހުގައި މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

09:05

ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލާތީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނުކުމެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަންގަވައިފި

09:02

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި. ޕީޕީއެމް، ޕީއެންސީގެ މެންބަރުން ގެންދަވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލަމުން

09:00

މިއީ ދެވަނަ ޖުމްހޫރިއްޔާ އުފެދުނީއްސުރެ އިއްވޭ 55 ވަނަ ރިޔާސީ ބަޔާން

08:53

ރައީސް ޞާލިހު މަޖިލީހަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލާފައި

08:52

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ދާދި ދެންމެ ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައި. އެމަނިކުފާނަށް ރަތްދޫލައިން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

08:47

ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވުމަކީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާ އިން އެމަނިކުފާނަށް ލާޒިމް ކޮށްފައިވާ ކަމެއް

ރައީސް ޞާލިޙް

6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫޢު އެދަނީ ހިނގަމުން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގާ ޖޫނިއާ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން ދަނީ ކުރިއަށް. ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި، ހއ. ދިއްދޫ ގެ ޖޫނިއާ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން