ފަހަތުންއަރައި ބާރަށުން ތުރާކުނު ބަލިކުރިއިރު، އިހަވަންދޫގެ މައްޗަށް ވަށަފަރުން ކުރިހޯދައިފި

ބާރަށު ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ހއ. ބާރަށުން ފަހަތުން އަރައި ހއ. ތުރާކުނު ބަލިކުރިއިރު ހއ. އިހަވަންދޫގެ މައްޗަށް އެއަތޮޅު ވަށަފަރުން ކުރި ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ދަނޑުގައި ރޭ ކުޅުނު ހއ. ގެ ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ބާރަށުން ތުރާކުނުގެ މައްޗަށް ކުރި ހޯދީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގައި ބާރަށު ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފައެވެ. ނަމަވެސް އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ތުރާކުނު ޓީމުންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކުރީ އާޒިމްއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބާރަށުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ގޯލު ކާމިޔާބުކުރީ ބާރަށު ޓީމުގެ މިސްބާހުއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާރަށުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބާރަށު ޓީމުގެ ޝިހާމްގެ އެހީއާއެކު އެ ގޯލު ޖެހީ ސިނާންއެވެ.

މެޗުގެ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ބާރަށުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ބާރަށު ޓީމުގެ ޝައްމާނު ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަނީ ތުރާކުނު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ. އެ ޓީމުގެ ފަހު ގޯލަކީ މެޗުގެ 16 ވަނަ މިނެޓުގައި ޝަޒީމް ކާމިޔާބުކުރި ގޯލެކެވެ.

ވަށަފަރު ކުަޅުންތެރިން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެ އަތޮޅުގެ ގްރޫޕް ދޭއްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިހަވަންދޫއާއި ވަށަފަރެވެ. އެ މެޗު ވަށަފަރުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ވަށަފަރުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ވަށަފަރު ޓީމުގެ ސާޖިދުގެ އެހީއާއެކު މުސްލިހު ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ވަށަފަރު ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އެ ޓީމުގެ ސިނާން ކާމިޔާބުކުރި ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޮޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް