ކާޖޮލްގެ ފިލްމު ''ސަލާމް ވެންކީ'' ޒީ5ގައި ޕްރިމިއަކުރަނީ

މިދިޔަ އަހަރުގެ ޑިސެމްބަރު 9ގައި ރިލީޒްކުރި ބަތަލާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" މިމަހުގެ 10ގައި ޒީ5ގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފިރިހެންކުއްޖަކާއެކު ދިރިއުޅުން ހޭދަކުރުމުގައި މަޔަކަށް ދިމާވާ ގޮންޖެހުންތައް ކިޔައިދޭ މިފިލްމަކީ، ސައުތް ބަތަލާ ރިވަތީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ނެޝަނަލް އެވޯޑްވެސް ޙާޞިލްކޮށްފައިވާ ރިވަތީގެ މިފިލްމަކީ، ބެލުންތެރިން ވަރަށް ބޮޑަށް ވެސް ޖަޒުބާތީކުރުވި ފިލްމެއްކަމަށް ގިނަ ބެލުންތެރިން ވަނީ ސިފަކޮށްފައެވެ.

އަމިއްލަ ދަރިފުޅުގެ ހުރި ނުކުޅެދުންތެރިކަމާއެކު މުޖްމަތަމަޢުގެ ފަރާތުން ދިމާވާ ގޮންޖެހުންތަކާއި ފާޑުކިޔުންތަކަށް ރައްދުދޭނެގޮތް ކާޖޮލް ފިލްމުގައި ވަރަށް ރަގަޅަށް ދައްކުވައިދެއެވެ.

ބަތަލާ ކާޖޮލްއަކީ އަމިއްލަ ޙަޔާތުގައިވެސް ވަރަށް އަވަހަށް ޖަޒުބާތުގައިޖެހޭ ބަތަލާއެއް ކަމަށް ބުނެ ޑައިރެކްޓަރު ރިވަތީ ބުނީ ފިލްމަށް ކާޖޮލް އެއްބަސް ކުރުވުމަށް ވެސް ދުވަސްކޮޅެއް ނެގި ކަމަށެވެ. ކާޖޮލް ބުނެފައިވަނީ ފިލްމުގެ މަންޒަރުތައް ކުރިޔަށްދިޔަ ދުވަސްތަކުގައި ދެރަވެ އަމިއްލައަށް ވެސް ރޮވޭ ކަމަށެވެ.

މިފިލްމުގައި ބަތަލާ ކުޅޭ ރޯލަކީ ކިތަންމެ ހިތްވަރުގަދަ މަންމައަކަށް ވެސް ފަސޭހަ ރޯލެއް ނޫން ކަމަށް ދެ ކުދިންގެ މަންމަ ވަނީ ބުނެފައެވެ. މި ފިލްމަށްފަހު ދިރިއުޅުމާމެދު ދެކޭގޮތް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށް ބުނެ ކާޖޮލް ބެލުންތެރިންނަށް ދިން މެސެޖަކީ، މާޒީއާމެދު ނުވިސްނުމަށެވެ. އަދި ކުރިޔަށްއޮތްތަނުގައި ވާނެގޮތަކާމެދު ވިސްނުމުގައި ދުވަސް ހޭދަނުކޮށް ދިރިއުޅުން އުފާވެރިގޮތުގައި ހޭދަކުރުމަށް އިސްކަންދޭން ނިންމާފައިވާކަމަށް ކާޖޮލް ވަނީ ބުނެފައެވެ.

މި ފިލްމުގައި ކާޖޮލްގެ ދަރިފުޅުގެ ރޯލްއިން ފެނިގެންދާނީ، ފިލްމު "މަރްދާނީ 2"އިން ނުބައިބައި ކުޅެ ގިނަ ބައެއްގެ ސަމާލުކަން ހޯދި ވިޝޭލް ޖޭތްވާއެވެ. އެކްޓަރު އާމިރް ޚާންގެވެސް ޚާއްޞަ ފެނިލުމެއް ހިމެނޭ މި ފިލްމުގައި ކިޔައިދޭ ޖަޒްބާތީ ވާހަކައަކީ، ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ކިޔައިދޭ ވާހަކައެކެވެ. ފިލްމުގެ ވަރަށް މުހިއްމު ރޯލްއަކުން ޓީވީ ސީރީސް "ކަހީންތޯ ހީގާ"އިން މަޤުބޫލުކަން ހޯދި އެކްޓަރު ރާޖިވް ކަންޑެލްވަލް ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް