ރަޙްމަތްތެރިކަމުގެ ގުޅުން ދަމަހައްޓަން އަމީތާބް މަސައްކަތް ނުކުރާކަމުގެ ތުހުމަތު

ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ކެރިއަރަށް ލިބުނު ކާމިޔާބީއާއެކު އެކުވެރިކަމުގެ ގުޅުމަށް އޭގެ އަސަރުކުރިކަމަށް ބުނެ ސަލްމާން ޚާންގެ ބައްޕަ ސާލިމް ޚާން ވާހަކަދައްކައިފިއެވެ.

އަމީތާބްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުކަމަށްވާ "ޒަންޖީރް"އަކީ، ސާލިމް ޚާންއާއި ޖާވިދް އަޚްތަރު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. އަމީތާބް ބައްޗަންގެ ފިލްމީ ކެރިއަރު ބަދަލުކޮށްލި މި ފިލްމަށް ނޫނެކޭ ބުނި ތަރިންގެތެރޭގައި އޭރުގެ އެންމެ މަޝްހޫރު އެކްޓަރުންކަމަށްވާ، ދަރްމެންދްރާ، ދޭވް އާނަންދު އަދި ދިލިޕް ކުމާރު ހިމެނޭކަމަށް ސާލިމް ޚާން ވަނީ ބުނެފައެވެ.

ސަލްމާން ޚާންގެ ބައްޕަ މިމޭރުމުން ވާހަކަ ދައްކާފައިވަނީ ބޮލީވުޑް ބަބްލްއަށް ދިން އިންޓަވިއުއެއްގައި ދަރިފުޅު އަދި އެކްޓަރު އަރްބާޒް ޚާން ކުރި ސުވާލަކާ ގުޅިގެންނެވެ.

ފިލްމު "ޒަންޖީރް"އަށްފަހު ސާލިމް ޚާންއާއި ޖާވިދް އަޚްތަރުގެ ފިލްމީ ކެރިއަރަށް ވެސް ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފައެވެ. ސާލިމް-ޖާވިދްގެ ނަމުން އޭރު މަޝްހޫރުވި މި ލިޔުންތެރިންނަށް ބޮޑެތި ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު އޭރު ލިބިގެންދިޔައެވެ.

ސާލިމް ޚާން ބުނިގޮތުގައި ފިލްމު "ޒަންޖީރް"ގެ ބަތަލާގެ ރޯލަށް އޭރުގެ ވަރަށް ގިނަ ބަތަލާއިން ކައިރިން އެދުނު ކަމަށެވެ. އެހެންނަމަވެސް އެއްވެސް ބަތަލާއަކު ފިލްމުގައި ހިމެނޭ ބަތަލާގެ ރޯލް ކުޑަވުމުން އެއްބަސްނުވި ކަމަށް ސާލިމް ޚާން ވަނީ ބުނެފައެވެ.

ފިލްމުގައި ބަތަލާގެ ރޯލަށް ފަހުން އެއްބަސްވި ޖަޔާ ބައްޗަންވެސް ފުރަތަމަ ފިލްމުގެ ރޯލަށް އިންކާރުކުރިކަމަށް ބުނެ އަމީތާބަށްޓަކައި ފަހުން އެއްބަސްވީ ކަމަށް ސާލިމް ވަނީ ބުނެފައެވެ. ފިލްމު "ޒަންޖީރްއަށްފަހު އަމީތާބް އިންޑިއާގެ ސިނަމާގައި މަޝްހޫރުވެގެންދިޔައީ 'އެންގްރީ މޭން'ގެ ގޮތުގައެވެ. އޭގެ ފަހުން ގިނަ ފިލްމުތަކުން އަމީތާބްއަށް ފުރުޞަތު ލިބިގެންދިޔައިރު ސާލިމް-ޖާވިދްގެ ކޮންމެ ޕްރޮޖެކްޓެއްގައިވެސް އަމީތާބްގެ ނަން ހިމެނުމަށް ދެ މީހުން ވެސް އިސްކަންދީފައިވާނެ ކަމަށް ވެސް ސާލިމް ވަނީ ބުނެފައެވެ.

ދުވަސްތައް ވޭތުވަމުންދިޔަ ވަރަކަށް އަމީތާބް ވެސް ފިލްމީ ކެރިއަރުގައި ހަރުފަތެއް ގިރާކުރަމުން ދިޔައިރު ސާލިމްއާއި ޖާވިދު އަދި އަމީތާބް ވެސް ކުރީގައިއޮތް ބަދަހި ގުޅުން ދެމެހެއްޓުމަށް މާބޮޑު މަސައްކަތެއް ނުކުރާކަމަށް ފިލްމު ވެސް ޕްރޮޑިއުސްކުރާ ސާލިމް ވަނީ ބުނެފައެވެ. އަމީތާބްއަށް ފިލްމީ ދާއިރާގައި ލިބެމުން ކާމިޔާބީއާއި މަޝްހޫރުކަމާއެކު ކުރީގެ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ އެކްޓަރު އަމީތާބްގެ ޒިންމާއެއްކަމަށް ދެކޭކަމުގައި 87 އަހަރުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. މިކަމާގުޅޭގޮތުން މިހާތަނަށް އަމީތާބްގެ ފަރާތުން އެއްވެސް ރައްދެއްދީފައެއް ނުވެއެވެ.

ފިލްމީ ދާއިރާގައި މިހާރު ވެސް ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރަމުން އަންނަ އަމީތާބަކީ ވަރަށް މަޑުމައިތިރި ޢާއްމުންގެ ފަރާތުންވެސް ލިބޭ ފާޑުކިޔުންތަކަށް ރައްދު ނުދޭ ތަރިއެކެވެ. ސާލިމް ޚާން މިފަދަ ޢިބާރާތުން ވާހަކަދައްކާފައިވާއިރު ފާހަގަކޮށްލެވޭކަމަކީ، ސާލިމް ޚާންގެ ދަރިފުޅު ސަލްމާން ޚާންއާއެކު އަމީތާބް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާކަމެވެ. އަދި އަމީތާބްއަކީ ސަލްމާން ޚާން ވަރަށް ޤަދަރުކުރާ ފިލްމީ ތަރިއެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

comment ކޮމެންޓް