އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ, އެ ގައުމުގެ ގިނަ އަދަދެއްގެ ގައިދީންނަށް މަޢާފު ދެއްވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭއިން ރިޕޯޓުކުރި ގޮތުގައި، ޚާމަނާއި މަޢާފު ދެއްވުމަށް ފަހު ދޫކޮށްލި ގައިދީންގެ އަދަދު 10،000އަށް ވުރެ އިތުރުވާނެއެވެ. ނަމަވެސް ދޫކޮށްލި މީހުންގެ ސީދާ އަދަދެއްގެ އެ މީޑިއާއިން ހާމައެއް ނުކުރެއެވެ.
އައިއާރުއެންއޭއިން ބުނި ގޮތުގައި ދޫކޮށްލި ގައިދީންގެ ތެރޭގައި، ދާދި ފަހުން އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި އެތައް ބަޔަކު ވެސް ހިމެނެއެވެ.
ނަމަވެސް ބޭރުގެ އިދާރާތަކަށް ޖާސޫސު ކުރުމާއި ބޭރުގެ އޭޖެންޓުންނާ ގުޅުން ބޭއްވުމާއި ގަސްތުގައި މީހަކު މަރާލުމާއި އަނިޔާއެއް ދިނުމާއި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިވާ މީހުންނާއި އެމީހަކާ ދެކޮޅަށް އާންމު ފަރުދަކު ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ މީހުންނަށް މަޢާފު ދެއްވާފައި ނުވާނެކަން އެ ނޫހުން ފާހަގަކުރިއެވެ.
ހަމައެއާއެކު، އެ ގައުމުގައި ބަންދުކޮށްފައިވާ އެހެން ގައުމުތަކުގެ މީހުންނަށް ވެސް މަޢާފު ދެއްވާފައި ނުވާނެ ކަމަށް އެ މީޑިއާއިން ބުންޏެވެ.
ޚާމަނާއީ އެ މައާފު ދެއްވާފައި ވަނީ ޝަރުތުތަކަކާ އެކުގައި ކަމަށްވީ ނަަމަވެސް ދައުލަތުގެ މީޑިއާއިން އެ ޝަރުތުތައް ހާމައެއްނުކުރެއެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި ގައިދީންނަށް މައާފު ދެއްވާފައި ވަނީ، 1979 ވަނަ އަހަރު އެގައުމަށް ގެނައި އިސްލާމީ އިންގިލާބުގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އީރާނުގެ ދީނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 22 އަހަރުގެ މަހުސާ އަމީނީ މަރުވި މައްސަލައިގައި މުޅި ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވިއެވެ.
އެ މުޒާހަރާތަކުގައި އީރާނުގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެ މުޒާހަރާތަކުގައި 20،000 މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އެއީ 1979 ވަނަ އަހަރުގެ އިންގިލާބަށްފަހު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންވެސްމެއެވެ.
އީރާން ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެ މުޒާހަރާތަކުގެ ފަހަތުގެ ވަނީ ބޭރުގެ ދުޝްމަނުންތަކެކެވެ.
އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ މުޒާހަރާތަކުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 70 ކުޑަކުދިން ވެސް ހިމެނެއެވެ.