ހަ ވެލާ ފަޅައި، މަރާލާފައި އޮތް، ތަހުގީގު ކުރިއަށް އެބަދޭ: އީޕީއޭ

ފަޅާފައި ހުރި ވެލާތައް-- ފޮޓޯ/ ޓުވިޓާ

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ބަޔަކު މިިދިޔަ ހުކުރު ދުވަހު ވެލާތަކެއް ހިފައި އެ ވެލާތައް ފަޅައި ކައްކަން ތިއްބައި އަތުލައިގަތް އިރު، ހަ ވެލައެއް މަރާލާފައިވާކަން ދެނެގަނެވިފައިވާކަމަށާއި މިހާރު އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

ކެޔޮދޫގައި ވެލާ ފަޅައިގެން، އެ ވެލާތައް ކައްކަން ތިއްބާ ބަޔަކު އަތުލައިގަތީ އެ ކަމާ ގުޅޭ ގޮތުން ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނެވެ.

ފުލުހުންވަނީ އެކަން އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. އެ މައްސަލައާ ގުޅިގެން މިއަދު އީޕީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ތަނުން ހަ ވެލައެއް މަރާލާފައި އޮއްވައި ފެނުނުކަމަށެވެ. އެއީ ހަ ގްރީން ޓާޓަލްއެވެ.

އަދި ކައްކަން މަސައްކަތްކޮށްފައިވާއިރު ބައެއް ވެލާތަކުގެ ތެޔޮ ހާނަން މަސައްކަތް ކޮށްފައިހުރި ކަން ވެސް އެނގޭކަމަށް އީޕީއޭ އިން ބުންޏެވެ. ހަމައެއާއެެކު އެ ހިސާބުގެ ބައެއް ރަށްރަށުގެ މީހުން، ވެލާ ނަގައި، އޭގެ ވިޔަފާރިކުރާ މައްސަލަ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަވާކަމަށް ވެސް އީޕީއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

"އެ ކަމުގައި ހަރަކާތްތެރިވި މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އަޅުގަނޑުމެންގެ ލީގަލް ޓީމުން ކުރަމުން އަންނަނީ،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން މިއަދުވަނީ ބުނެފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެލާ ކަހަނބު ހިފުމާއި އެ ތަކެއްޗަށް އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެކެވެ.

ވެލާ ކަހަނބަކަށް ގޯނާއެއް ކޮށްފިނަމަ ގެއްލުން ދިނީ އެކައްޗަށްނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް