ޔޯގާ ހަމަނުޖެހުން: ދިފާއުގެ ޝަކުވާއަކީ ދައުލަތުން ޓެކްނޮލޮޖީއާ އެއްވަރަށް ކުރި ނޭރުން

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ހަތް މީހުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ---

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުން ދައުވާ އުުފުލާފައިވާ މީހުންގެ މައްޗަށް ހުށަހަޅާފައިވާ ބައެއް ހެކިތައް ގިނަ އަދަދެއްގެ ސީޑީތަކަށް އަޅާފަ ދިނުމުން އެކަމަށް ރަނގަޅު ހައްލެއް ގެނެސް ދިނުމަށް ދިފާއީ ވަކީލުން އެދެފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ވަނީ އެތާ ތިބި ބައެއް މީހުންނަށާއި، އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފައެވެ.

ޔޯގާ މައްސަލައިގައި ދުއުވާ އުފުލާފައިވާ މީހުން:

  1. މުޙައްމަދު ޛިލްޔަން, މއ. ކަނުހުރާ
  2. ހަސަން ޝިފާޒު, ކުދެހިގެ
  3. އަބްދުالله ރިފާޢު, ތ. ތިމަރަފުށި, ނަރުގިސް
  4. އަބޫބަކުރު ފާރިޢު, ނ. މިލަދޫ, ކާނޭޝަންމާގެ
  5. އަޙްމަދު އަކްސަމް, ރ. ކަނދޮޅުދޫ, އަލަމާގެ
  6. އަޙްމަދު ނަޞޫޙް, ގއ. މާމެންދޫ, އަސްރަފީވިލާ
  7. ޝަބިމް އާދަމް, ފ. ދަރަނބޫދޫ, އާބާދީގުލްޝަން

އެ ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ކުރުމުގެ އިތުރުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާއެވެ. އެ މީހުންގެ ތެރެއިން ރިފާޢު އާއި އަކްސަމް އާއި ޝިފާޒު އާާއި ޝަބިމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައެވެ. އަދި ޛިލްޔަންއަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ.

އެ ހަތް މީހުންގެ ތެރެއިން ފާރިޢު އާއި އަކްސަމް އަޑުއެހުމަށް އައީ ވަކީލަކާ ނުލައެވެ. އެ ދެ މީހުނަށް ވަކީލަކު އައްޔަނު ކުރުމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ދެންތިބި ފަސް މީީީހުންގެ ވަކީލުންނަށް ވަނީ އެ ބޭފުޅުންގެ މުވައްކިލުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފައެވެ.

އެގޮތުން ޛިލްޔަންގެ ވަކީލް މުހައްމަދު ޝާހިދު ވިދާޅުވީ މި މައްސަލައިގެ ލިޔެކިޔުންތަކުގެ ތެރޭގައި 58 ސީޑީ ހިމެނޭ ކަމަށާއި އޭގެ ބަދަލުގައި އެ ހުރިހާ ވީޑިއޯތަކެއް އެއް ޕެންޑްރައިވްއަށް ވެސް އެޅިދާނެ ކަމަށެވެ.

"މިޒަމާނަކީ ޑީވީޑީ ޕްލޭޔަރާ އެއްޗެހި އެންމެން އަތުގައި ހުންނަ ޒަމާނެއް ނޫން. ވަރަށް ފަހުގެ އުސޫލުތަކެއް ވެސް އެބަހުރި. އެހެންވީމަ ފަހުގެ ޖެނަރޭޝަންތަކަށް ޕީޖީން ވެސް އެބަޖެހޭ ކަންނޭންގެ ތައްޔާރުވާން," ޝާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ, ފަހުގެ ކޮމްޕިއުޓަރާއި ލެޕްޓޮޕްތަކުގައި ސީޑީ ރޮމް ނެތުމުގެ ސަބަބުން އެ ސީޑީތައް ބެލޭނެ ގޮތެއް އަދި ފަހިވެފައި ނުވާ ކަމަށެވެ. އެހެންކަމުން އޭގައި ހުރީ ކޯއްޗެއް ކަމެއް އަދި އެނގިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އަޙްމަދު ނަޞޫޙް ވަކީލް ހަސަން އަލީ ވިދާޅުވީ, ސީޑީރޮމްއެއް ވަރަށް މަސައްކަތުން ހޯދާފައިވާ ކަމަށާއި އަދި އޭގެތެރެއިން ބައެއް ސީޑީތައް ހުޅުވިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭގައި ހުރީ ކޯއްޗެއް ކަން އެނގިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ތިން ހަތަރު ސީޑީއެއް އެބަހުރި ރަން ނުކުރާ. ކޯޓުން ވެސް އަޅުގަނޑުމެންކައިރި ރިކުއެސްޓްކުރި ރަން ނުކުރާ ސީޑީތައް އުޅޭކަމުގައިވަނީ ނަމަ އެފަރާތަށް މައުލޫމާތު ފޯރުކޮށްދޭން. އަޅުގަނޑުމެނަށް ފަސްދޮޅަހަކަށް ސީޑީ މީގަ ރަން ކުރުވައިގެން ބަލާ ދިރާސާކޮށްފަ ކޯޓަށް އެ މައުލޫމާތު ދޭން އެހާ ވަގުތެއް ނުލިބުނު," ހަސަން އަލީ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝިފާޒުގެ ވަކީލް އަހްމަދު ޝިފާއު ވިދާޅުވީ, ވީޑިއޯތައް ދިފާއީ ވަކީލުންނަށް ފޯރުކޮށްދިނުމުގައި މިއަށްވުރެ ފަސޭހަ ގޮތެއް ދައުލަތުން ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ, ގޫގުލްޑްރައިވްއަށް ވީޑިއޯތައް އަޕްލޯޑް ކުރުމަށްފަހު ލިންކްތައް ދިފާއީ ވަކީލުންނާ ހިއްސާ ކޮށްލުމަކީ ވެސް ފަސޭހެވެފައި، ހަރަދު ވެސް ކުޑަވާނެ ކަމެއް ކަމަށެވެ.

ދިފާއުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ، އެއީ ހެކި ހުށަހެޅުމުގައި އަމަލުކުރަން އޮންނަ އުސޫލުކަމަށާއި، އެނޫންގޮތަކަށް ޢަމަލުކުރެވޭނީ އެފަދަ ނިޒާމެއް ޤާއިމުކޮށްގެން ކަމަށެވެ.

ޝަރީއަތުން ގާޒީ ވިދާޅުވީ, ސީޑީތަކުގައި މައްސަލައެއް ހުރި ނަމަ އެކަން ކޯޓަށް އަންގައިގެން ހައްލުކުރުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާޗު މަސް ތެރޭގައި ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އޭގެކުރިން އިދާރީ ގޮތުން ހުރިކަންކަން ސާފުކުރުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ވަނީ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ދެ ޝެއިހުންގެ އަޑުއެހުންތައް ފަށާފައިވާއިރު ދެ ޝެއިހުންގެ ފަރާތުން ވަނީ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިފައެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވެސް ދައުވާ ލިބޭ ބައެއް މީހުންގެ ވަކީލުން ވަނީ އަޑުއެހުން ލައިވްކޮށްދިނުމަށް އެދިފައެވެ.

comment ކޮމެންޓް