ވަގުތުގެ ނޫސްވެރިން ގަތުލުކުރުމަށް ގޮވާލި މައްސަލަ ފުލުހަށް

ވަގުތު ނޫހުގެ "ހޭރިޔާ" ޓީމް ޅ. އަތޮޅުގައި --- ފޮޓޯ/ ވަގުތު

"ވަގުތު"ގެ ނޫސްވެރިން ގަތުލުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައެއް ފުލުހަށް ރޭ ހުށަހަޅައިފިއެވެ.

އެ ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ އަތޮޅުތެރޭގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އެ ނޫހުގެ "ހޭރިޔާ" ޓީމުން ޅ. އަތޮޅަށް ދިއުމުން ސޯޝަލް މީޑިއާގައި މީހަކު ދިން އިންޒާރަކާ ގުޅިގެންނެވެ.

އެގޮތުން އެ ޓީމުން ޅ. އަތޮޅަށް ދިޔަ ޚަބަރުގެ ސްކީރީން ޝޮޓަކާއެކު މުހައްމަދު ވިޝާލް ނަމަކަށް ކިޔާ ފޭސްކުބް އެކައުންޓަކުން ކުރި ޕޯސްޓެއްގައި ވަނީ އެ ޓީމުން މީގެން ކުރިން ވެސް އައްޑުއަށް ގޮސް، މުސްލިމުންނަށް ޖާސޫސް ކޮށްފައިވާ ކަމަށެވެ.

"ޓެރަރިޒަމްގެ ނަމުގައި މި ސަރުކާރުން އެތައް މުސްލިމުންނެއް ހައްޔަރު ކުރޭ. އެއީ ހައްދު ފަހަނައެޅި ފިކުރުގެ ނަމުގައި ޝައިތާނާއަށް ވާގިވެރިވާ ބައެއް،" އެ ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓަށް އަހުމަދު ހަބީބު ނަމަކަށް ކިޔާ މީހަކު ކުރި ކޮމެންޓުގައި ބުނީ މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހާގެ ހުކުމަކީ ގަތުލްކުރުން ކަމަށެވެ. އަދި ކާފަރުން ކިތަންމެ ނުރުހުނަސް އެ ހުޅުކޮޅު ނިވައެއް ނުލެވޭނެ ކަމަށް އެ ކޮމެންޓުގައި ބުންޏެވެ.

ވަގުތު ނޫހުގެ ނޫސްވެރިން ގަތުލު ކުރުމަށް ގޮވާލި ޕޯސްޓުގެ ސްކްރީން ޝޮޓެއް ----

އެކަމާ ގުޅިގެން ވަގުތު ނޫހުގެ ސީއީއޯ އާދަމް ނަވާޒް މިއަދު "ސަން"އަށް ވިދާޅުވީ 2020 ވަނަ އަހަރު އެ ނޫހުގެ "ހޭރިޔާ" ޓީމުން އައްޑޫގައި ހަރުކަށި ފިކުރު އޮތް މިންވަރާ ގުޅިގެން ނެރެނު ލިޔުމަށްފަހު އެ ނޫހުގެ ނޫސްވެރިންނަށް އެކި ގޮތްގޮތަށް އިންޒާރު އަންނަ ކަމަށެވެ.

"ނައިފަރުގައި ވެސް ހަރުކަށި ފިކުރު އޮންނަ ކަމަށް މީގެ ދެ ތިން ދުވަސް ކުރިން އަޑުއިވިފަ ވަނީ. އެހެންވެ ހޭރިޔާ ޓީމުން ނައިފަރަށް ދިޔައީ އެ ކަހަލަ ރިޕޯޓެއް ތައްޔާރުކުރަން ކަމަށް އެ މީހުން ޝައްކުކޮށްފާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އައްޑޫ މައްސަލައިގައި ލިބުނު އިންޒާރުތަކުގެ ސަބަބުން ސެކިއުރިޓީ ހަމަޖައްސަދިން ނަމަވެސް ރޭގައި ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް