ފައިޓާޖެޓެއް ބޭނުންކޮށްގެން އެމެރިކާއިން އެންމެފަހުން ޗައިނާގެ ފުއްޕާހަން ވައްޓާލައިފި

ފުއްޕާހަން ވައްޓާލުުގެ މަސައްކަތްކުރަނީ

ވޮޝިންޓަން (5 ފެބްރުއަރީ 2023): އެމެރިކާގެ މަތިން އުދުހެމުންދިޔަ ޗައިނާގެ ފުއްޕާހަން ވައްޓާލައިފިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވިގޮތުގައި އެފުއްޕާހަން ވައްޓާލަންޖެހުނީ އެމެރިކާގެ ޙައްސާސް އަސްކަރީ މަރުކަޒުތަކެއްގެ މަތިން އޭތި ދަތުރުކުރާކަމަށްވެފައި ޖާސޫސުކުރާނެކަމުގެ ބިރު އޮތުމުންނެވެ.

އެމެރިކާއިން ކުރިން ބުނެފައިވާގޮތުގައި އެ ފުއްޕާހަމަށް ހަމަލާދީ ވައްޓާލައިފިނަމަ އޭގައި ހަރުކޮށްފައިވާ އާލާތްތައް ތަނެއްގައި ޖެހި ގެއްލުންލިބި އަދި އާންމުން މަރުވެދާނެކަމުގެ ބިރުއޮތުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ފުއްޕާހަން ވައްޓާނުލައި އޭގެ ހަރަކާތްތައް ބަލަމުން ގެންދިޔުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އަށް އަންގާފައެވެ. ނަމަވެސް ލޮއިޑް އޮސްޓިން ވިދާޅުވިގޮތުގައި އެފުއްޕާހަން ވައްޓާނުލައި އޭތި ދާނެގޮތަކަށް ދިޔުމަށް ދޫކޮށްލާފައި ބޭއްވުމަކީ އެމެރިކާއަށް ބޮޑު ގެއްލުންތަކެއް ވެދާނެކަމެކެވެ.

ފުއްފާހަން ވައްޓާލުމަށް ބޭނުންކުރި ފަައިޓާޖެޓް

އެހެންކަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އެމެރިކާގެ އާންމު ރައްޔިތަކަށް ގެއްލުމެއް ނުލިބޭގޮތަށް ވައްޓާލެވެންއޮތްނަމަ އެކަން ކުރުމުގެ ހުއްދަ ދެއްވާފައެވެ. އެފުއްޕާހަން ވައްޓާލުމަށް އެމެރިކާ ބޭނުންކުރީ އެގައުމުގެ އެފް-22 މަރުކާގެ ފައިޓާޖެޓެކެވެ. އެއިން މިސައިލެއް ފޮނުވާލައި ފުއްޕާހަން ފަޅާލީ އެފުއްޕާހަން އެމެރިކާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކެނެޑާގެ އެހީތެރިކަމާވެސް އެކުގައެވެ.

ފުއްޕާހަމުގެ ބައިތަކާއި އޭގައިވާ އާލާތްތައް ވެއްޓުނީ އެމެރިކާގެ ކަނޑުގެ ތަންކޮޅެއް ތިލަ ސަރަހައްދަކަށެވެ. އެހެންކަމުން އޭގައި ހިމެނޭ ބައިތައް ނެގުމަކީ ވަރަށް ފަސޭހަކަމެއްކަމަށާއި އެކަން ކުރަމުންގެންދާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ޗައިނާއިން ބުނެފައިވާގޮތުން އެމެރިކާއިން މާކަންބޮޑުކޮށްލައިގެން އުޅުނު ޗައިނާގެ ފުއްޕާހަމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައުލޫމާތު ހޯދުމުގެ އާލާތްތައް ހަރުކޮށްފައިވާ މަދަނީ ފުއްޕާހަމެކެވެ. އެ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދަށްވަނީ އޭގެ މިސްރާބު ބަދަލުކުރާ ނިޒާމަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އެކަންވާނީ އެމެރިކާއަށް އަންގާފައެވެ. އޭގައި ޖާސޫސުކުރާ އެއްވެސް އާލާތެއް ނުހުންނާނެކަމަށްވެސް ޗައިނާއިން ބުނެއެވެ. އަދި ޖާސޫސީ އެއްޗެއްކަމަށް ބުނެ އެމެރިކާ ދައްކާވާހަކަތަކަކީ ދޮގެއްކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ފުއްޕާހަން ފަޅާލާފައި

އެމެރިކާ، އަސްކަރީ ޖެޓެއް ބޭނުންކޮށްގެން އެ ފުއްޕާހަން ވައްޓާލުމާގުޅިގެން ޗައިނާ ވަނީ އެކަމާމެދު ދެރަވާކަމަށް ބުނެފައެވެ. ޗައިނާގެ ފުއްޕާހަމަކީ ޖާސޫސީ އެއްޗެއްކަމަށް އެމެރިކާ ސިފަކުރިއިރު ޗައިނާއަކީ ޒަމާނީ ޖާސޫސީ ސެޓަލައިޓްތައް ފަޒާއަށް ފޮނުވައި އެސެޓްލައިޓްތަކުގެ އެހީގައި އަސްކަރީ ޖާސޫސީ މައުލޫމާތު ހޯދުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ.

އެހެންކަމުން އެމެރިކާގެ މައްޗަށް ފުއްޕާހަމެއް ފޮނުވައިގެން އެމެރިކާއަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޖާސޫސުކުރަން ޗައިނާ އުޅެފާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

މުރާސިލުން ބުނާގޮތުގައި ޗައިނާގެ ފުއްޕާހަމުގެ ސަބަބުން އެމެރިކާއަށް ކުރިމަތިވީ ނަފްސާނީ މައްސަލައެކެވެ. އެއީ މޫސުމާބެހޭ މައުލޫމާތު ދިރާސާކުރަން ބޭނުންކުރާ އެއްޗަކަށް ވިޔަސް އެފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނުމަކީ އެމެރިކާ ޗައިނާގެ ކުރިމަތީގައި ބަލިކަށިވާކަމުގެ އިހުސާސު އެމެރިކާއަށް އިންތިހާއަށް ކުރެވެމުންދިޔަ ކަމެކެވެ. އެހެންވީމާ ވައްޓާލީއެވެ.

ޗައިނާގެ ފުއްޕާހަން ވައްޓާލުމަށްޓަކައި އެމެރިކާ އެގައުމުގެ ތިން އެއާޕޯޓެއް ވަގުތީ ގޮތުން ބަންދުކުރިއެވެ. ޗައިނާގެ ފުއްޕާހަން އެމެރިކާގެ މަތިން ދަތުރުކުރީ 18 ކިލޯމީޓަރު މަތިންނެވެ. އެއީ މަތިންދާބޯޓުތައް ދަތުކުރާ ލެލެވްއަށްވުރެ މާ މައްޗެވެ. އެހެންކަމުން ވައިގެ ދަތުރުފަތުރަށް އެފުއްޕާހަމުގެ އެއްވެސް ނުރައްކަލެއް ނެތްކަން އެމެރިކާއިން ވެސްވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް