ދިޕިކާއާއި ޕްރާބްސްގެ ''ޕްރޮޖެކްޓް ކޭ'' ރިލީޒް ކުރާނީ ދެ ބަޔަކަށް ބަހާލައިގެން

ބަތަލާ ދިޕިކާ ޕަދުކޯން އަދި އެކްޓަރު ޕްރަބާސް އެކީގައި ފެނިގެންދާ ފިލްމް ގެނެސް ދޭނީ ދެ ބަޔަކަށް ބަހާލައިގެންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ޕްރޮޖެކްޓް ކޭ"ގެ ނަމުގައި ވަގުތީ ނަމެއްދީގެން އުފައްދާ މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ. ދިޕިކާއާއި ޕްރަބާސްގެ އިތުރުން އެކްޓަރު އަމީތާބް ބައްޗަންވެސް މި ފިލްމުގެ ވަރަށް މުހިއްމު ރޯލްއަކުން ފެންނާނެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ތެލުގޫ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ނާގް އަޝްވިން ރެޑީއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފިލްމު ދެބަޔަކަށް ބަހާލައިގެން ގެނެސްދޭނީ މަޝްހޫރު ފިލްމު "ބާހޫބަލީ" ގެނެސްދެވުނު ކަހަލަ ގޮތަކަށެވެ. "ޕްރޮޖެކްޓް ކޭ"އަކީ މިހާތަނަށް ހިންދީ ސިނަމާއަށް ގެނެސްދެވިފައި ނުވާ ފަދަ މޮޅު އެހާމެ ވަރުގަދަ ފިލްމަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިޕިކާއާއި ޕްރަބާސް އެކީގައި ފުރަތަމަ ފެނިގެންދާ މި ފިލްމު ދެ ބަޔަކަށް ބަހާލުމަށް ނިންމާފައިވަނީ، ފިލްމުގައި ގެނެސްދޭ ވާހަކަ ޝައުޤުވެރިވެފައި ފިލްމުގެ ވިޝަންއާއި ޕްލޮޓްގެ ބޮޑުކަމުންނެވެ. ފިލްމު ދެބަޔަކަށް ބަހާލުމުން ފުރަތަމަ ބަޔާއި ދެވަނަބައިގެ ގުޅުން ވަރަށް ރަނގަޅަށް ފިލްމުން ދައްކުވައިދީ ވާހަކައިގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ފިލްމު ގެނެސްދޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މަޝްހޫރު ފިލްމު ކުންފުނި ވިޖަޔަންތީ ފިލްމްސްއިން އިންވެސްޓްކޮށްފައިވާ "ޕްރޮޖެކްޓް ކޭ"ގެ ފުރަތަމަ ޝެޑިއުލް މިހާރު ނިންމާލެވިއްޖެ ކަމަށް ޑައިރެކްޓަރު ނާގް އަޝްވިން ވަނީ ބުނެފައެވެ. ފުރަތަމަ ޝެޑިއުލްގައި އެކްޓަރު ޕްރަބާސްގެ ތަޢާރަފް ފެނިގެންދާ ސީންވެސް ހިމެނޭކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ. ޕްރޮޑަކްޝަން ހައުސްއިން ތަސައްވަރުކުރެވިފައިވާ ގޮތަށް ފިލްމު އުފެއްދިއްޖެނަމަ މިއީ އިންޑިއާގެ ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާނެ ފިލްމަކަށް ވެގެންދާނެކަމަށް މީގެ ކުރިން ނާގް އަޝްވިން ވަނީ ބުނެފައެވެ.

comment ކޮމެންޓް