ޔާމީންގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ: އަދުރޭ

ދުއްޕާން ނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ނަން އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

'ދުއްޕާން' ނަމުގައި އިދިކޮޅުން ރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ, އިންސާފްވެރި އިންތިޚާބެއް ބާއްވައިފި ނަމަ އެ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޕީޕީއެމުން ކަމަށެވެ.

"އިންސާފްވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބުކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގަ. ޕީޕީއެމް އަތަގަ އޮތީ. އެކަން އޮންނާނީ ދައްކާފަ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތަކުން ފާޑުކިޔާފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, އިދިކޮޅަށް ރައީސް ޔާމީން ނޫން ޗޮއިސްއެއް ނެތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ, ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ހުރިހާ ވިސްނުމަކާ މަސައްކަތެއް ކުރަމުންދަނީ ޔާމީން މިނިވަން ކުރުމަށް ކަމަށެވެ.

"އެ ބޭފުޅުން [ރިޔާސީ ޓިކެޓް ބޭނުންވާކަމަށް ބުނާ ބޭފުޅުން] އެ ވިދާޅުވަނީ ރައީސް ޔާމީންއޭ ވެރިކަމަށް ގެންނަން ބޭނުންވަނީ. އެ ނޫން ޗޮއިސެއް ބޭނުމެއް ނޫނޭ. ހެޔޮވެރިކަމުގެ ނިޒާމް މިގައުމުގައި ގާއިމް ކުރެއްވީ ރައީސް ޔާމީންއޭ. އެގަޓްހުރި އެ ހިތްވަރުހުރި އެ ކެރުންހުރި އެ ތަސައްވަރު އޮތް ލީޑަރަށޭ އަޅުގަނޑުމެން ތާއިދު ކުރަނީ. ވެރިކަން ބޭނުންވެގެނެއް ނޫނޭ މިތަނަށް އައިސް މިތިބެނީ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ޖަލުގައި ބަންދުކުރި ނަމަވެސް ޔާމީންގެ އަޑުކަނޑުވާ ނުލެވޭނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, އެމަނިކުފާނުގެ ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ލަޝްކަރު ބަލި ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް