އާލިއާއާއި ރަންވީރުގެ ފިލްމު ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

މިއަހަރު ސިނަމާތަކަށް އަންނާނެ އެންމެ އުއްމީދީ އަދި ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކުރާ މި ފިލްމް ކުރިން ރިލީޒްކުރާނެ ކަމަށް ބުނެފައިވަނީ، މިއަހަރުގެ އޭޕްރީލް 28ގައެވެ. އެހެންނަމަވެސް ފިލްމު ރިލީޒްކުރުން ފަސްކުރެވިފާވަކަމަށް ބުނަމުން ބަތަލާ އާލިއާ ބަޓްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ ބެލުންތެރިންނާ ބައްދަލުކުރާނީ މިއަހަރުގެ ޖުލައި 28ގައި ކަމަށެވެ.

މިއީ ފިލްމު ރިލީޒްކުރުމަށް ނިންމި ތާރީޚު ފިލްމު ޕްރޮޑަކްޝަން ހައުސްއިން ފަސްކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފިލްމު ރިލީޒްކުރާނެކަމަށް ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ބޮޑު ކާސްޓެއް ހިމެނޭގޮތަށް ދަރްމާ ކުންފުނިން ގެނެސްދޭ މި ފިލްމަކީ، ޢާއިލާގެތެރޭ އެކަކު އަނެކަކުގެ މެދުގައިވާ ލޯބި ދައްކުވައިދޭ ޢާއިލީ ފިލްމެކެވެ. އާލިއާގެ އިތުރުން ރަންވީރް ސިންގްވެސް ވަނީ ފިލްމު ރިލީޒްކުރާ ދުވަސް އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާ ޙިއްސާކޮށްފައެވެ.

ފިލްމު ރިލީޒްކުރުން ފަސްކޮށްފައި ވަނީ ބަތަލާ އާލިއާ ބަޓް ކައިވެންޏަށްފަހު މާބަނޑުވުމާ ގުޅިގެންނެވެ. ވިހެއުމަށްފަހު އާލިއާއާއި ރަންވީރުގެ ހަމައެކަނި ނުނިމިއޮތް ލަވައެއް ޝޫޓްކުރުމަށް ވެސް ނިންމިއެވެ. ނަމަވެސް ކުރިން ލަވަ ޝޫޓްކުރުމަށް ނިންމި ލޮކޭޝަން ބަދަލުކޮށް މިލަވައިގެ މަންޒަރުތައް ނަގަން ހަމަޖައްސާފައި ވަނީ އިންޑިއާގެ ކަޝްމީރުގައެވެ.

ކަރަން ޖޯހަރު 2016 ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "އޭ ދިލްހެ މުޝްކިލް"އަށްފަހު ޑައިރެކްޓަރުގެ ގޮނޑިފުރާ މި ފިލްމަކީ ކަރަންގެ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އިންތިޒާރުކުރާ އެންމެ ބޮޑު އެއް ފިލްމުވެސްމެއެވެ. ފިލްމު ރިލީޒްކުރުމާ ބެހޭގޮތުން ކަރަން ބުނެފައިވަނީ ކޮންމެ ލަސްވުމެއްގެ ފަހަތުގައިވެސް އުފާވެރިކަން ފޮރުވިފައިވާނެ ކަމުގައެވެ.

އާލިއާއާއި ރަންވީރުގެ އިތުރުން ކުރީގެ ފިލްމީ ތަރިންކަމަށްވާ ޝަބާނާ އަޒްމީ، ޖަޔާ ބައްޗަން އަދި ދަރްމެންދްރަ ފިލްމުގައި ފެނިގެންދާނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޝަބާނާ އަޒްމީ ފިލްމުގައި ފެނިގެންދާނީ އާލިއާގެ މާމަގެ ރޯލްއިންނެވެ. އަދި ޖަޔާ ބައްޗަން ފެނިގެންދާނީ ރަންވީރުގެ މާމަގެ ރޯލްއިންނެވެ.

comment ކޮމެންޓް