މިހާރު އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ލޭއޮހުރުވުމަށް ދިއުމަކަށް ގޮވާލައި ޓްވީޓްކުރި މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.
ޝިއުނާ ކުރެއްވި ޓުވީޓުގައި ވަނީ ވަރަށް ހަރުކަށިކަމާއެކު ބަޔަކު ނިކުމެ މިހާރު އޮތް ވެރިކަން ނިންމަން ވެއްޖެ ކަމަށް ބުނެފައެވެ. އަދި މިހާރު އޮތް ރައީސް ޞާލިޙުގެ ސަރުކާރަކީ ކޮންމެ ދުވަހަކު މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ސަރުކާރެއް ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ.
"ޓުވީޓް ކުރަން ތިބެގެން މިކަން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ،" އޭނާގެ ޓުވީޓުގައިވެއެވެ.
ޝިއުނާގެ ނަމުގައިވާ ވެރިފައިޑް އެކައުންޓުން އެ ޓްވީޓްކުރިތާ ދެ ދުވަސް ފަހުން މިރޭ އޭނާގެ ޓްވިޓާ އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެ ޓުވީޓާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޝިއުނާ އެ ޓްވީޓްކުރިތާ މާގިނައިރުތަކެއް ނުވެ ވަނީ ޑިލީޓް ކޮށްފައެވެ. އޭގެ ފަހުން އޭނާ ކުރި ޓުވީޓުގައި ބުނެފައިވަނީ އެ ޓުވީޓް ޑިލީޓް ކުރީ އޭގެން ބައެއް މީހުންނަށް ނުބައި މާނަ ނެގޭތީ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެ ޓުވީޓުން ހަރުކަށި އަމަލެއް ހިންގުން [ލޭއޮހޮރުވުން] މާނަ ނުކުރާ ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ.
ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.
މީގެ ކުރިން ވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް މީހުން ކުރާ ޓުވީޓުތަކާއި ޕޯސްޓުތަކުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ވެސް އުފުލާފައިވެއެވެ.