އިންޑިއާގެ ނޫސްވެރިޔާ ދެ އަހަރަށް ފަހު ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ނޫސްވެރިޔާ، ސިއްދީގު ކައްޕާން ދެ އަހަރު ދުވަހަށް ފަހު ޖަލުން މިނިވަން ކޮށްފި -- ފޮޓޯ/ ބީބީސީ

އިންޑިއާގެ ނޫސްވެރިޔާ، ސިއްދީގު ކައްޕާން ދެ އަހަރު ދުވަހަށް ފަހު ޖަލުން މިނިވަން ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރު، ހަތަރު ފިރިހެނަކު ވެގެން ރޭޕްކުރި އަންހެނަކު މަރުވި މައްސަލައެއް ރިޕޯޓް ކުރަން ޕްރަދޭޝް ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށްނެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މައްސަލަތައް އުފެއްދުމަށާއި އަނިޔާވެރިވުމަށް ރޭވި ކަމަށް ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

އެ ދުވަހު އޭނާއާއެކު ކާރުގައި ތިބި ތިން މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގައި ވަނީ މުޒާހަރާތައް ފަށާފައެވެ.

ކައްޕާން ހައްޔަރު ކުރުމާ އެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ އެކަން ކުށްވެރިކޮށް އިންޑިއާ ނޫސްވެރިންނަށް ރައްކާތެރިކަން ކުޑަވަމުންދިއުމާ ގުޅޭގޮތުން އަޑު އުފުލާފައެވެ.

ވޯލްޑު ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ވެސް އިންޑިއާ ވަނީ އަށް ދަރަޖަ ދަށަށް ވެއްޓިފައެވެ. މިހާރު އިންޑިއާ އޮތީ 180 ގައުމު ހިމެނޭ އެ ލިސްޓުގެ 150 ވަނައިގައެވެ.

މިނިވަން ވުމަށްފަހު ކައްޕާން ބުނީ އޭނާއަކީ ނޫސްވެރިއެއް ކަމަށާއި އަދިވެސް ހަމަ އެގޮތުގައި ނޫސްވެރިކަން ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކެރެލާއަށް އުފަން ކައްޕާން ހައްޔަރު ކުރިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ މަލެޔާލަމް ނޫސް ޕޯޓަލް އަޒިމުކަމްގައެވެ.

އޭނާ ހައްޔަރުކުރުމަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރާ ކަމަށް، އޭނާ ވަނީ ފުލުހުންގެ މައްޗަށް ތުހުމަތުކޮށްފައެވެ. އަދި އޭނާ ޖަލުގައި ހުރި މުއްދަތުގައި ހަކުރުބަލީގެ ބޭސްތައް ކަމާބެހޭ ފަރާތްތަކުން އޭނާއަށް ފޯރުކޮށް ނުދޭ ކަމަށް ވެސް އޭނާގެ އާއިލާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ފުލުހުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް އޮތްއިރު އިންޑިއާގެ ސުޕްރީމް ކޯޓުން އެއް މައްސަލައެއްގައި އޭނާ ދޫކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

އަދި އައްލާބާދު ހައިކޯޓުން ދެވަނަ މައްސަލާގައި އޭނާ ދޫކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

އެކަމަކު އޭގެ ފަހުން މިނިވަން ނުވެ މަހަކަށް ވުރެ ގިނަ ދުވަސް ހޭދަވީ އިޖުރާއީ ލަސްތަކެއްގެ ސަބަބުންނެވެ.

comment ކޮމެންޓް