އެމެރިކާ މަތިން އުދުހެމުންދާ ޖާސޫސީ ފުއްޕާހަމުގެ ހަގީގަތް ޗައިނާއިން ހާމަކޮށްފި

ޗައިނާގެ ފުއްޕާހަން

ބެއިޖިންގް (4 ފެބްރުއަރީ 2023): އެމެރިކާގެ މަތިން ދުވަސްތަކެއް ވަންދެން ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އުދުހެމުންދާކަމަށް ބުނެ އެމެރިކާއިން ދައްކަމުން ގެންދާ ވާހަކަތަކުގެ ހަގީގަތާބެހޭގޮތުން ފުރަތަމަ ފަހަރަށް ޗައިނާއިން ވާހަކަދައްކައިފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާއިން މާކަންބޮޑުކޮށްލައިގެން އުޅޭ ޗައިނާގެ ފުއްޕާހަމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައުލޫމާތު ހޯދުމުގެ އާލާތްތައް ހަރުކޮށްފައިވާ މަދަނީ ފުއްޕާހަމެކެވެ. އެ ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދަށްވަނީ އޭގެ މިސްރާބު ބަދަލުކުރާ ނިޒާމަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.

ޗައިނާއަކީ އެމެރިކާއާ ޚިލާފަށް ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބާ ގައުމެއްކަމާއި އަދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަށް ފުރިހަމައަށް އިހުތިރާމް ކުރާގައުމެއްކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާ އިން ބުންޏެވެ.

މީގެއިތުރުން ޗައިނާއަކީ އެމެރިކާގޮތަށް ދުނިޔޭގެ ގައުމުތަކުގެ އެއްގަމާއި ވައިގެ ސަރަހައްދަށްވަދެގަނެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަ ގައުމެއް ނޫންކަމާއި ޗައިނާގެ ފުއްޕާހަމަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވިކަން އެފުއްޕާހަން ވައިގެ ތެރެއިން ވަދެފާނެ ކަމަށް ބެލެވޭ ގައުމުތަކަށް ޗައިނާގެ މޫސުމާބެހޭ އިދާރާ މެދުވެރިކޮށް އެކަން އަންގާފައިވާނެ ކަމަށްވެސް ޗައިނާގެ ބަޔާނުގައިވެއެވެ.

އެމެރިކާގެ މަތިން އުދުހެމުންދާ ޗައިނާގެ ފުއްޕާހަމަކީ އަސްކަރީ ޖާސޫސީ ފުއްޕާހަމެއްކަމަށާއި އެ ފުއްޕާހަން އުދުހެމުންދަނީ ފަސިންޖަރު މަތިންދާބޯޓުތަކާއި އެނޫންވެސް މަދަނީ ބޭނުންތަކަށް އުދުހޭ އުޅަނދުތަށް އުދުހޭ މިންވަރަށްވުރެ މާބޮޑަށް މަތިންކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން" އިން ބުނެއެވެ.

އެމެރިކާ ވަރަށް ގާތުން ބަލަމުންދާ ޗައިނާގެ ފުއްޕާހަން ދަތުުރުކުރާގޮތުގެ ރޫޓު

ޗައިނާގެ ފުއްޕާހަމުގެ ކައިރިއަށް އެމެރިކާ ވަނީ އެގައުމުގެ އަސްކަރީ ފައިޓާޖެޓްތައްވެސް ފޮނުވާފައެވެ. ނަމަވެސް ހަމަލާދީ އެ ފުއްޕާހަން ވައްޓާލައިފިނަމަ އޭގައި ހަރުކޮށްފައިވާ އާލާތްތައް ތަނެއްގައި ޖެހި ގެއްލުންލިބި އަދި އާންމުން މަރުވެދާނެކަމުގެ ބިރުއޮތްކަމުގެ އިންޒާރު އެމެރިކާގެ ފަންނީ މަސްއޫލުވެރިން ދެއްވާފައިވާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ފުއްޕާހަން ވައްޓާނުލައި އޭގެ ހަރަކާތްތައް ބަލަމުން ގެންދިޔުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އަށް އަންގާފައެވެ.

ޗައިނާގެ ފުއްޕާހަމާމެދު އެމެރިކާ އެލާޓަށް ގޮސްފައި ވަނިކޮށް އެމެރިކާގެ ދިފާއީ ވުޒާރާ ބުނާގޮތުން އަނެއްކާ މިއަދުވަނީ ޗައިނާގެ ދެވަނަ ފުއްޕާހަމެއްވެސް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައެވެ. މިއިން އެއްވެސް ފުއްޕާހަމަކުން އެމެރިކާއަށް އަސްކަރީ މާބޮޑު ބިރެއްނެތް ނަމަވެސް ޖާސޫސީ ބިރު އޮތްކަމާއި އަދި ބޭރުގައުމަކުން އެމެރިކާގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑާލަމުންދާއިރު އެކަމާދެކޮޅަށް ފިޔަވަޅު އެޅޭނެގޮތެއް އެމެރިކާއަށް ނެތުމަކީ ކަންބޮޑުވުމެއްކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންވަނީ މިހަފުތާގައި އޭނަ ޗައިނާއަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅު ޗައިނާގެ ފުއްޕާހަމުގެ ސަބަބުން ލަސްކޮށްލިކަން އިއުލާނު ކުރައްވާފައެވެ. ބްލިންކެން ވިދާޅުވިގޮތުގައި ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވައްދައިގެން އެމެރިކާގެ ވައިގެ ސަރަހައްދުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން އެކަމަށް އިހުތިޖާޖުކުރުމުގެ ގޮތުން އޭނާގެ ޗައިނާ ދަތުރުފުޅު ލަސްކޮށްފައިވާކަން ޗައިނާގެ ޚާރިޖީ ވަޒީރަށް ވާނީ ދަންނަވާފައެވެ.

އެހެންނަމަވެސް ޗައިނާއާއެކު އެމެރިކާ ބާއްވާ ޑިޕްލޮމެޓިކް ގުޅުންތަކާއި ކޮމިއުނިކޭޝަންސްތަކަށް ކުޑަވެސް ބުރުލެއް ނަރާނެކަމަށް ބްލިންކެން ވިދާޅުވިއެވެ.

ޗައިނާ ވަނީ އެގައުމުގެ ފުއްޕާހަމުގެ ހަގީގަތް އޮޅޭގޮތަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެމެރިކާއަށް އިލްތިމާސްކޮށްފައެވެ. ޗައިނާގެ ފުއްޕާހަމަކީ ޖާސޫސީ އެއްޗެއްކަމަށް އެމެރިކާއިން ސިފަކުރާއިރު ޗައިނާއަކީ ޒަމާނީ ޖާސޫސީ ސެޓަލައިޓްތައް ފަޒާއަށް ފޮނުވައި އެސެޓްލައިޓްތަކުގެ އެހީގައި އަސްކަރީ ޖާސޫސީ މައުލޫމާތު ހޯދާ ގައުމެކެވެ. އެހެންކަމުން ފުއްޕާހަމެއްގައި ޖާސޫސީ އާލާތްތައް ހަރުކޮށްގެން އެހަން އެމެރިކާގެ ވައިގެ ސަރަހައްދަށް ވައްދައިގެން ޖާސޫސުކުރުމުގެ އާދައިގެ ހިންގަފާނެތޯ ތަޖުރިބާކާރުންވަނީ ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް