އެތުލެޓިކްސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދިރާގުން އޭއޭއެމްއާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭއޭއެމް)ގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރުކަމަށް ދިރާގާ އެކު ސޮއިކޮށްފިއެވެ.

އޭއޭއެމް އަކީ ރާއްޖޭގެ ޓްރެކް އެންޑް ފީލްޑް، ރޯޑް ރޭސް އަދި ރޭސް ވޯކިންގެ އެކި ހަރަކާތްތައް ބަލަހައްޓާ ހިންގާ އިދާރާއެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ.

އަދި މި ޕާޓްނާޝިޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭއޭއެމްއަށް މަގުފަހިކޮށް އެހީވެދިނުމަކީ ދިރާގުގެ އުންމީދު ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ޖެނެރަލް ސެކްރެޓަރީ، އަހްމަދު މުންތަޤިމް ވިދާޅުވީ ދިރާގުން ރާއްޖޭގައި އެތުލެޓިކްސް ކުރިއެރުވުމަށް ދެމުންގެންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް މި ކުޅިވަރުން އިތުރަށް ކުރިއަށް ދާން ފުރުސަތު ލިބުމަކީ އުންމީދެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ދިރާގާއެކު މި ކުޅިވަރު އިތުރަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް،" މުންތަޤިމް ވިދާޅުވިއެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.

comment ކޮމެންޓް